ހިންމަފުށީ ގެއެއްގެ ދޮރަށް އެރީ ގިރިފުށިން އައި ވަޒަނެއް!؟

ހިންމަފުށި ގެއެއްގެ ދޮރަށް އަރާފައިވާ ވަޒަން--

ކ. ހިންމަފުށީ ގެއެއްގެ ދޮރަށް އިއްޔެ ވަނީ ވަޒަނެއް އަރައިފަ އެވެ. މިއީ ހިންމަފުށި ކައިރި އޮންނަ ސިފައިންގެ ތަމްރީނުތައް ހަދާރަށް، ގިރިފުށިން އައި ވަޒަނެއް ކަމަށް މިވަނީ ބެލެވެން ފަށައިފަ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގިރިފުށިން ޖަހާ ވަޒަނެއް ހިންމަފުއްޓަށް އެރުމަކީ ވުންގާތް ކަމެކެވެ.

"ގިިފުށިން ޖަހާ ވަޒަނެއް މާރީޗަށް ވެސް އަރާފާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުން ވަޒަނެއް ކައިރިން ޖަހައިފި ނަމަ ދޮރު ފޫއަޅައި ދާނެ ކަމަށާއި އެވަޒަން ދޮރުގައި ހަރުލާފައި ހުރުމުން އެއީ ވަރަށް ދުރުން ޖެހި ވަޒަނެއް ކަމަށް ބެލެވޭ ކަމަށެވެ.

ހިންމަފުށީ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ސިރާޖު ވިދާޅުވި ގޮތުގައި ވަޒަން ވަން ގެއަކީ ގިރިފުއްޓާ ދިމާލަށް ހުންނަ ގެއެއް ކަމަށާއި ނަމަވެސް އެގެ ހުންނަނީ ގިރުފުއްޓާ ދިމާއަށް ހަތަރު ބަރިއަށް ގެ ދޫކޮށް އެތެރެއަށް ކަމަށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ވެސް އެއީ ގިރިފުށިން އައި ވަޒަނެކެވެ.

"ބޮޑަށް ލަފާ ކުރެވެނީ އެމަތިން އައިސް އޮއްސިފަ އިން އެއްޗެއް ކަމަށް، އެއިނީ ވެސް ކައްޗަށް ވިއްޔަ ވަދެފައި، ތިރިއަށްވާ ގޮތަށް،" ސިރާޖު ވިދާޅުވި އެވެ.

އިއްޔެ ބަޑިޖަހާ އަޑުނީވޭ ކަމަށާއި ނަމަވެސް ބަޑިޖެހުމުގެ ކުރިން ގިރިފުށީ ކޮޅަށް ނަގާ ރަތްދިދަ ނަގާފައި ހުއްޓާ އެ ރަށު ބައެއް މީހުންނަށް ފެނިފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން އެމައްސަލަ ތަހުގީގް ކުރަމުން ދާއިރު އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް