ރައީސް އާއި ނާއިބު ރައީސް ފިޔަވައި ކައުންސިލަރުން ޕާޓް ޓައިމް ބަޔަކަށް ބަދަލު ކުރަން ހުށަހަޅައިފި

ށ. އަތޮޅު ކައުންސިލްގެ ކުރީގެ ކައުންސިލަރުންތަކެއް: ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން ކައުންސިލަރުން ޕާޓްޓައިމްކޮށް ވަޒީފާ އަދާ ކުރަންޖެހޭ ގޮތަށް ވަނީ ހުށަހަޅާފައި-- ސަން ފައިލް ފޮޓޯ

ކައުންސިލްގެ ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން ކައުންސިލަރުންނަކީ ޕާޓް ޓައިމް ބަޔަކަށް ހަމަޖެއްސުމަށް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައި އިސްލާހުގައި ބުނެފައި ވަނީ ކައުންސިލުތަކުގައި ދުވަހުން ދުވަހުގެ މަސައްކަތަށް ނުކުންނާނީ އެ ކައުންސިލެއްގެ ރައީސާއި ނައިބު ރައީސް އެކަނި ކަމަށެވެ. އިސްލާހުގައި ބުނެފައި ވަނީ ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން މެމްބަރުންނަކީ ޖަލްސާތަކުގައި ބައިވެރިވެ ކައުންސިލުތަކުގެ ސިޔާސަތުތައް ކަނޑައެޅުމާއި ނިންމުންތައް ނިންމުމުގައި ބައިވެރިވާ ފަރާތްތައް ކަމަށެވެ.

އިސްލާހުގައި ބަޔާންކޮށްފައިވާ މުހިއްމު ނުކުތާތައް:

  • ކައުންސިލަށް އިންތިހާބުވި ކަމުގައި ވިއަސް އެ މެމްބަރަކު ވަޒީފާއިން އިސްތިއުފާ ދިނުން ލާޒިމު ނުވުން
  • ކައުންސިލުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ އެހެން ވަޒީފާއެއް އަދާ ނުކުރެވޭނެ
  • ރަށު ކައުންސިލަށް އެންމެ ގިނަ ވޯޓު ލިބިގެން ހޮވޭ މެމްބަރަކު އަތޮޅު ކައުންސިލްގައި ހިމެނޭނެ
  • އަތޮޅު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ހަމައެކަނި ދެ މެމްބަރުން
  • އަންހެނުން ކޮމެޓީގެ ރައީސާ ވެސް ކައުންސިލުގެ މެމްބަރަކަށްވާނެ

އަމަލު ކުރަމުންދާ ގާނޫނުގައި ބުނަނީ:

  • ކައުންސިލުގެ މަގާމުތަކަށް ސިވިލް ސާވިސް ވަޒީފާއެއްގައި ހުރި މީހަކަށް ވެސް ކުރިމަތި ލެވިދާނެ.
  • ކުރިމަތިލި މަގާމަށް އިންތިހާބުވެއްޖެ ނަމަ ސިވިލް ސާވިސް ވަޒީފާއިން އިސްތިއުފާ ދޭންޖެހޭ.

އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ހަލީލު ވިދާޅުވީ އަތޮޅު ކައުންސިލުތައް އެކުލެވިގެން ވަނީ އެ ކައުންސިލެއް ނިސްބަތްވާ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިގެން ހޮވުނު ފަރާތް ހިމެނޭ ގޮތުގެ މަތިން ކަމަށެވެ. އެހެންކަމުން އަތޮޅު ހިންގުމުގެ ބައިވެރިވުން ރަށްރަށުގެ ރައްޔިތުންނަށް ލިބި އަތޮޅު ކައުންސިލުގެ އަމިއްލަވަންތަކަމުގެ އިހުސާސް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ހަލީލު ހުށަހަޅުއްވާފައި އިސްލާހުގައި ބުނެފައި ވަނީ އާބާދީގައި 500 އަށްވުރެ މީހުން މަދު ރަށްތަކުގައި ކައުންސިލަރުން އިންތިހާބު ނުކުރާ ގޮތަށް ހުށަހަޅާ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ 500 އަށް ވުރެއް އާބާދީ މަދު ރަށްތައް ހިންގާނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އާއި އަތޮޅު ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ދަށުން ކަމަށެވެ.

comment ކޮމެންޓް