އެޗްއާރްސީއެމްގެ ރިޕޯޓް ނެރުމުގެ ކުރިން ތޮލާލު އާޒިމުއާ މަޝްވަރާކުރިކަން ފަޅާއަރައިފި

ނާޒިމް ކޯޓުން ނުކުމެވަޑައިގަންނަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ އެޕާޓްމެންޓަށް ވަދެ ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން އެޗްއާރުސީއެމުން ތަހުގީގު ރިޕޯޓް ނެރުމުގެ ކުރިން އެކަމާ ގުޅޭ ގޮތުން ކާނަލް ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް އާއި އެޗްއާރްސީއެމްގެ މެމްބަރު އަހުމަދު ތޮލާލު މަޝްވަރާ ކުރިކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.

ކަމާ ބެހޭ އިދާރާއެއްގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވި ގޮތުގައި އެރިޕޯޓް ނެރުމުގެ ކުރިން އެދެ ބޭފުޅުން ވަނީ މަޝްވަރާކޮށްފަ އެވެ. އެޗްއާރްސީއެމް އިން ނެރޭ ރިޕޯޓް މިހާރު ކުރިއަށްގެންދާ އަޑުއެހުންތަކުގައި ކޯޓުގައި ބޭނުން ކުރެވޭނެ ކަމަށް ތޮލާލް އާޒިމް އަށް ލަފާ ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެޕީލް ޕުރޮސެސްގައި ކޯޓުން ބޭނުންވާނީ ނުރަނގަޅަށް ހިނގައި ދިޔަ ކަންކަން ކަމަށް ވާތީ އެ ރިޕޯޓް ބޭނުން ކުރެވޭނެ ކަމަށް އަދި ލޯޔަރުން މެދުވެރިކޮށް ގުޅުމަށް ވެސް އާޒިމް ކައިރި ތޮލާލު ބުނި." އޮފިޝަލް ވިދާޅުވި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ސަން އިން ތޮލާލުއާ ސުވާލު ކުރުމުން ވިދާޅުވީ އާޒިމް އޭނާއާ ގުޅުއްވީ އެ ރިޕޯޓް ބޭނުންވެގެން ކަމަށާއި އެއީ ރިޕޯޓް ލިޔެނިމުނު ފަހުން ކަމަށެވެ. އޭގައި އިތުރު ވާހަކައެއް ނުދެކެވޭ ކަމަށް ތޮލާލު ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެރިޕޯޓަކީ އޭނާ އާއި މަޝްވަރާ ކުރުމަށްފަހު ހެދި އެއްޗެއް ނޫން ކަމަށެވެ. އެރިޕޯޓް ކިޔުމަށްފަހު ކަންބޮޑުވާ ކަންކަން ހުރުމުން އެކަންކަން ހިއްސާ ކުރުމަށް ތޮތާލުއާއި ގުޅައި އެވާހަކަތައް ހިއްސާކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑާ މަޝްވަރާކޮށް ހެދި ރިޕޯޓެއް ނޫން، އަޅުގަނޑު ރިޕޯޓް ކިޔާފައި ފާހަގަ ކުރެވުނު ކަންކަން ރިޕޯޓް ކުރިން، އެއީ އަޅުގަނޑުގެ ހައްގެއްނު." އާޒިމް ވިދާޅުވިއެވެ.

އެޗްއާރްސީއެމް އިން އެ ރިޕޯޓް ނެރެ ނާޒިމްގެ އާއިލާއަށާއި ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ އިރު އެ ރިޕޯޓްގައި ބުނެފައި ވަނީ ފިސްތޯލް ފެނުން ރޭ ނާޒިމްގެ އެޕާޓްމަންޓަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަންގައި ބަލައި ފާސް ކުރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެގޮތުން ބަލައި ފާސްކުރި މަންޒަރުތައް ވީޑިއޯކޮށްފައި ނުވާތީ ސުވާލު އުފައްދާފައިވެ އެވެ.

ނަމަވެސް އެރޭ ފުލުހުންގެ އަމަލުތައް ޖުމްލަ ގޮތެއްގައި ހުރީ ގާނޫނުގެ ތެރޭގައި ކަމަށް އެރިޕޯޓުގައި ބުނެފައިވެ އެވެ.

ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލަކާއި ވަޒަންތަކެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

comment ކޮމެންޓް