އީރާނުގެ ނިއުކްލިއާ ވާހަކަތައް ކޮޅެއްގައި ނުޖެހޭނަމަ އެކަމާ ދުރަށްދާން ޖެހިދާނެ: އޮބާމާ

އެމެރިކާއާއި އީރާނުގެ ޚާރިޖީ ވަޒީރުން ޖެނީވާގައި

ޖެނީވާ (ޖުލައި 1): އީރާނުގެ ނިއުކްލިއާ ވާހަކަތައް ކޮޅެއްގައި ނުޖެހިި ދިގުލަމުންދާނަމަ އެ ވާހަކަތަކުން އެމެރިކާ އެއް ފަރާތްވާންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްްވައިފި އެވެ.

ބްރަޒީލްގެ ރައީސާ ދިލްމާ ރޮޒޭވްއާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ އީރާނުގެ ނިއުކްލިއާ މައްސަލާގައި އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމުގެ އުންމީދު އޭނާ އަދިވެސް ނަންގަވާ ނުލައްވާ ކަމަށާއި ނަމަވެސް ވާހަކަތައް ކޮޅެއްގައި ނުޖެހިި ދިގުލަމުންދާނަމަ ދިގު މުއްދަތަކަށް މަޝްވަރާތަކުގައި ދެމިއޮތުން އެމެރިކާއަށް ފަސޭހަ ނުވާނެ ކަމުގައެވެ.

އީރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ކަނޑައަޅާގައިވާ ސުންގަޑި ރޭ ހަމަވެފައިވާއިރު ވެސް އެއްބަސްވުމަކާ ހަމައަށް ނުދެވުމުން އެއް ހަފްތާގެ މުއްދަތަށް މަޝްވަރާތައް އިތުރު ކުރުމަށް އީރާނާއި އެމެރިކާ އާއި ދުނިޔޭގެ ބޮޑެތި އެހެން ބާރުތަކުން ވަނީ ނިންމާފަ އެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައި ވަނީ މިޖުލައި މަހުގެ 7 އަށް މިހާރު މަޝްވަރާގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި އެ ހިސާބަށް ދާއިރު ދާއިމީ އެއްބަސްވުމެއް ވުޖޫދަށް ގެނެވިދާނެ ކަމަށް އުއްމީދު ކުރެވޭ ކަމުގަ އެވެ.

އީރާނުގެ ނިއުކްލިއާ މައްސަލާގައި ދާއިމީ އެއްބަސްވުމަކާ ހަމައަށްދިޔުމަށް އެޅިފައިވާ ހުރަސްތައް ނައްތާލުމަށް އީރާނާއި ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުގެ މަސްއޫލުވެރިންނާއި އެ ގައުމުތަކުގެ ފަންނީ ތަޖްރިބާކާރުން ޖެނީވާގައި މިކަމުގެ އެންމެ ފަހުބުރުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާތާ ވަނީ ތިން ހަފްތާވެފަ އެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އާއި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވެސް މި ހަފްތާގައި ވަނީ ދެ ފަހަރެއްގެ މަތިން އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އީރާނުގެ ނިއުކްލިއަރ މައްސަލަ ހައްލުކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށިގެން ކުރިޔަށްދާތާ ވަނީ ދެ އަހަރާ ގާތްވެފަ އެވެ.

އެ މަޝްވަރާތަކާ ގުޅިގެން ކަމާބެހޭ އެއްބަސްވުމަކަށް އެންމެ ފުރަތަމަ އާދެވިފައި ވަނީ ނޮވެމްބަރު 2013 ގައެވެ. އެއަށްފަހު މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު އީރާނުގެ ނިއުކްލިއަރ މައްސަލަ ހައްލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމަކާ ހަމައަށް ވެސް އީރާނާއި ބޮޑެތި ބާރުތަކުން ގޮސްފައިވެ އެވެ. އެކަމާބެހޭ ދާއިމީ އެއްބަސްވުމެއް ވުޖޫދަށް ގެނައުމުގެ ދެ ފަރާތުން ސުންގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖޫން 30 ގެ ނިޔަލަށެވެ.
އީރާނުގެ ނިއުކްލިއާ މައްސަލާގައި ދާއިމީ އެއްބަސްވުމަކަށް ދިޔުމަށް ހުރަސްއަޅާ މަދުކަންތައްތަކުގެ ތެރޭގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ގޮތްތަކާބެހޭ ގޮތުން އީރާނާއި ބޮޑެތި ބާރުތަކާދެމެދު ޚިޔާލުތަފާތުވުން ހިމެނެ އެވެ. މީގެއިތުރުން އީރާނުގެ އަސްކަރީ ސައިޓްތައް ވެސް ބަލައި ފާސްކުރުމުގެ ފުރުސަތު ދިނުމަށް އެމެރިކާ އާއި ފަރަންސޭސިވިލާތް ފަދަ ގައުމުތަކުން އެދެމުން ދިޔުމާއި އީރާނުގެ ސައެންސްވެރިންނާ ސުވާލުކުރުމަށް އީރާން ދެކޮޅު ހަދާ މައްސަލަފަދަ ބައެއް މައްސަލަތައް ހިމެނެ އެވެ.

ނަމަވެސް އީރާނުގެ ނިއުކްލިއާ މުޅި މައްސަލައިގެ 90 އިންސައްތަ މައްސަލަތައް މިހާރު ވަނީ ހައްލުކުރެވިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު