އިސްރާއީލް ބޮއިކޮޓް ކުރުމާ ދެކޮޅު ގާނޫނެއް ރައީސް އޮބާމާ ދަސްދީގު ކުރައްވައިފި

އެމެރިކާގެ ރައީސް ބަރަކް އޮބާމާ -- ފޮޓޯ: މިޑްލްއީސްޓްމޮނިޓަރ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްރާއީލާ ދެކޮޅަށް ހިންގާ ބޮއިކޮޓްކުރުމާއި ދަތިކުރުމުގެ ހަރަކާތްކާ ދެކޮޅު ހެދުމަށް ބާރުލިބިދޭ ގާނޫނެއް އެމެރިކާގެ ރައީސް ބަރަކު އޮބާމާ ތަސްދީގުކުރައްވައިފި އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު، ސެނެޓުން ފާސްކޮށްފައިވާ އެމެރިކާއާ ގުޅުންހުރި ވިޔަފާރީގެ 150 ނުކުތާއެއްގެ މައްޗަށް އެކުލެވޭ "ދަ ޓްރޭޑް ޕްރޮމޯޝަން އޮތޯރިޓީ" (ޓީޕީއޭ)ގައި ރައީސް ބަރަކް އޮބާމާ ސޮއިކުރެއްވީ ހޯމަދުވަހުއެވެ. އެ ގާނޫނު ފަރުމާކޮށްފައިވަނީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާއި އެނޫންވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އިސްރާއީލާ ދެކޮޅަށް ހިންގާ ވިޔަފާރި މުދާ ބޮއިކޮޓްކުރުމާއި، އެހެނިހެން ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާ ދެކޮޅުހެދުމަށް ބާރުވެރިކުރުވާ ގޮތަށެވެ.

އެމެރިކާގެ ވިޔަފާރިއާއި އިގްތިޞާދާ ބެހޭ ގާނޫނަށް ގެނައި އެ އިސްލާހު އެކުލަވައިލުމަށް މަސައްކަތްކޮށްފައިވަނީ، ކޮންގްރެސް ޕާޓީގެ ބައެއް މެންބަރުންނާއި، އެމެރިކަން-އިސްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) ގުޅިގެންނެވެ.

އެމެރިކާ-އިސްރާއީލްގެ ވިޔަފާރިއާއި އިގްތިސާދާ ގުޅޭގޮތުން އަލަށް އެކުލަވައިލި ގާނޫނުގެ ސަބަބުން، އދ.ގެ މެންބަރު ގައުމުތަކާއި މެންބަރު ނޫން ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި، އަދި އެނޫންވެސް އޭޖެންސީއަކުން އިސްރާއީލްގައި ނުވަތަ އިސްރާއީލުން ހިފާފައިވާ ސަރަހައްދެއްގައި، ނުވަތަ އިސްރާއީލުގެ ރައްޔިތަކު ނަމަވެސް ކުރާ ވިޔަފާރިއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ނަމަ އެކަމާ އެމެރިކާ ދެކޮޅުހަދާނެ އެވެ.

އަލަށް އެކުލަވައިލި ގާނޫނުގައި އޮބާމާ ސޮއިކުރައްވާފައި ވަނީ، އެކަމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ އިންޒާރު އޭނާގެ އެޑްވައިޒަރުންނާއި ސަރުކާރުގެ ބައެއް އޮފިޝަލުން ދެއްވަމުން ގެންދަވަނިކޮށެވެ.

ޔޫރަޕްގެ މެންބަރު ބައެއް ގައުމުތަކުން، އިސްރާއީލުން ގަދަކަމުން ފޭރިގެންފައިވާ އަރަބި ބިންތަކުގައި އިސްރާއީލުން ހިންގާ ވިޔަފާރިތަށް ބޮއިކޮޓްކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ގެންދެއެވެ.

comment ކޮމެންޓް