މިނިވަން ފަންސާހުގެ މުނާސަބަތުގައި އުރީދޫ އިން މުޅިރާއްޖެއަށް ގްރެފިޓީ ކުރެހުމުގެ މުބާރާތެއް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ގްރެފިޓީ ކުރެހުމުގެ މުބާރާތް ކުރިއަށްދާނީ ޖުލައި 31 ގެ ނިޔަލަށް

މިނިވަން 50 ފާހަގަކުރުމަށް އުރީދޫ އިން ކުރިއަށްގެންދާ ހާއްސަ ކެމްޕެއިންގެ ދަށުން ގްރެފިޓީ ކުރެހުމުގެ މުބާރާތެއް ފަށައިފި އެވެ. އެ މުބާރާތުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ މިނިވަންކަން ރަމްޒުކޮށްދޭ ގްރެފިޓީ ކުރަހައިގެން ފަސް މީހަކަށް ޖުމްލަ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ މީހަކު ވެސް ހުއްދަ ލިބިފައިވާ ފާރެއްގައި ހަފޫޓު ހަފޫޓުގެ ގްރެފިޓީއެއް ކުރަހަން ޖެހެ އެވެ. އެއަށްފަހު #Minivan50 ހޭޝްޓެގް އާއިއެކު އެ ކުރެހުމުގެ ފޮޓޯއެއް އިންސްޓަގްރާމް ކުރުމުން މުބާރާތުގައި ބައިވެރިވެވުނީ އެވެ.

އުރީދޫ އިން ބުނީ މުބަރާތުގައި ބައިވެރިކުރާ ކުރެހުންތަކުގެ ތެރެއިން އެންމެ ހުނަރުވެރި އަދި މާނަ ފުން ފަސް ކުރެހުމެއް ހޮވާލައި، ކޮންމެ ކުރެހުމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމަކާ އެކު އުރީދޫ ނަންބަރުތަކަށް ހިލޭ ގުޅާލުމަށް 5000 މިނިޓް ލިބޭނެ ކަމަށެވެ.

ގްރެފިޓީއަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވޭ އުފެއްދުންތެރި ކުރެހުމުގެ ވައްތރަކަށް ވުމާ އެކު، ގްރެފިޓީ އާޓް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރުމަށް އުރީދޫ އިން އިލްތިމާސްކުރެ އެވެ. އެގޮތުން ފާރުގެ ނުވަތަ އިމާރާތުގެ ވެރިފަރާތުގެ ހުއްދަނެތި ކުރަހާ އެއްވެސް ގްރެފިޓީއެއް އެ މުބާރާތުގައި ބައިވެރި ނުކުރާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.

"ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިވަން ފަނސާސް ފާހަގަ ކުރަމުންދާއިރު މިކަމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ ފަހުރެއް. މިގޮތުން އުރީދޫއިން މިނިވަން ފަންސާހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ހުނަރުވެރި އާޓިސްޓުންގެ އުފެއްދުންތެރިކަން ފެނިގެންދާނެ ކަމަށް އުންމީދުކުރަން،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.

އުރީދޫ އިން ބުނީ އެ މުބާރާތަކީ ގްރެފިޓީއަށް ލޯބިކުރާ ފަރާތްތަކަށް އެމީހުންގެ ހުނަރުތައް ދައްކުވައިދޭން ވަރަށް އެކަށޭނަ ފުރުސަތެއް ކަމަށެވެ. މުބާރާތް ކުރިއަށްދާނީ 31 ޖުލައި 2015 ގެ ނިޔަލަށެވެ.

comment ކޮމެންޓް