ހައްޖު ކިޓް ތައާރަފުކޮށްދެއްވައިފި

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ހައްޖު ކިޓް ތައާރަފްކޮށްދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ހައްޖަށްދާ މީހުން ބޭނުންކުރަން ހަމަޖައްސާފައިވާ ހައްޖު ކިޓް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ތައާރަފުކޮށް ދެއްވައިފި އެވެ.

ހައްޖު ކިޓްގައި ހިމެނޭނީ ތަކެތީގެ ތެރޭގައި އިހްރާމް ފޮތި، ޖީބު ކާޑު، ހައްޖާއި އުމްރާގެ އަތްމަތީ ފޮތް، ޒީނަތްތެރިވާ ދަބަސް، އަތްމަތީ ދަބަސް، ލުއިކާނާ ފޮށި، ދަބަސް އަދި ޕެންޑްރައިވް ހިމެނެ އެވެ.

ހައްޖު ކިޓްގައި ހިމެނޭ ތަކެތި -- ސަން ފޮޓޯ: ފަޔާޒް މޫސާ

ސަލްސާ ރޯޔަލްގައި ރޭ އޮތް ރަސްމިއްޔާތުގައި ވަނީ ހައްޖު ކޯޕަރޭޝަންގެ އަގީގާ ޕެކޭޖް ވެސް ތައާރަފްކޮށްފަ އެވެ. އެ ޕެކޭޖް ވެސް ތައާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމެވެ.

ހައްޖުކޯޕަރޭޝަނަށް ފައިސާ ދެއްކުމުން މައްކާގެ ބިމުގައި އަގީގާ ކަތިލެވޭނެ އިންތިޒާމް ހަމަޖައްސާދޭނެ ކަަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހަމަދު ޒިޔާދު ވިދާޅުވީ ހައްޖާއި އުމުރާ އަށް ދާ ފަރާތްތަކުން ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އަތްދަބަހާއި ފޮއްޓާއި އަދި އެ ނޫންވެސް އެހެނިހެން ސާމާނުތަކުގައި ދިވެހި ދިދަ ތަމްސީލުކޮށްދިނުމަކީ ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް ކަަމަށެވެ. އަދި ހައްޖު ކިޓަށް ފަރުވާތެރިވެ ސާފުތާހިރު ކަމާއި އެކު ބެލެހެއްޓުވުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހަމަދު ޒިޔާދު ހައްޖު ކިޓް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ހައްޖު ކޯޕަރޭޝަނުގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ހައްޖު ކިޓް ތައްޔާރުކޮށްފައި ވަނީ ސިންގަޕޫރު އަދި މެލޭޝިއާ ފަދަ ގައުމުތަކުން ތަޖުރިބާލިބިގެން ކަމަށެވެ. ހައްޖާއި އުމުރާ އަށް ދާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން ގިނަ ކަންތައްތައް ކުރަމުން ގެންދާ ކަމަށް ވެސް މުނީޒާ ވިދާޅުވި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ހައްޖުކޯޕަރޭޝަންގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ -- ސަން ފޮޓޯ: ފަޔާޒް މޫސާ

"ދެ ހަރަމަށް ދިއުމުގެ ފުރުސަތާއި އަދި ފުރަތަމަ ފަހަރަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުންގެ ނަމްބަރު ގުނުމުގެ މަސައްކަތް ވެސް މިފަހަރު ހައްޖުގެ ތެރޭގައި ފަށާނަން،" މުނީޒާ ވިދާޅުވި އެވެ.

ހައްޖުކޯޕަރޭޝަން އުފައްދާފައި ވަނީ 2013 ވަނަ އަހަރު އެވެ.

comment ކޮމެންޓް