މަދިރިން ރައްކާތެރި ވުމަށް ބޭނުންކުރާ ތަކެތީގެ ޑިމާންޑް ބޮޑުވެއްޖެ

މަދިރިން ރައްކާތެރިވުމަށް ބޭނުންކުރާ ބައެއް ތަކެތި-- ސަން ފައިލް ފޮޓޯ

ޑެންގީ ހުން ބާރު ސުޕީޑެއްގައި ފެތުރެމުންދާއިރު މަތިރިން ރައްކާތެރި ވުމަށް ބޭނުންކުރާ ތަކެތީގެ ޑިމާންޑް ބާޒާރުގައި މައްޗަށް ޖެހިލައިފި އެވެ.

ރެއިން ފެށިގެން މާލޭގެ ގިނަ ފިހާރަތަކުން ވަނީ "މޮސްކިޓޯ ވަޕޮރައިޒާ" ފަދަ ތަކެތި ވިކި ހުސްވެފަ އެވެ. އަދި މަދިރި ލޯޝަން އާއި މަދިރި ސްޕުރޭވެސް ގިނަ އަދަދަކަށް ވިކެމުން އަންނަ ކަމަށް ވިޔަފާރި ވެރިން ބުންޏެވެ.

"ކުރިއާ ބަލާއިރު މިހާރު ޑަބަލް ވިކޭ މަދި ބޭސް، އެންމެ ގިނައިން ވިކެނީ މޮޒްއަވޭ ސްޕުރެ،" އޭޑީކޭ ކައިރި ހުންނަ ބޭސް ފިހާރައެއްގެ ސޭޓް ބުންޏެވެ.

މާލޭގެ ބާޒާރުގައި މޮސްކިޓޯ ވަޕޮރައިޒާއެއް ވިއްކަމުން ދަނީ 50 ރުފިޔާއަށެވެ. އާދައިގެ މަދިރި ލޯޝަން ފުޅިއެއް 45 ރުފިޔާއަށް ވިއްކާއިރު ސްޕުރޭ ފުޅިއެއް ވިއްކަނީ 110 ރުފިޔާއަށެވެ. މަދިރި ދުންދަނޑި ވިއްކަން ހުރީ އަށް ރުފިޔާއަށެވެ.

ހެލްތު ޕުރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ފާތުމަތު ނަޒުލާ ރަފީގު ލަފާ ދޭ ގޮތުން ޑެންގީ ބަލިން ސަލާމަތްވުމަށް މިހާރުން މިހާރަށް އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ އެ މަދިރިން ރައްކާތެރިވުމެވެ. ނަޒުލާ ލަފާ ދޭ ގޮތުގައި އެ ބަލިން ސަލާމަތް ވުމަށް އެޅޭނެ ފިޔަވަޅުތައް-

*ކުދިބޮޑު އެންމެން ވެސް މި ދުވަސް ވަރު މުޅި ގައި ފޮރުވޭފަދަ ދޫހެދުން ލުން.

*ކުޑަކުދިން ނިންދަވައި ހަދާ އިރު މަދިރިގެ ބޭނުން ކުރުން.

*ގޭގައި "މޮސްކިޓޯ ވަޕޮރައިޒާ" (ގުޑްނައިޓް) ނުވަތަ ދުންދަނޑި ފަދަ ތަކެތި އަބަދުވެސް ބޭނުން ކުރުން.

*މަދިރި ލޯޝަން ނުވަތަ ކުރީމް ނުވަތަ ސްޕުރޭ ބޭނުން ކުރުން.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ މެންދުރު 2:00 އާ ހަމައަށް މުޅި ރާއްޖެ އިން 384 ކޭސް ރިޕޯޓްކޮށްފައިވާއިރު މާލޭން އެކަނި ރިޕޯޓްކޮށްފައި ވަނީ 122 އެވެ. އަދި އަތޮޅު ތެރެއިން 262 ކޭސް ރިޕޯޓް ކޮށްފައިވާއިރު މިހާތަނަށް ޑެންގީ ޖެހިގެން ތިން މީހަކު މަރުވެފައިވެ އެވެ.

comment ކޮމެންޓް