"ވަންމިނިޓް އިނގޭ ލަވް.." ރާހިލް އަނާގެ ކޯތާފަތުގައި އަތް ބީއްސާލާފައި ފޯނު ކަންފަތުގައި ޖަހައިގެން މީހުންނާއި ތަންކޮޅެއް ދުރަށް ޖެހިލައިފިއެވެ. އެފޯނު ނެގުނުކަމުގެ މޮޔަހީވީ އެކޮޅުން ދެއްކި ވާހަކަތައް އަޑުއަހާފަައެވެ. ރާހިލް ހުއްޓުން އަރާފައި ހުރިއިރު ނިތްކުރިން ދާހިއްލާލައިފިއެވެ. އަލީސާ ކައިލަންއަށް އޮޅުވާލިފަދައިން އޭނައަށް އޮޅުވާލަން ޖެހޭހެއްޔެވެ؟ ބަލިވެއިނޭ ހާސްފަހަރު ބުންޏަސް އޭނަ ގަބޫލެއްނުކުރާނެއެވެ. އެއަޑު އިވިފައި ލިބުނު ޝޮކް ފިލާ ރުޅިވެރިކަން އިންތިހާއަށް ގަދަވެގަތެވެ. އަލީސާއާއި އޭނަގެ އޮތް ދުވަސްވީ ގުޅުމާއިމެދުވެސް އޭނަގެ ފަރުވާލެއްނެތެވެ.

"އަލީސާ، ކަލޭގެ ބޭނުން އަހަންނަށް އެނގޭ، އަހަންނާއި އެނީގެ ކައިވެނިކުރި އަޑުއަހާފައި އެކަމާއިހެދި ޖޭވިވަރުން ހަދަހަދައިގެން ތިވާހަކަދެއްކީ، ހީކުރީތަ މަށަށް އޮޅުވާލެވޭނެކަމަށް؟ ކަލެެއަކަށް ނުވާނެ ތިކަމެއް، އަހަންނޭ ކިޔައިގެން އަނގަ ހުޅުވާލިޔަސް ރާއްޖޭގައި ނޫޅެވޭވަރުކޮށްލާނަން، އަހަރެންގެ ފައިސާގެ ދަހިވެތިކަމުގައި މަގޭ ބޮލުގައި ކޮންމެހެން ދަރިއެއް އަޅުވަން އުޅޭނެކަމެއްނެތް، މަށަށް ކިހިނެއް އެނގެނީ ކަލޭ އެހެންމީހުންނާއިއެކު އެގޮތަށް ނޫޅޭކަމެއް، އައި ޑޯންޓް ޓްރަސްޓް ޔޫ....." ރާހިލް ދަތްތަކަށް ބާރުލާފައި ހަޅޭއްލަވައިގަތެވެ. ރާހިލް ރުޅިގަދަވެފައި ހުރިވަރުން އަލީސާގެ ހިތަށް ކޮށްފާނެ އަސަރެއްވެސް އެވަގުތު ވިސްނާނުލެވުނެވެ. ފަހުން ހިތާމަކުރާވަރަށްވެސް އޭނައަށް އަލީސާއަށް އެތިވަރު ގޮވާލެވިއްޖެއެވެ.

"ގުޑްބައި ރާހިލް...." އެކޮޅުން މާގިނަ ވާހަކައެއް ނުދައްކާ ފޯނު ކަނޑާލުމުން ރާހިލް ފޯނުގެ ސްކްރީނަށް ބަލާލާފައި ކުއްލިއަކަށް މައިތިރިވިއެވެ. އެކިގޮތްގޮތަށް ހިތަށް ވިސްނާދީގެންވެސް ރާހިލްގެ ހިތަށް ތަސައްލީއެއް ނުލިބުނެވެ. އަލީސާފަދަ ހަރުދަނާ ކުއްޖަކު އޭނަގެ ހަޔާތާއި ވަކިވެގެންގޮސްފައި އަލުން ގުޅާނީ ހަގީގަތް ހާމަކޮށްދޭށެވެ. އޭނަގެ ދަރިއަކަށް ބަލިވެނެތްނަމަ އަލީސާ ގުޅާފައި އެވަރުގެ ދޮގެއް ނަހަދާނެއެވެ. ހަގީގަތުގައިވެސް އަލީސާ ބަލިވެއިނީކަން ނޭގެއެވެ. އަލީސާ ޖެހޭނީ އެ ދަރިފުޅު ނައްތާލާށެވެ.

މެހުމާނުންތަކަށް ސަމާލުކަން ދިނަސް ރާހިލްގެ މޫނުމަތިން ކުރިން ފެނުނު އުފާވެރިކަން ގެއްލި މޫނުގެ ކުލަ ފަނޑުވިއެވެ. ސިކުނޑިއަށް އަރަނީ އަލީސާ ދެއްކި ވާހަކަތަކެވެ. އަލީސާ އޭނަގެ ދަރިއަކަށް ބަލިވެއިނުން އެއީ ކުޑަކަމެއްނޫނެވެ. ރާހިލްގެ ހަނދާނަށް އައީ އޭނައާއި އަލީސާގެ ފުރަތަމަރެއެވެ. އޮފީހުގައި އެދެމީހުން އުޅުނު ޚާއްސަގޮތެވެ. އަލީސާފަދައިން އެހެން އަންހެންކުއްޖަކަށް އޭނަގެ ހުރިހާ ބޭނުމެއް ފުއްދާދެވޭނެހެއްޔެވެ؟ އަނާވެސް އޭނަދެކެ ލޯތްބެއްނުވެއެވެ. މަންމައަށްޓަކާ އޭނައާއި ކައިވެނިކުރިކަމުގައިވިޔަސް އެކުރީ ކޮންފަދަ އަނިޔާވެރި ޝަރުތެއްހެއްޔެވެ؟ އެކުއްޖާގެ ގައިގާ ބީހުން މަނާކުރީއެވެ. އެފަދަ ހުއްދައެއް ދިންކަމުގައިވިޔަސް އަލީސާގެ އެހެރަ ފޯރިއަކާއި ޖޯޝެއް އަނާގެ ނުހުންނާނެއެވެ.

މެހުމާނުންތައް ހުސްވިއިރު އަނާ ދިޔަތަނެއް ރާހިލްއަކަށް ނޭގުނެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު ކޮޓަރި ލެވެންޑަރ އުއްބައްތިތަކާއި ފިނިފެންމަލުގެ ދާނަކަށް ހަދާލާފައިވާތަން ފެނިފައި ރާހިލް ހަށިފުރާނޭވާއެއްލިއެވެ. މިއީ ބޭކާރުކަމެއްކަން އެހެން މީހުންނަށް އެނގުނުނަމައެވެ. އަނާ މިކައިވެންޏަށް އެއްބަސްވިކަމުގައިވިޔަސް އޭނަގެ އަންބަކަށްވާކަށް ތައްޔާރެއްނޫނެވެ. ރާހިލް ހެދުން ބަދަލުކޮށްލައިގެން ބޭރަށް ނުކުތީ އެންމެ މަގުސަދެއްގައެވެ. ރަތް ފިނިފެންމާބޮނޑިއެއްގައި މާފަށް އެދި ކުޑަ ނޯޓްކޮޅެއް ލިޔެގެން ގޮސް އަލީސާ އުޅޭ އެޕާޓްމެންޓްގެ ދޮރުގައި ޓަކިދިނުމުން ހުޅުވީ ޚުދު އަލީސާއެވެ. ދޮރުމަތީގައި ރާހިލް ހުރިތަން ފެނިފައި އަލީސާ ދޮރުލައްޕާލަން އުޅެގަތުމުން ރާހިލް ދޮރުދޭތެރެއަށް އަތްލެއްވިއެވެ.

"އެލީ އައިމް ސޮރީ، އެލީ ގުޅިވަގުތު އައި ވޯޒް ނޮޓްމައިސެލްފް، ޝޮކެއް ލިބުނީމަ އަހަންނަށް ރިއެކްޓްވިގޮތް ރަގަޅުނޫންކަން އަހަންނަށް ގަބޫލުކުރެވުނީ އެލީ ދެެކޮޅަށް އެއްޗެއް ނުބުނެ ފޯނު ކަނޑާލީމަ، އަހަރެން ގަބޫލުކުރަން އެލީގެ ބަނޑުގައިވަނީ އަހަރެންގެ ދަރިއެއްކަމަށް، ސޮރީ ބޭބީ..." ރާހިލް ހިތުގެ އަަޑިން މާފަށް އެދުނެވެ. އޭނަ މިހިރީ ދެވަނަ އަންބެއްގެ ގޮތުގައިވިޔަސް އަލީސާ އޭނަގެ ހަޔާތަށް ގެންނަން ތައްޔާރަށެވެ. އާއިލާގެ މީހުންނަށް ސިއްރުން ތަނެއް ހިފާފައި ބެހެއްޓުން އޭނައަށް ދަތިކަމަކަށް ނުވާނެއެވެ. އެހެން ގައުމެއްގައިވެސް އަލީސާ ބެހެއްޓޭނެހާ ފެންވަރު އޭނަގެ އެބަހުއްޓެވެ.

"އިޓްސް ޓޫ ލޭޓް، މިތަނުން ދޭ..." އަލީސާ އެ މާބޮނޑި އަތުކޮޅަށް ހޫރާލާފައި އެތެރެއަށް ދާން އުޅުމުން ރާހިލް އެއަތުގައި ހިފާފައި ދަމައިގަތުމުން ރާހިލްގެ މޭގައި ޖެހުނެވެ.

"އެލީ ތިގޮތަށް ސްޓަބްންވާކަށް އަހަރެން ފުރުސަތެއްނުދޭނަން، މަގޭދަރިފުޅަށް މަގޭ ހައްގުވެސް އޮންނާނެ......." ރާހިލް ތަންކޮޅެއް ހަރުކަށިވެލިއެވެ.

"ޔޫ ޑޯންޓް އޯން މީ ރާހިލް، ދުުރުގައި ހުރެގެން ވާހަކަދައްކާ. ރާހިލް ކީ އެއްޗެހި ހަނދާންނައްތާލާފައި ދުވަހަކު މާފުކުރާނެކަމަށް ހީކޮށްގެންނުވާނެ، ފުރާނަދާއިރުވެސް ރާހިލްގެ ރަހުމެއްނެތް ބަސްތައް މިހިތުގައިވާނެ، ވީމަ ހައްދަން ދުނިޔޭގައިވާ އެއްޗެހި ގެނެސް މިތަނަށް ޖަމާކުރިކަމުގައިވިޔަސް މި ހިތް ދެން ބަދަލެއްނުވާނެ، ތިމުއްސަދިކަމުގެ ޒައްރެއްގެ މިންވަރުވެސް ބޭނުންނޫންކަން ހާމަކޮށްދޭނަން، ތިއީ އެއްވެސް ރަހުމެއް ކުލުނެއް ނެތް އަނިޔާވެރި ހިތެއްގެ ވެރިއެއް. މިއަދުން ފެށިގެން ރާހިލް ކިޔާ މީހަކު އަހަރެންގެ ހަޔާތަށް ނާންނަކަމަށް ނިންމައިފިން، އޭނަ އަބަދަށްޓަކާ މަރުވެއްޖެ.........." އަލީސާ ދަތްތަކަށް ބާރުލާފައި ބުނެލިއެވެ. ރާހިލް ބުނާނެ އެއްޗެއް ނޭގިފައި ހުރެ އިސްޖަހައިލީ ކުށްވެރި އިހުސާސްތަކުން ހިތް ގެނބެންފެށީމައެވެ. ހަގީގަތުގައިވެސް އޭނައަކީ އަލީސާގެ ކުށްވެރިޔާއެވެ.

އެވަގުތު އަލީސާގެ އެކުވެރިޔާ އައުމުން އެތާގައި މަޑުކުރާކަށް ރާހިލްއަކަށް ނުކެރުނެވެ. އެހެންނޫނަސް އަލީސާގެ ދެލޮލަށް ބަލާލުމުން އެފެނުނު ފިނިކަމުން ރާހިލްގެ ގައިން ހީބިހި ހަލުވާލައިފިއެވެ. އަލީސާ އޭނައަށް މާފުނުކުރާނެކަމަށް ޔަގީންކުރެވި ހިތަށް ނުބައި އަސަރުތަކެއްކުރިއެވެ. ބައެއްފަހަރު އެފަދަ ތޫނު ބަސްތަކުން ހިތަށް ތަދުވާލެއް އަސްލު މާ ބޮޑުވާނެއެވެ. ރާހިލް ރުޅީގައިހުރެވެސް އެބުނީ ބުނަން ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ. މާޔޫސްވެފައި ހުރެ ރާހިލް ސިޑިން ފައިބައިގެންގޮސް ކާރަށް އަރާފައި ހުންގާނުގައި ބާރަކަަށް އަތުން ޖެހިއެވެ.

އަނާގެ މަންމައަށް ޒިޔާރަތްކޮށްފައިވެސް ރާހިލްއާއި ކައިވެނިކުރިވާހަކަ ބުނެލާކަށް ނުކެރުނެވެ. ބައްޕައާއި ޖިޔާން އެތަނުގައި ތިބުމުން އެކަނިވެރި ފުރުސަތެއް ނުލިބުނެވެ. މަންމަ ކޯމާގައި އޮންނައިރު ބައެއްގަޑީގައި ދައްކާވާހަކަ ނީވިވެސް ހިނގައިދާނެއެވެ. އެޚަބަރު ދިނުމުން މަންމަ އުފާވެގެން ލޯހުޅުވައިލާނެބާވައެވެ. ރަތްފިޔައަށް ވަންއިރު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއްނުވުމުން ކުޑަކޮށް ބިރުގަތެވެ. އޭނަ އެކަނިހުއްޓާ ފެނިގެން ރާހިލްގެ ހިތް ގޯސްވެގެން ދިމާކޮށްފާނެކަމަށް ހިތަށް އަރާފަ ގައިން ހީބިހިނެގިއެވެ. ސިއްރު ފިޔަވަޅުތަކެއްގައި ސިޑިން އެރިގޮތަށް ކޮޓަރި ތަޅުލައިގެން އޮވެއޮވެ ލޮލަށް ނިދިއަންނަގޮތެއްނުވިއެވެ. ތަންޑުތައް އަޅައިގެން އޮތުމުން ހިމާޔަތް ލިބިފައިވިނަމަވެސް ލޮލަށް ނިދިނައިސްގެން އުޅެނީ ކޮންކަމަކާ ހެއްޔެވެ؟ އެންމެފަހުން އޮންލައިން ނޫސްތައް ކިޔާލަންކަމަށް ނެޓަށް ވަންތަނުން ލޮލުގައި އަޅައިގަތް އަންހެންކުއްޖާގެ ތަސްވީރު އަނާގެ ސަމާލުކަން ހޯދިއެވެ. އެއީ ކައިލަންގެ ގަޔަށް ލައްވެގެން ހުރި ރީތި އަންހެންކުއްޖާއެވެ. މައުސޫމްކަމުގެ އިންތިހާއެވެ. އަނާގެ ހިތް އަވަސްވެލީ ސުރުޚީ ކިޔާފައެވެ. ލިޔުން ކިޔަމުން ދިޔަވަރަކަށް އެކުއްޖާއަށް ލޭގެ ކެންސަރު ޖެހިފައިވާކަން އޮޅުން ފިލާ ދޭތެރެއަކުން ލޯ ފޮހެލަން ޖެހުނެވެ.

އައިޝަތު ކައިރާ އުޒޭރުގެ އިސްކޮޅު ދިގުކަމުން އެންމެންވެސް އެވާހަކަ ދައްކާކަމަށާއި އުމުރުން ދިހައަހަރު ފުރުނުއިރު އޭނަގެ އިސްކޮޅުގައި ފަސްފޫޓް ހަތަރު އިންޗި ހުންނަކަމާށާއި ކްލާހުގެ ހުރިހާކުދިންނަށްވުރެ ކައިރާގެ އިސްކޮޅުން ދިގުކަމުގައި އޮތެވެ. މިހާރު އުމުުރުން ބާރައަހަރެވެ.

"މިއީ ހަމަ އެގާލްބާ، އެކަމަކު ހާދަވައްތަރޭ، ކިހިނެއް ޔަގީންކުރާނީ؟ ކައިއާއިއެކު ހުރީ މިކުއްޖާއާއި ވައްތަރު މީހަކަށްވާނީ، ނޫން އަހަންނަށް އޮޅުނީއެއްނޫން، މިއީ ހަމަ އެގާލް..." އެލިޔުމުގައި ދީފައިވާ ފޭސްބުކް ލިންކަށްވަނުމާއިއެކު ސުވާލުގެ ޖަވާބު ލިބި އަނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަންފެށިއެވެ. ކައިރާގެ ފޭސްބުކްގައި އޭނަގެ ދެބޭބެ ޒާޔަލްއާއި ކައިލަންގެ އެހީތެރިކަމާއި ލޯތްބަށް ޝުކުރުއަދާކޮށް ކޮށްފައިވާ ކޮމެންޓަކަށް ކައިލަން އަދި ޒާޔަލް ލައިކްކޮށްފައިވާތަން ފެނުނެވެ.

"އޯމައިގޯޑް، ޝީޒް ޖަސްޓް އެކިޑް. އެހެންވެ ބުނަނީ ލޮލަށް ފެންނަ މަންޒަރުތަކަށްވެސް ހަޔާތުގެ ބޮޑު ޑިސިޝަންތައް ނުނަގާށޭ، ކައިއަކީ އެކުއްޖާގެ ކަޒިންއެއް، ކައިއާއި ޒިޔާ ޑޮކްޓަރުންނަށްވީމަ އެހާވަރަށް ހެލްޕްއެވަނީ. އިސްކޮޅެއްލިބިފައި ހުއްޓަސް ކުޑަކުއްޖެއްނު. ކައިއާއި އަޅުވާމިކިޔުނީ ކުޑަކުއްޖަކާ، ސޮރީ ކައި، އައިމް ސޮރީ...." އަނާ ހިތާހިތުން މާފަށް އެދުނެވެ. ރުޅީގައި ހުރެ ކައިލަން ކައިރީގައި އޭނަ ދޮގެއްހެދިއެވެ. ރާހިިލްދެކެ ލޯބިވާކަމުގައި އޭނަ ބުނެލިއެވެ.

"ޕުއަރ ގާލް، އެންމެ ބާރައަހަރުގައި މަރުބައްޔެއް އެޖެހުނީ، ކިހާ ގިނަ ޑްރީމްތަކެއް ވެސް ހުންނާނެ، އެކަމަކު ދިރިއުޅުމަކީ ކިހާ ކުރު އެއްޗެއްކަން އިހުސާސްކުރެވެނީ މިފަދަ ވަގުތުތަކުގައި، އައި އެޑްމަޔަރ ޔޫ، ކިހާ މައުސޫމް އަދި އުުފާވެރިކޮށް އެފްބީގައި ލިޔެލާފައި އެހެރީ، ކިހާ އިނޮސެންޓް، އެހާ ލިވްލީ، މިލިޔުން ކިޔާފަ އިންސްޕަޔަރވެއްޖެ، މިކުޑަދުވަސްކޮޅުވެސް އެންމެ ބޭނުންވަނީ އަބަދު އުފަލުގައި ހުރުންކަމަށާއި ނަމާދުކޮށްގެން ރަގަޅަށް އުޅުމަކީ އެންމެ އިސްކަންދޭކަންތަކޭ، ކިހާ ރަގަޅު، އިރާދަކުރެއްވިއްޔާ ރަގަޅުވާނެ.." އަނާގެ ހިތަށް އަސަރުކޮށްގެން ދުޢާކުރެވުނެވެ. އޭނަ ކައިރާދެކެން ދާން އެވަގުތު އަޒުމްކަނޑައެޅިއެވެ. އަމިއްލައަށް މިދުނިޔެއާއި ވަކިވެދާން އޭނަފަދަ ހިތާމަވެރި މާޔޫސްވެފައިވާ ކުދިން ބޭނުންވާއިރު އުފާވެރިކުދިން ގެންދެވުމުގައި ކޮންމެވެސް ހިކުމަތެއްވާނެއެވެ. އެކަމުންވެސް އެނގެނީ ދުނިޔޭގެ އަގެއްނެތްކަމެވެ. ހެއްދެވިފަރާތަށް ޝުކުރުކޮށް މަރުވެދާނެކަން ވިސްނައިގެން ތާއަބަދު ތިބުމުގެ މުހިއްމުކަމެވެ.

އަނާ ހޮސްޕިޓަލަށްގޮސް ޚަބަރު ބަލައިލުމުން އެނގުނީ ކައިރާގެ އާއިލާއާއި އެކުގައި އިތުރުފަރުވާއަށް ފުރައިފި ކަމުގައެވެ. އަނާގެ ހިތަށް އަސަރުކޮށް ފެންކަޅިވިއެވެ. ދުވަހަކު ބައްދަލުވެފައިނުވާ ކުއްޖަކާއި ދޭތެރޭގައި އެކުއްޖާގެ ކުށަކާއި ނުލައި ހިތް ގޯސްކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އަނާއާއި ކައިރާގެ ގުޅުމެއް އުފެދިއްޖެއެވެ. ކައިރާއާއި ބައްދަލުކޮށް މާފަށް އެދިގެން ނޫނީ އެހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަނާ ގެއަށް ދާން ނުކުމެފައި ޚިޔާލުބަދަލުވެގެން ޑްރައިވަރ ކައިރީގައި އެދުނީ ބުކްޝޮޕަކަށް ގެންގޮސް ދިނުމަށެވެ. ނިިމިގެން ގުޅާނެކަމުގައި ބުނެލާފައި އަނާ ފޭބިއިރު މަގުމަތީގައި ތިބިހާ ބަޔެއްގެ ނަޒަރު އަނާއަށް ހުއްޓިފައިވިކަން ރޭކާނުލިއެވެ. އަނާ ބުކްޝޮޕަށް ވަދެލާފައި ފޮތެއް ގަނެލީ އެކަނި ނަމެއްގައެވެ. އޭނަ އެހިސާބަށް ފޭބީ ކައިލަންގެ ގެއަށް ވަދެލުމުގެ ނިޔަތުގައެވެ.

ތެޅިތެޅިވާހިތަކާއިއެކުގައި ޓަކިދިނުމުން ޒޫނީ ދޮރުހުޅުވާލާފައި ވަންނަން ތަންދައްކާފައިވެސް އަނގައިން ބުނުމެއްނެތި ކައިލަންގެ ކޮޓަރީގައި ބާރަކަށް ދެތިންފަހަރު ތަޅައިގަތެވެ. ކައިލަން ދޮރު ހުޅުވާލުމުން ޒޫނީ މޫނު ބަނަކޮށްލައިގެންހުރެ އޭނަ އުޅޭބަޔަށްވަދެ ތަޅުލައިފިއެވެ.

"އަނާ..." ކައިލަން ބުމަކައިރިކޮށްލިއެވެ.

"ކައި މަންމަ އެދިޔައީ ވަރަށް ހިތްހަމަނުޖެހިފައިހުރެ ދޯ..." އަނާ މަޑުމަޑުން ބުނެލިއެވެ.

"އަހަރެން ބޭރަށް ދާންއުޅެނިކޮށް އެނީ ތިއައީ، ކޮފީއަކަށް ދަމާ..." ކައިލަންގެ ޖުމްލައިން އަނާގެ ލޯ ވިދާލިއެވެ. ކައިލަން ހުރީ ފެންވަރާލައިގެންނެވެ. ކަޅު ޖިންސަކާއިއެކު ޓީޝާޓެއްލައިގެންހުރިިއިރު ދުވާ ސެންޓްވަހާއި ތާޒާކަމުން ބައްދާލާހިތްވިއެވެ. އަނާގެ ހިތް އަވަސްވެ ހީވަނީ މޭފަޅާލާފައި ނުކުންނަން އުޅޭހެންނެވެ. ކައިލަން ފެންނަ ކޮންމެފަހަރަކު މިވަނީ ހާދަވަރެކެވެ. މި އިހުސާސްތައް މައިތިރިކުރާނެގޮތެއް އޭނައަކަށް ދަހެއްނުވިއެވެ.ދެމީހުން މަގުން ހިނގާލާފައި އެކީގައި ދިޔައިރު އެތައް ބަޔެއްގެ ލޯތައް އަމާޒުވިއެވެ. ރެސްޓޯރެންޓްހުރީ ދާދި ކައިރީގައެވެ. ދެމީހުން ވަދެފައި ކައިލަން ކޮފީއަކަށް އޯޑަރުކުރުމުން އަނާވެސް ބޭނުންވީ ކޮފީއަކާއި ޗިކެން ނަގެޓެވެ. ދެމީހުން ފުރަތަމަ ތިބީ ހިމޭނުންނެވެ. ދައްކާނެ ވާހަކައެއް ނޭގިފައި އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބެފައި އެންމެފަހުން ކައިލަން ހިނިތުންވެލިއެވެ.އޮއްސެމުންދިޔަ އިރާއިއެކު އެދޮންމޫނަށް ވެރިވެފައިވާ ރީތިކުލަ ބަލަބަލާ މީހަކު ފޫއްސެއްނުވާނެއެވެ.

"ކޮންގްރާ އެނީ...." ކައިލަން އެހެން ބުނެލިއިރު އެހިތުގެ ރިހުން އަނާއަށް އިހުސާސްނުކުރެވޭނެކަން ކައިލަންއަށް އެނގެއެވެ. އޭނަވަނީ އެސިއްރު ހިތުގެ އެންމެ ކަނުގައި ފޮރުވާފައެވެ.

"ނޯ ނީޑް ކައި، މަންމައަށްޓަކައި މެރީކުރީ...." އަނާ އެސްފިޔަތައް ތިރިކޮށްލިއެވެ. ކައިލަން އޭރު ކަޅިވެސް ޖަހާނުލާ އޭނަގެ މޫނަށް ބަލަންއިނުމުން މޫނު ލޭކޮޅަކަށް ބަދަލުވެއްޖެއެވެ.

"އަހަރެން ބުނިން ދޯ ރާހިލްދެކެ ލޯބިވާތީއޭ، އަހަރެން އެެދުވަހު ހެދީ ދޮގެއް...." ކައިލަން ކައިރީ އަނާ ކައިރާދެކެ ހަސަދަލީ ހިސާބުންފެށިގެން ނޫހުން އެ ލިޔުން ކިޔާލިހިސާބަށް ބުނިއިރު އަނާގެ ރީތި ދެލޯ ފެންކަޅިވެއްޖެއެވެ. އޭނަ ނުރޯން މަސައްކަތްކުރަމުންދާވަރު ކައިލަންއަށް އެނގުނެވެ.

"އިޓްސް އޯކޭ، ޒިޔާއާއިއެކު ޓިއުޝަން ކްލާހަށް ކައިރާ ދާތީ ޒިޔާގެ ފްރެންޑުންވެސް ކުރިން ވަރަށް ދިމާކުރި، އިސްކޮޅުންދިގުކޮށް ބޮޑުކޮށް ހުރީމަ އެހެން އެވީ، އަދި ކިރިޔާ ކައިރާގެ ވެއިޓް ލޫޒްވާން ފެށީ، ޑައިގްނޯސްވީމަ ބޭރަށް އެފުރީ...." ކައިލަން ކޮންމެވެސް ވަރަކަށް ކައިރާގެ އާއިލާއާއި ބެހޭ މައުލޫމާތު އަނާއަށް ކިޔައިދިނީ އަނާ އޮޅުން ފިލުވަން އުޅުމުންނެވެ. އޭރު ކޮފީ ގެނެވި ދެމީހުން ކޮފީއަށް އިންސާފުކުރަމުން ދިޔައެވެ.

"ކައި، އެނގޭތަ؟ އަހަރެން މެރީކުރިކަމުގައި ވިޔަސް މިހިތަކަށް އުފަލެއް ނުލިބޭ، ކައި ނުލިބޭނެކަން އެނގޭއިރުވެސް އަހަންނަށް ލޯބިވަނީ ކައިދެކެ، ދުވަހަކު އެހެންމީހަކަށް މިހިތުން ޖާގައެއް ނުލިބޭނެ. މަޖުބޫރީގެ ސަބަބުން އަހަރެން ރާހިލްއާއި މެރީކުރިކަމުގައި ވިޔަސް އަހަރެން ދުވަހަކު ރާހިލްއަކާއި ރިލޭޝަނެއް ނުބާއްވާނަން، އެކަހަލަ ދުވަހެއް އަންނަައިރު ފެންނާނީ އަހަރެންގެ ފުރާނަނެތް މަސްގަނޑު..." އަނާ އެންމެފަަހު ވަގުތުވެސް ކައިލަންދެކެ ލޯބިވާވަރު ހާމަކޮށްދިނުމުން ކައިލަން އިސްޖަހައިލީ ދެރަވީވަރުންނެވެ. އަނާއަށްޓަކައި އެހިތުގައިވާ ލޯބި ހާމަކޮށްދޭންވީހެއްޔެވެ؟ އޭރުން އުއްމީދެއްނެތް ހިތްވަރެއް އަނާއަށް ދިނުން ނޫންކަމެއް ނުވާނެއެވެ.

"ކައި، މަންމަ ކޯމާއަށް ދިޔަވަގުތު އެދުނީ އަހަރެން ރާހިލްއާއި މެރީ ކުރަން...." އަނާ ކަރުނަ ފޮހެލަމުން ބުނެލިއެވެ.

"ހާދަ ރަގަޅު އަންހެންކުއްޖެކޭ، އައިމް ސޯ ޕްރައުޑް އޮފް ޔޫ..." ކައިލަން ގަދަކަމުން ހިނިތުންވެލިއެވެ.

ދެމީހުންގެ ދޭތެރޭގައި ދެކެވުނު ވާހަކައިގާ އަނާ އެެހެން މީހެއްގެ ކައިރީ ކިޔާނުދޭ ސިއްރެއް ހާމަކުރިއެވެ. ރާޔާ މަރުވުމުން އޭނަ އަމިއްލަ ނަފުސް ކުށްވެރިކޮށްފައި ހިތާމަކުރާ ސަބަބެވެ. ރާޔާގެ އަތަށް ތޫނު އެއްޗެހި ދިނުން މަނާކޮށްފައި މަންމަމެން އޮތްވާ ރާޔާ އާދޭސްކޮށްގެން އޭނަ ސިއްރުން ރޭޒަރެއް ދިނީއެވެ. ރާޔާ ވަރަށް މައުސޫމްކޮށް ބުނީ ކްރީމް އެއްޗެހިން އިސްތަށި ބޭލުމުން އެހާ ހިތްހަމަނުޖެހޭކަމުގައެވެ. ރާޔާ އަމިއްލައަށް މަރުވެގަތީ އަނާ ދިން ރޭޒަރުން ލޭ ނާރެއް ބުރިކޮށްލައިގެންނެވެ. އަނާ އެ ވާހަކަދައްކާފައި ރޯން ފެށުމުން ކައިލަން ހިތްވަރު ދިނެވެ. ކޮފީ ނިންމާލާފައި ކައިލަން އަނާ ގެއާއި ހަމަޔަށް ލާފައި އަނބުރާލާފައި އައިގޮތަށް މުޅި އެރޭ ހުރީ މޫޑު ގޯސްވެފައެވެ. އެރޭ ނުވެސް ނިދުނެވެ. އަނާއަށްޓަކައި އެހިތުގައި ޖަހަންފެށި ވިންދު އިތުރުވިއެވެ. ހިތަށް ކެތްނުކުރެވޭވަރުވިއެވެ. އަނާގެ ލޯބި ހާސިލުކުރަން އޭނަވެސް ހާދަ ބޭނުމެވެ. ނަމަވެސް މިއަދުމިވަނީ އަނާ އޭނަގެ ހަޔާތުން މާދުރަށް ގޮސްފައެވެ. އެރޭ އެހިތާމައިގާ ހުރެފައި ޖެހިގެން އައިދުވަހު ކައިލަން އުފާވާފަދަ ޚަބަރެއް ލިބުނެވެ. އޭނަގެ ވަކީލު ކޯޓުގައި އެންމެފަހުން އޭނަގެ ކުށެއްނެތްކަން ސާބިތުކޮށްދިނީއެވެ. ކައިލަންގެ އަގު ވައްޓާލަން ދޮގުހެދިކަމަށް ރުކާން އިއުތިރާފުވީ ވަކީލުގެ ކުޅަދާނަކަމުންނެވެ. ފަލަކްނާޒް އާންޓީ ދަސްކޮށްދީގެން އޭނަ އެބުނިގޮތަށް ވާހަކަދެއްކީ މަޖުބޫރުވެގެން ކަމުގައި ރުކާން ކިޔާދިނެވެ. ކައިލަންއާއި އަނާ ދުރުކުރުވަން ފަލަކްނާޒް ދައްތަ ހިންގި ޖަރީމާއެއްކަމުގައިވެސް ރުކާން ޖެހިލުމެއްނެތި ބުނެލިއެވެ. ޑޮކްޓަރު ކައިލަންއަކީ ވަރަށް މާތް އިންސާނެއްކަމަށާއި ދުވަހަކު އޭނަގެ ގައިގާ އަތްލާފައި ނުވާނެކަމަށާބޭބެއެއްވެސް އެހާ ރަގަޅުނުވާނެކަމަށް ބުނެ އެންމެންގެ ތެރޭގައި ހުރެ ރުކާން ކައިލަން ކައިރިން މާފަށް އެދުނެވެ. ކޯޓުގެ ފަނޑިޔާރު ކައިލަންގެ ކުށެއްނެތްކަމަށް އިއްވާ ވަޒީފާ އަނބުރާދޭން ހޮސްޕިޓަލަށް އަމުރުކުރިއެވެ. އެތަނުގެ އިސްވެރިންނާއި ސްޓާފުންނަށްވެސް ޝޮކެއްލިބުނެވެ. ފަލަކްނާޒް އެފަދަ ނުބައިކަމެއް ކޮށްފާނެކަމަށް އެކަކުވެސް ހިޔެއްނުކުރެއެވެ. މިއަދު ފަލަކްނާޒަށް އޭނަގެ ދިފާޢުގައި އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބި އެއޮތީ ކޯމާގައެވެ. އެންމެނަށްވެސް ކައިލަންއާއި އަނާގެ ލޯބި ހާމަވެގެން ދިޔައެވެ. ކައިލަން ލޯބިވަނީ އަނާދެކެ ކަމާއި އަނާގެ މަންމަ ކައިލަން ދެކެ ނަފްރަތު ކުރާ ސަބަބު ހާމަވިއެވެ. ކައިލަން އަންހެންކުދިންނާއި ދުރުން އުޅެނީ އަނާއަށްޓަކައިކަން ބޭޒާރުވީއެވެ.

"ކޮންގްރާ ބްރޯ،އެންމެނަށް ތި ރޯމިޔޯ ޖޫލިއެޓް ފަޅާއެރީޔޯ....." ޒާޔަލް ދިމާކުރިއެވެ. ކައިލަން ޒާޔަލްގެ ގައިގާ ހިފައިގަންނަމުން ހިނިތުންވެލާފައި ޝުކުރު އަދާކުރިއިރު މޫނަށް ކުޑަ ރަތްކަމެއްވެރިވެފައި ވެއެވެ.

"ހިތަށް އަރާ މިރެކްލްއަކުން ނަމަވެސް ފަލަކްނާޒް ލޯ ހުޅުވާލާނެނަމައޭ، މީހަކަށް ދެރަގޮތެއްވާން އެދެނީއެއް ނޫން އެކަމަކު އެ ޚަބަރު ލިބޭއިރު އޭނަގެ މޫނުގެ އެކްސްޕްރެޝަން ބަލައިލަން ބޭނުމީ، ޔަގީނޭ މިފަހަރު އޭނަ ހަމަހޭގައި ހުރިނަމަ ވަޒީފާއިން ވަކިވެގެން ގެއަށް ދާންޖެހޭނީ....." ޒާޔަލް ހުރީ ކައިލަންގެ ކުށެއްނެތްކަން ސާބިތު ކޮށްދެވުމުން އިންތިހާއަށް އުފާވެފައެވެ. ޚާއްސަކޮށް ޒޫނީއަށް އެކަން އެނގުމުން އަވަށްޓެރިންނަށް ބޮނޑިބަތާއި މަސް ބަހާ ސަދަގާތްކުރިއެވެ. އޭނަގެ ދަރިފުޅު އެފަދަ ނުބައި ނަމަކުން ސަލާމަތްވީތީ ޒޫނީ ޝުކުރުގެ ސަޖިދައެއްޖެހިއެވެ. ދަރިންނަށްޓަކައި މިއަދު ޒޫނީ ހުރިހާ ހެޔޮ ދުޢާއެއްކުރާއިރު އެ ދުޢާތަކުގެ އަސަރު ކުރަމުން ދާތަން އެބަފެނެއެވެ.

އެެދުވަސްކޮޅު ފަލަކްނާޒް ބޭރަށްގެންގޮސްގެން ފަރުވާދޭން ފެށުނެވެ. އަނާ އަބަދުހެން އިންނަނީ މަންމަ ކައިރީގައެވެ. ވަގުތެއް ހޯދައިގެން އޭނަ މަންމަ ކައިރީގައި ރާހިލް އާއި ކައިވެނިކުރިވާހަކަ ބުނީ އެތައް ފަހަރު ހުއްޓަ ހުއްޓާފައެވެ. އެހިތަށް ކުރި އަސަރު ފަލަކްނާޒަށް އިހުސާސްކުރެވުނީކަން ނޭގެއެވެ. އެސްފިޔަތަކުގެ ކޮޅުން ނިރާލި ކަރުނަތައް އަނާއަށް ފެނުނެވެ. އުފާވެރިކަމުގެ ކަރުނައެވެ. މަންމަގެ ފަރާތުން ހޭއަރަން އުޅޭކަމުގެ ކުޑަ އިޝާރާތެއް ވުމުން އަނާ ބާރަކަށް ނަރުހުންނަށް ގޮވާގެނައިއިރު އަނާއަށްވެސް އުފަލުން ރޮވިއްޖެއެވެ. ހިތާމައިގެ ކަރުނަ އުފާވެރިކަމުގެ ކަރުނައަށް ބަދަލުވެއްޖެއެވެ.

"އައި ތިންކް ޝީޒް އިޒް ވޭކިން އަޕް..." ޑޮކްޓަރު ބައްލަވާފައި ބުނުއްވިއެވެ.

ރާހިލް މާލޭގައި މަޑުކުރީ ބައްޕަވެސް އެދިލައްވައިގެން ވިޔަފާރީގެ ކަންތައްތަކުގައެވެ. ކޭއެފްސީ ހަދާ ނިމެމުންދާއިރު އެތަން ހުޅުވަން ރާހިލް އެހާވަރުން އުޅުނަސް އެކަން އަނާ ބަލައެއް ނުގަތެވެ. ރާހިލްގެ ސިކުނޑީގެ އުދާސްތަން ފިލުވައިލަން އޭނަ މަސައްކަތުގައި އަވަދިނެތި އުޅޭއިރު ވަގުތެއްވެއްޖެއްޔާ ސިގްރެޓް ބޯލައެވެ. ކޮފީއަށް އެހާ ވަރުހުރެއެވެ. އޭގެ އެހީތެރިކަން ނުލިބޭނަމަ އޭނަ މޮޔަވެދާނެއެވެ. އެހެން އުޅެމުން އަލީސާ އުޅޭ ނޫޅޭގޮތް ބަލައިލިއިރު އަލީސާ އެހެން އޮފީހަކުން ވަޒީފާ ހޯދައިގެން ވަޒީފާއަށް ނުކުންނަން ފެށިކަން އެނގިފައި ވަރަށް އަަސަރުކުރިއެވެ. އަލީސާ ސިމް ބަދަލުކުރީ އޭނަ އަށް ގުޅުނަ ނުދޭންވެގެންނެވެ. މާފަށް އެދި އޭނަ ހާދަ ވަރަކަށް ގުޅިއެވެ. ހާދަވަރަކަށް މެސެޖްކުރިއެވެ. އަލީސާ ހިތްހަރުކަމުން ޖަވާބެއް ނުދީ ސިމް ބަދަލުކޮށްލީތާއެވެ. އަނާއަށް ގުޅިޔަސް އަނާވެސް ވާހަކަދައްކަނީ ފޫހިވެފައިވާފަދަ ގޮތަކަށެވެ. އެހެންވާން ފެށުމުން ރާހިލްގެ ހިތްވަރު އެލި އެ ޒުވާން ހިތަށް ކުރަމުންދިޔަ އަސަރުތަކުން ކެތްކުރަން ދަތިވާ ހިސާބަށް ހިނގައްޖެއެވެ. މާބޮޑަށް ބިރުގަނެ ނޫނީ މާޔޫސްވުމުން ސިކުނޑި ބަލިކަށިވެ ޝައިތާނާ ވެރިވެގަންނަން ފަސޭހަވާނެއެެވެ. ނުބައި ޚިޔާލުތައް ވެރިވެގެން އަމިއްލައަށް މަރުވާ ހާލަތަށް ދަނީވެސް އެހާ ހިސާބަށް ދިޔައީމައެވެ.

ރާހިލް ގުޅާފައި ބައްދަލުކުރާން ބޭނުންކަމުގައި ބުނުމުން އަވަދިނެތި ބުރަކޮށް އުޅެމުންވެސް ކައިލަން އެރޭ އިޝާ ނަމާދަށް ފަހު ރާހިލްއާއި ބައްދަލުކުރަން ރަތްފިޔައަށް އަންނާނެކަމުގެ ޔަގީންކަން ދިނެވެ. އެގެއަށް އައުމަކީ ކައިލަން ހިތް ރުހޭކަމެއް ކަމުގައި ނުވިޔަސް އެގޭ އެންމެން ރާއްޖެއިން ބޭރުގައި ވާކަން ކައިލަންއަށް އޮތީ އެނގިފައެވެ. އެފަދަ ހިތްވަރެއް ކުރެވުނީވެސް އެހެންވެއެވެ. ކައިލަން ފެންޑާގައި ހުރެލާފައި ރާހިލްއަށް ގުޅުމުން އެދުނީ ޓެރެސްއަށް އެރުމަށެވެ. އެތަން އެއްކޮށް އަނދިރިކޮށްލައިގެން ރާހިލް ކީއްކުރަނީބާވައޭ ކައިލަންގެ ހިތަށް އެރިއެވެ. ސިގްރެޓްގެ ވަސްގަދަކަމުން ކޮށިއަރާކަހަލަ ގޮތެއްވިއެވެ. ކައިލަން ސްވިޗް ޖައްސާލުމުން ފަނޑު އައްޔަކުން އެތަން ދިއްލިގެން ދިޔުމާއިއެކު ކައިލަންގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު