އޭޕްރީލް މަހު ޓޫރިސްޓުން އައި އަދަދު 2.9 ޕަސެންޓް ދަށްވެއްޖެ

ޓުއާ ގައިޑަކު ޓޫރިސްޓުންތަކެއް ގޮވައިގެން ހަރަކާތްތެރިވަނީ-- ފޮޓޯ: ޒިންހުއާނެޓް

މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާ އިރު މި އަހަރު އޭޕްރީލް މަހު ރާއްޖެ އަށް ޓޫރިސްޓުން އައި އަދަދު 2.9 ޕަސެންޓް ދަށްވެއްޖެ އެވެ.

މިއީ މިއަހަރުގެ ހަތް ވަނަ މަސް ކަމަށްވާ އިރު ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ލިބެން ހުރީ އޭޕްރީލް މަހުގެ ނިޔަލަށް އެކަންޏެވެ.

ތަފާސް ހިސާބްތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޭޕްރީލު މަހު ރާއްޖެ އަށް އައިސްފައި ވަނީ 105,309 ޓޫރިސްޓުންނެވެ. މި އަހަރު އޭޕްރިލް މަހު އެ އަދަދު އަރަނީ 102,242 އަށެވެ. އެހެން ކަމުން މިއީ 2.9 ޕަސެންޓް ދަށް އަދަދެކެވެ.

އޭޕްރީލު މަހު ޓޫރިސްޓުން އައިސްފައިވާ މިންވަރު އެންމެ ބޮޑަށް ދަށްވެފައި ވަނީ ޔޫރަޕު ސަރަހައްދުންނެވެ. އެސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 12.1 ޕަސެންޓް އެމަހުގައި ދަށަށް ގޮސްފަ އެވެ.

ނަމަވެސް އޭޝިއާ ސަރަހައްދުން ޓޫރިސްޓުން އައި އަދަދު ވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ. އަދި އޭޕްރީލް މަހުގައި ޗައިނާއިން 26,398 ޓޫރިސްޓުން އައިސްފައިވާ އިރު އެއީ 9.8 ޕަސެންޓް އިތުރު އަދަދެކެވެ.

މަހުން މަހަށް ބަލާއިރު ޓޫރިސްޓުން އައި އަދަދު މަދުވިނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހަށް ވުރެ މިއަހަރު ފުރަތަމަ ހަތަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި މިންވަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު އެމުއްދަތުގައި ރާއްޖެއަށް 426,870 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު މިއަހަރު ވަނީ 432,210 ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ. އެއީ 1.3 ޕަސެންޓް އިތުރު އަދަދެކެވެ.

comment ކޮމެންޓް