ކިޔަވާ ލޯން ލިމިޓެއް ނެތި ބީއެމްއެލް އިން ދޫކުރަން ނިންމައިފި

ބީއެމްއެލްގެ ސީއީއޯ މީޑިއާ އަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަތީ ތައުލީމު ހާސިލްކުރުމަށް ދޫކުރާ ލޯނު، 'ކިޔަވާ ލޯނު' ކޮންމެ ދާއިރާއެއްގެ ކޯހަކަށް ވެސް އަދި ކޮންމެ އަދަދެއްގެ ލޯނެއް ނަމަވެސް ދޫކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

އެ ބޭންކުން ކުރިން 'ކިޔަވާ ލޯނު' ދެމުން ދިޔައީ ހަތަރު އަހަރަށް ވުރެ ކުރު ކޯސްތަކަށެވެ. އަދި ލޯނަށް އެދޭ ފަރާތެއްގެ އުމުރު 35 އަހަރުން ދަށް ވާން ޖެހެ އެވެ. މި ބަދަލާ އެކު އެމްބީބީއެސް، ޕައިލެޓް ޓްރެއިނިން، އަދި އޭސީސީއޭ ފަދަ ކޯސްތަކަށް ވެސް ލޯނު ލިބޭނެ ކަަމަށް ބީއެމްއެލް އިން ބުނެ އެވެ.

"ގައުމީ ބޭންކްގެ ހައިސިއްޔަތުން ތައުލީމީ ޒުވާނުންނާ އެކު މުޖްތަމައު ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަަމަށް ދެކެން،" ބީއެމްއެލްގެ ރީޓެއިލް ބޭންކިންގެ ޑިރެކްޓާ މުހައްމަދު ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލްގެ ވެބްސައިޓްގައިވާގޮތުން 'ކިޔަވާ ލޯނު' ގައި ބޭންކުން ދެނީ ލޯނަށް އެދި ހުށަހަޅާ އަދަދުގެ 75 ޕަސެންޓެވެ. ކިޔަވާ ލޯނަށް އެދިހުށަހަޅާ އަދަދުގެ ތެރޭގައި ކޮލެޖް ނުވަތަ ޔުނިވާސިޓީ ފީ އާއި އެކަމަޑޭޝަނާއި އަހަރަކު އެއްފަހަރު ރާއްޖެ އައުމުގެ ޓިކެޓް ޚަރަދާއި ލައިފް އިންޝުއަރެންސް ޕްރިމިއަމް ހިމެނިދާނެ ކަަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި ލޯނަށް އެދޭ ފަރާތްތަކުން ލޯނުގެ ޖުމްލަ އަދަދުގެ 150 ޕަސެންޓަށްވާ އަދަދެއް ހިމެނޭ މުދަލެއް ރަހުނު ކުރަންޖެހެ އެވެ. 10.5 ޕަސެންޓްގައި އިންޓެރެސްޓް ނަގާ މިލޯނު އަނބުރާ ދެއްކުމަށް 10 އަހަރު ލިބި އެވެ. ލޯނު ނަގާ ފަރާތުން ބޭނުންވާ ނަމަ އެ އަހަރުތައް ކިޔަވާ ނިމުމަށް ފަހު ގުނުމުގެ ފުރުސަތު ވެސް ބޭންކުންދެ އެވެ.

ބީއެމްއެލް އިން ވަނީ ޓީޗަރުންނަށް އަމާޒްކޮށްގެން ވެސް ލޯނު ސުކީމެއް ތައާރަފްކޮށްފަ އެވެ.

comment ކޮމެންޓް