ހައުސިން އާއި މަސީ ގުޅިގެން މަދިރި ކޮންޓްރޯލްކުރަން ޓާސްކް ފޯހެއް އުފައްދައިފި

މަދިރި ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީގައި މިއަދު ހައުސިން މިނިސްޓްރީ އާއި މަސީން ބޭއްވި ޕްރެސްކޮންފަރެންސް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ހައުސިން މިނިސްޓްރީ އާއި މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ)އާ ގުޅިގެން މަދިރި ކޮންޓްރޯލްކުރުމަށް ޓާސްކް ފޯހެއް އެކުލަވާލައިފި އެވެ.

މިކަމާއި ގުޅިގެން މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެންސް ކޮންފަރެންސްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަދިރި އުފެދޭ ގޮަތަށް ހުންނަ ތަންތަން ނައްތާލުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަަމަށެވެ. ހައުސިން މިނިސްޓްެރީ އާއި މަސީ ގުޅިގެން އެކުލަވާލާފައިވާ ޓާސްކް ފޯހުގައި ހަ ބޭފުޅުން ހިމެނޭ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

"ކޮންސްޓްރެކްޝަން ސައިޓްތަކުގައި މަދިރި އުފެދޭގޮތަށް ނުވަތަ އާލާވާ ގޮތަށް ހުރުމަކީ އެކަށީގެންވާ ކަަމެއްގެ ގޮތުގައި ފެނޭ. އެހެންވީމަ އެކަމަށްޓަަކައި ބޮޑެތި މަސައްކަތްކުރެވިދާނެ ކަަމަށް ސަރުކާރަށް ގަބޫލުކުރެވޭ. އެހެންކަމުން މި ވަނީ އެކަަމަށް މަސައްކަތް ފަށާފައި،" މުއިިއްޒު ވިދާޅުވިއެވެ.

ސަރުކާރާއި މަސީއާ ގުޅިގެން ހަފްތާއެއް ތެރޭ ރާއްޖޭގައި ހުރި ހުރިހާ ކޮންސްޓްރެކްޝަން ސައިޓްތައް ޗެކްކުރެވޭނެ ކަަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ. އަދި އަތޮޅު ތެރޭގައި އެ މަސައްކަތް ކުރުމަށް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އެހީތެރިވެދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ގޭގެ ވެރިންނާއި ކޮންސްޓްރަކްޝަން މަސައްކަތްކުރައްވާ ކުންފުނިތައް ފަރުދީ ޒިންމާ އަދާ ކުރުމަކީ ވަަރަށް މުހިއްމު ކަމެއް މުއިއްޒު ވިދާޅުވި އެވެ.

މަދިރި ކޮންޓްރޯލް ކުރުމާއި ބެހޭ ގޮތުން ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކޮންސްޓްރެކްޝަން ސައިޓްތަކުގައި މަސައްކަތްކުރާ ބިދޭސީން ހޭލުންތެރިކުުރުމުގެ ގޮތުން ބިދޭސީން ގިނައިން އުޅޭ ގައުމުތަކުގެ ބަސްބަހުން މެސެޖްތައް ލިޔެ ސައިޓްތަކުގައި ބޯޑްތައް ބަހައްޓާނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މަދިރިކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި މަސީ އިން އޮތީ ސަރުކާރާއެކު ކަަމަށެވެ.

"އިއްޔެ އަޅުގަނޑުމެން އޮންނާނި ސާކިއުލާއެއް ވެސް ނެރެފަ ސައިޓްތަކުގެ ސާފުތާހިރު ކަމަށާއި މަދިރިއުފެދޭ ތަންތަން ނައްތާލަަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް" ޖަނާހް ވިދާޅުވިއެވެ.

ހުރިހާ ކޮންސްޓްރެކްޝަން ސައިޓްތައް ހުރީ މަދިރިއުފެދޭ ގޮަތަށް ނޫން ކަމަށާއި ބައެއް ފަރާތްތަކުން ވަރަށް ފުރިހަަމަ މިންގަނޑެއް ގެންގުޅޭ ކަަމަށް ޖަނާހު ވިދާޅުވިއެވެ.

ރާއްޖޭގައި ޑެންގީ ހުން ޖެހިގެން މިއަހަރު މި ހާތަނަށް ތިން މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް