ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ށ. އަތޮޅުން: އެޗްޕީއޭ

ޑެންގީ ހުން ޖެހެނީ މަދިރީގެ ސަބަބުން: މިހާތަނަށް އެ ހުން ޖެހިގެން ތިން މީހަކު ވަނީ މަރުވެފައި

މަދިރީގެ ޒައިއްޔާއިން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޑެންގީ ހުން މި ވަގުތު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އިރު، އެ ހުން ޖެހިގެން އަތޮޅުތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ށ. އަތޮޅުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސާ، އައިމިނަތު މަދީހާ "ސަން" އަށް ވިދާޅުވީ، ޑެންގީހުމުގެ ގިނަ ކޭސްތަކެއް އަތޮޅުތެރެއިން އެ އެޖެންސީއަށް ރިޕޯޓް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ށ. އަތޮޅުން ކަމަށް މަދީހާ ވިދާޅުވި އެވެ. އެގޮތުން ށ. އަތޮޅުން ޖުމްލަ 16 ކޭސްއެއް ރިޕޯޓުކޮށްފައިވާ އިރު، ދެ ވަނަ އަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ރ. އަތޮޅުންނެވެ. އެ އަތޮޅުން 15 ކޭސްއެއް ވަނީ ރިޕޯޓްކޮށްފަ އެވެ. ނ. އަތޮޅުން ހަ ކޭސްއެއް ރިޕޯޓްކޮށްފައިވާ އިރު ހއ. އަތޮޅުންވެސް ހަ ކޭސްއެއް ވަނީ ރިޕޯޓް ކޮށްފަ އެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާރިފް ވިދާޅުވީ މަދިރި ކޮންޓްރޯލް ކުރުމަށް އެ އަތޮޅު ރަށްރަށުގައި މިހާރު ޕްރޮގްރާމްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން އެކުލަވާލާފައިވާ ޓާސްކްފޯހެއްގެ ދަށުން އާންމުންނާ ގުޅިގެން ރަށުތެރެ ސާފުކުރުމާއި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމުގެ އިތުރުން ރަށު ތެރެ ފޮގް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާރިފް ވިދާޅުވި އެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ހުންނަނީ އާންމުކޮށް ޖެހޭ ރޯގާތަކާ ގުޅިގެން ވެސް ފެންނަ ބައެއް އަލާމާތްތަކެކެވެ. އެގޮތުން ހުންއައުމާ އެކު ބޮލުގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސުމާއި ހޮޑުލެވުމާއި މޭ ނުބައި ކުރުމާއި ގައިގައި ރަތްކުލައިގެ ކުދިކުދި ބިހިތަކެއް ނުވަތަ ސްކިން ރޭޝްއެއް ނެގުން ހިމެނެ އެވެ. ނަމަވެސް ޑެންގީކަން އެނގޭނެ ސީދާ ވަކި އަލާމާތެއް ނުހުންނަ ކަމަށް ވެސް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.

ޑެންގީގެ ނުރައްކާތެރި އަލާމާތެއް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އިސްކަންދޭންޖެހެ އެވެ. ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހަށިގަނޑުން ފެން މަދުވެ މާބޮޑަށް ވަރުބަލިވުމާއި ހަށިގަނޑުގެ ކޮންމެ ވެސް ތަނަކުން ލޭ އައުމާއި މާގިނައިން ހޮޑުލުމާއި ހޮޑުލާއިރު ލޭއައުމާއި މާބޮޑަށް ބަނޑުގައި ރިއްސުމެވެ.

އީޑީސް މަދިރީގެ ސަބަބުން ފެތުރޭ މި ބަލިން ސަލާމަތް ވުމަށްޓަކައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޑެންގީ ބަލި ޖައްސާ އީޑީސް މަދިރިއަކީ ސާފު ފެނުގައި އުޅޭ އެއްޗެއް ކަމުގައިވާއިރު ގޯތިތެރޭގައި އަދި ތިމާ އުޅޭ ވެށީގައި ހުންނަ ފެން އުފެދޭ ފަދަ ތަންތަން ކޮންމެ ހަފްތާއަކު އެއް ފަހަރު ސާފުކުރުމަކީ އެކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ މެންދުރު 2:00 އާ ހަމައަށް މުޅި ރާއްޖެ އިން 384 ކޭސް ރިޕޯޓްކޮށްފައިވާއިރު މާލޭން އެކަނި ރިޕޯޓްކޮށްފައިވަނީ 122 އެވެ. އަދި އަތޮޅު ތެރެއިން 262 ކޭސް ރިޕޯޓް ކޮށްފައިވާއިރު މިހާތަނަށް ޑެންގީ ޖެހިގެން ތިން މީހަކު މަރުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް