ނާއިބު ރައީސް ޑރ. ޖަމީލު މަގާމުން ވަކިކުރުމަށް ކުރާ މަސައްކަތަކީ "ބަޣާވާތެއް" ކަމަށް ތުހުމަތުކޮށްފި

ރައީސް ޔާމީން (ކ) އަދި ނައިބު ރައީސް ޖަމީލް (ވ) ސަލާމް ކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކި ކުރުމަކީ "ގާނޫނު އަސާސީގެ ތެރެއިން ގެންނަ ބަޣާވާތެއް" ކަމަށާއި އެކަންތައް ހުއްޓުވުމަށް އިންޑިއާ އިން އެހީތެރި ވެދެއްވުމަށް އެމަނިކުފާނު ގޮވާލައްވައިފި އެވެ.

"ދަ ނިއު އިންޑިއަން އެކްސްޕްރެސް" އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި ކުރިއަށް ގެންދަވާ ހަރަކާތަކީ ބަޣާވާތެއް ކަމަށާއި އެކަންތައް ހުއްޓުވަން އެކުވެރި އިންޑިއާ އިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ އިންޑިއާ އަށް ރާއްޖޭގެ ހާލަތު ރަނގަޅަށް އެނގޭތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި ގާނޫނު އަސާސީގެ ދަށުން ގެންނަ ބަޣާވާތެއް. މިކަންތައް ހުއްޓުވުމަށް އިންޑިއާ އިން އެހީތެރި ވާން ޖެހޭނެ. ސަބަބަކީ އިންޑިއާ އަށް މިހާރު ރާއްޖޭގެ ހާލަތު ރަނގަޅަށް އެނގިލައްވާތީ،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ އެމަނިކުފާނު މަގާމުން ވަކި ކުރުމަށް ކުރަމުންދާ ކަންތައްތަކަކީ ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަން ޖެހޭ އުސޫލުތަކާ ދެކޮޅަށް ކުރާ ކަންތައްކެއް ކަމަށާއި އެއީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނައިބު ރައީސްގެ މަގާމަށް އިސްކުރުމަށް ކުރައްވާ ކަންތައްތައް ކަމަށެވެ. ސަރުކާރުން އެ ކުރާ ކަންތައްތަކަކީ ޒާތީ ހަސަދައެއް އޮތުމުން ކުރާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

އެ މަނިކުފާނު މަގާމުން ވަކިކުރަނީ ޒިންމާ އަދާނުކުރައްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތުހުމަތު ކުރެއްވި ކަމުގައިވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އެއްވެސް ޝަކުވާއެއް ކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު