ފްރާންސްގެ ރެޕް ލަވަ ކިޔުންތެރިޔާ ޑިއަމް އިސްލާމްވި ގޮތުގެ ވާހަކަ

ފްރާންސްގައި މަޝްހޫރުކަން ހޯދި ރެޕް ލަވަކިޔުންތެރިޔާ ޑިއަމް، އިސްލާމް ވުމުގެ ކުރިންނާއި (ވ) އިސްލާމް ވުމުގެ ފަހުން (ކ) ނަގާފައިވާ ފޮޓޯ --

'އަހަރެން އިސްލާމްވީ ކީއްވެ' މި ސިލްސިލާ ލިޔުންތަކުގެ ތެރެއިން ސަންގެ ކިޔުންތެރިންނާ ހަމަޔަށް ވާނީ ފިރިހެން ރެޕް ލަވަ ކިޔުންތެރިޔެއް ކަމުގައިވާ އެމެރިކާގެ ބޭޑްބޯއިސްގެ ލޫން އިސްލާމްވި ގޮތުގެ ވަހަކަ ގެނެސްދީފައެވެ.

މިފަހަރު މިގެނެސްދެނީ އަންހެން ރެޕް ލަވަ ކިޔުންތެރިޔެއްގެ ވާހަކައެވެ. ފްރާންސްގައި މަޝްހޫރުކަން ހޯދި ރެޕް ލަވަކިޔުންތެރިޔާ 'މެލަނީ ޖޯޖައިޑީސް' އިސްލްމްވި ގޮތުގެ ވާހަކައެވެ. މިޔުޒިކް ސްޓޭޖްތަކުގައި މެލަނީ ގެ ނަން މަޝްހޫރުވެފައިވަނީ ޑިއަމްގެ ނަމުންނެވެ.

މެލެނީގެ މަޝްހޫރު ވާހަކަ ފެށިގެން އަންނަނި އޭނާގެ އެންމެ ޒުވާން ދުވަސްވަރުގެ ހިސާބުންނެވެ. ފުރާވަރު އުމުރުގައި ޑިއަމްވަނީ ގިނަ ބައެއްގެ ސަޕޯޓް ހޯދާފައެވެ. އޭނާއަށް ތަބާވާ އޭނާގެ ވަރުގަދަ ފޭން ބޭސް ގުރޫޕެއް އޭނާގެ ފަހަތުގައި އޮތެވެ.

ފްރާންސްގެ މަޝްހޫރު އެތަށް ބޭންޑަކުން އޭނާއަށް ކަޅި އަޅަމުން ގެންދިޔައެވެ. 1998 ވަނަ އަހަރު ޑިއަމްގެ އުމުރުން 19 އަހަރުގައި އޭނަ ވަނި ފްރާންސްގެ އެންމެ މަޝްހޫރު މިޔުޒިކް ބޭންޑަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށް އެބޭންޑާއެކު މަސައްކަތް ކުރަން ފަށާފައެވެ.

އެބޭންޑުން ޑިއަމްގެ ލަވަތަކަށް ހާއްސަކޮށްގެން ނެރުނު އަލްބަމްތަކަށް އާންމުގެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ އެވެ. އަދި އޭނާ ހިމަނައިގެން އެބޭންޑުން ބާއްވަމުން ދިޔަ ޝޯތަކަށް އެތަށް ބަޔަކު ޖަމާވަން ފެށިއެވެ. ފްރާންސްގެ އިތުރުން ޔޫރަޕްގެ އެކި ސަރަހައްދުތަކުގައި ގައި ބާއްވަމުން ދިޔަ ޑިއަމްގެ ޝޯތަކަށް އާންމުގެ ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔައެވެ. ޝޯތަކުގެ ޓިކެޓްތައް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވިކި ހުސްވަމުން ދިޔައެވެ.

ޑިއަމް ބުނާ ގޮތުން މިޔުޒިކްގެ ރޮނގުން އޭނާއަށް ލިބުނު މުއްސަނދިކަމާއެކު އޭނާގެ ދިރިއުޅުމަކީ އަގުބޮޑު ދިރިއުޅުމެކެވެ. މުޅި ފްރާންސްގައި އެންމެ ބޮޑު ޢާންމުދަނިއެއް ލިބޭ މިޔުޒީޝަނަކަށް ޑިއަމް ވެގެންދިޔައެވެ. އެހެންކަމުން އޭނާގެ ޒުވާން އުމުރުގައި އޭނާވީ ފްރާންސްގެ ގިނަބައްގެ މެދުގައި ނުފޫޒުގަދަ އަންހެނަކަށެވެ. ލަވަޔާއި މިޔުޒިކްގެ ދާއިރާގައި އޭނާއަށްވުރެ އެތަށް ގޮތަކުން ތަޖުރިބާ ހުރި ފަރާތްތަކަށް ގޮންޖަހަމުން ޑިއަމްގެ މަގުބޫލުކާމާއި ސަޕޯޓް ދިޔައީ މެދު އުޑުގައި ފިޔަ ޖަހަމުންނެވެ.

އޭނާގެ ދިރިއުޅުމުގެ އަނދިރި ފަރާތް

ގިނަ ބަޔަކަށް ފާހަގަ ކުރެވިފައި ވަނީ ޑިއަމްއަށް މިޔުޒިކްގެ ދައިރާއިން ލިބިފައިވާ މަގުބޫލުކަމެވެ. ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަންތައްތަކެއް އޭނާގެ މިޔުޒިކްގެ ހަޔާތުގައި ކުރިމަތިވަމުން ދިޔައެވެ. ފުރަތަމަ ކޮޅު އެކަންތައްތަކާ މެދު އޭނާގެ ޒަމީރު ހޭ ނުލަ އެވެ.

މިޔުޒިކް ދާއިރާގެ ބައެއް ފަންނުވެރިންގެ ފަރާތުން އޭނައަށް ކުރިމަތިވަމުން ދިޔަ ޖިންސީ ފުރައްސާރަ އިތުރުވެ އެކަން ނަފުސާނީ ބަލިމަޑުކަމަކަށް ބަދަލުވެގެން ދިޔައީ އެވެ. ޑިއަމްއަށް ފާހަގަ ކުރެވުނީ އޭނައަށް ޑިޕްރެޝަންގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށެވެ. އެކަން މައްސަލައަކަށް ނަހަދައި މިޔުޒިކްގެ ދާއިރާގެ ތެރޭގައި ގަދަޔަށް ހަރަކާތްތެރިވުމަށް ޑިއަމް ނިންމި އެވެ. ނަމަވެސް މައްސަލައިގެ ތެރެއަށް މައްސަލަ ގިނަވެ އިތުރުވެ ފުނި ޖެހެމުން ގޮސް އޭނާގެ ސިކުނޑއަށް ކެތް ނުވާ ވަރުގެ ނަފުސާނީ ޒަލްޒަލާއަކަށް އެކަން ވެގެންދިޔައީ އެވެ.

ޑިޕްރެޝަންގެ އުނދަގުލުން ސަލާމަތްވުމަށް ޑިއަމް އިހްތިޔާރު ކުރީ ނަފުސާނީ ޝަހުސިއްޔަތު ކަތިލާ ބޭހެކެވެ. ބަނގުރަލެވެ. ނަމަވެސް ބަނގުރަލަކުން އޭނާގެ ނަފުސާނީ ބަލިމަޑުކަމަކަށް ހައްލެއް ނުލިބުނެވެ.

ދެން އޭނާ ގަސްތު ކުރީ އެކަމަށް ޑޮކްޓަރީ ބޭހުން ފަރުވާ ލިބިގަތުމަށެވެ. ދެހާސްނުވަ ވަނަ އަހަރު ނެރުނު އޭނާގެ ތިން ވަނަ ސްޓްޑިއޯ އަލްބަމް ނެރުމުގެ ކުރިން ޑިއަމް ވަނީ ހޮސްޕިޓަލުގައި އެކަމަށް ފަރުވާ ހޯދަން ފަށާފަ އެވެ. އޭނާއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ތަސައްލީއެއް ހޯދައިދެވޭތޯ ހޮސްޕިޓަލްގެ ސައިކޭޓްރިސްޓުންނާ ނަފުސާނީ ބަލީގެ ޑޮކްޓަރުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި އޭނަ ވަނީ މިކަމަށް ހައްލެއް ލިބޭތޯ އެތަށް ނަފުސާނީ މާހިރުންނަކާ ބައްދަލުކޮށް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްފައެވެ.

ނަމަވެސް ޑޮކްޓަރީ ބޭހަކުން އޭނާގެ ބަލިމަޑުކަމަށް ހައްލެއް ނުލިބުނެވެ. ބަރާވެ ފުނިޖެހިފައިވާ އޭނާގެ ސިކުނޑިއަށް ލުއިކަމެއް ލިބިގެން ނުދެއެވެ.

ޑިއަމް އާންމުގެ ލޯމައްޗަށް ގެއްލުން! ދެންވީ ކިހިނެއް

ތިންވަނަ ސްޓްޑިއޯ އަލްބަމް ނެރުމަށްފަހު ޑިއަމް އިންޑިއާ ކަނޑުގައި އޮންނަ ފްރާންސްގެ ކޮލަނީއެއް ކަމުގައިވަ މައުރީސްއަށް ދިޔައެވެ.

މައުރީސްއިން އޭނާއާ ބައްދަލުވީ އޭނާގެ އެކުވެރި އަންހެން ޒުވާނަކާ އެވެ. އެ ދަތުރުގައި ވަގުތުތަކެއް މި ދެންނެވި އެކުވެރިޔައާއެކު ހޭދަ ކުރަން ފެށިއެވެ. މިޒުވާނައަކީ މުސްލިމެކެވެ. އެއް ދުވަހެކެވެ. އެ ޒުވާނާ ޒީނަތްތެރިވެ ކަމަކަށް ތައްޔާރުވާތީ އޭނާ ތަނަކަށް ދާން ތައްޔާރުވަނީކަމަށް ހީކޮށް ޑިއަމް އޭނާއާ ސުވާލު ކުރިއެވެ. "ތި ދަނީ ކޮންތަކަށް ހެއްޔެވެ؟" މިޒުވާނާގެ ޖަވާބަކަށްވީ "އަހަރެން މިއުޅެނީ ނަމާދު ކުރަން" ކަމަށެވެ. ޑިއަމްވެސް އޭނާއެކު ނަމާދު ކުރަން ދާނެ ވާހަކަ ބުންޏެވެ. ޑިއަމް އެހެން ބުނީ އޭނާ ނަމާދަށް ޝައުގުވެރިވެގެން ނޫނެވެ. މިޒުވާނާ ވެސް އެކަމަށް އާނއެކޭ ބުނީ ވެސް ސީރިއަސްކަމެއްގެ ގޮތުގައި ދެކިގެނެއް ނުނެވެ.

މިޒުވާނާއާއެކު ނަމާދުގައި ޑިއަމް އޭނާ ކުރަމުންދާ ހަރަކާތްތައް ކުރަމުން ދިޔައެވެ. އެއީ އިތްތިފާގެއް ހެއްޔެވެ. ނުވަތަ ޑިއަމްއަށް ހިކުރެވުނު ހީއެއް ހެއްޔެވެ. ނޫނެނެކެވެ. އެއީ އިލާހީ ރޭވުމެވެ.

ނަމާދުގެ ހަރާކާތްތައް ކުރަން ފެށުމުން ޑިއަމްއަށް ކުރެވުނީ ތަފާތު އިހްސާސްތަކެކެވެ. އޭނާ ސަޖިދައިގައި އޮތް އިރު އޭނާއަށް އިހްސާސް ކުރެވުނީ އޭނާގެ ބޯމަތިން 'ދެ ފަރުބަދަ' އުފުލިގެން ދިޔަހެންނެވެ. ނަމާދުގައި އޭނާއަށް އިހްސާސް ކުރެވުނީ ނަމާދަކީ ހަމައެކަނި ހަރަކާތްތައެއް ނޫން ކަމެވެ. ޑިއަމްއަށް ކުރެވުނު އިހްސާސްތައް މި ޒުވާނާގެ ކުރިމަތީގައި އޭނަ ބަންޑުންކޮށްލި އެވެ. ޑިއަމް ބުނި ގޮތުގައި ނަމާދުގެ ހަރަކާތްތައް ކުރަމުން ދިޔައިރު އޭނާއަށް އިހްސާސް ކުރެވުނީ ނަމާދަކީ ވަކި އިންސަނަކަށްޓަކައި ނުވަތަ ވަކި މަޚްލޫޤަކަށްޓަކައި ކުރާ ކަމެއް ނޫން ކަމެވެ. އެކަން ހާލިސް ކުރަނީ މަޚްލޫޤުން ޚަލްޤު ކުރެއްވި ޚަލީޤުވަންތަ އިލާހްގެ ޙަޟްރަތަށް ކަމަށެވެ.

ޑިއަމްއަށް އިހްސާސް ކުރެވުނީ އޭނާއަށް ކުރިމަތިވެފައިވާ ނަފުސާނީ ބަލިމަޑުކަމަށް ކޮންމެ ވެސް ފިނިކަމެއް ލިބިގެން ދިޔަ ކަމެވެ. އޭނާ ނަމާދަށް ޝައުގުވެރިވި އެވެ. ދަތުރު ނިންމުމަށްފަހު ފްރާންސަށް ފުރުމުގެ ކުރިން މި ދެންނެވި ޒުވާނާގެ އަތުން ފްރާންސް ބަހަށް ތަރުޖަމާކޮށްފައިވާ ޤުރުއާނުގެ ތަރުޖަމާއެއް ޑިއަމް ހޯދި އެވެ. މައުރީސްގެ ވެސް ރަސްމީ ބަހަކީ ފްރާންސް ބަހެވެ. ދަތުރުމަތީގައި ގެންގުޅޭ އަތް ދަބަހުގެ ތެރެއަށް އެ ތަރުޖަމާލިއެވެ.

މަތިންދާ ބޯޓްގައި ލިބުނު ވަގުތުތަކުގައި ޤުރުއާނުގެ ތަރުޖަމާ ނަގައިގެން ކިޔަވަން ފެށި އެވެ. ކޮންމެ އާޔަތަކުން ޑިއަމްގެ ސިކުނޑިއަށް ލުއިކަމާ ހިތް ހަމޖެހުން ލިބިގެން ދިޔަ އެވެ. ޤުރުއަނުގައިވާ ވަހަކަތަކުގެ ފުރިހަމަކަމެވެ. ޤުރުއާނަކީ އިންސާނީ ތަސްނީފެއް ނޫންކަން ކިޔަވަމުން ދިޔަވަރަކަށް ޑިއަމްއަށް ޔަގީން ކުރެވެމުން ދިޔަ އެވެ.

މައުރީސްގެ ދަތުރަށްފަހު އާންމުގެ ލޯ ކުރި މައްޗަށް ޑިއަމް ގެއްލުނެވެ. އޭނާ އެކަހެރިކަން އިހްތިޔާރުކުރީ ކޮންކަމަކަށް ހެއްޔެވެ. އޭގެ ފަހަތުގައި ވަނީ ކޮން ސަބަބެއް ހެއްޔެވެ. އެއީ އޭނާގެ އީމާންކަން ހިމާޔަތް ކުރުމަށްޓަކައެވެ. ޤުރުއާނުގައިވާ ހަޤީގަތްތަކާއި އެ ގައިވާ އަޖައިބުކަން ފެނި ޑިއަމް އިސްލާމްވިއެވެ.

އަލުން އެނބުރި އައުން!

ޑިއަމް އިސްލާމްވިތާ ތިން އަހަރު ފަހުން އޭނަ އެނބުރި އާންމުގެ ކުރިމައްޗަށް އައެވެ. އޭނާ އެނބުރި ޝޯ އަކަށް އައެވެ.

ނަމަވެސް މިފަހަރު އޭނާ އެނބުރި އައީ ރެޕް މިޔުޒިކް ޝޯއަކަށް ނޫނެވެ. އިސްލާމްވިތާ ތިން އަހަރު ފަހުން 2012 ވަނަ އަހަރު އޭނާ އަމިއްލަ އަތުން ލިޔުނު އޭނާގެ ބައިގްރޮފީ ނެރުމާއި ގުޅިގެން ފްރާންސްގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމުގައިވާ ޓީއެފް ވަން އިން އެ ފޮތާ ބެހޭ ގޮތުން ހެދި ޓީވީ ޝޯއަކަށް އިންޓަވިއު ދިނުމަށެވެ. އެ ޓީވީ ޝޯގައި އޭނާ ފެނުނީ ތަފާތުކޮށެވެ. ބޮޑު ހެދުމުގެ ލިބާހުގައި އޭނާ ހުރި އިރު އޭނާގެ ބޮލުން ވައްޓަލާފައިވާ ޖިލްބާބުން މުޅި ހަށިގަނޑު ވަނި ނިވާވެފަ އެވެ.

އެ އިންޓަވިއުގައި ތިން އަހަރު ދުވަސްވަންދެން އާންމުގެ ލޯ މައްޗަށް ގެއްލުނު ސަބަބާބެހޭ ގޮތުން ސުވާލުކުރުމުން ޑިއަމް ބުނެފައި ވަނީ ފްރާންސަކީ މުސްލިމުން އިސްލާމް ދިނަށް އުޅެން އުނދަގޫ ގައުމެއް ކަމަށާއި ގިނަ ބަޔަކަށް މުސްލިމުންގެ ހިޖާބައި ބުރުގާ ފެނުމުން ޓޮލަރޭޓް ކުރަން ފަސޭހަ ނުވާތީ ކަމަށެވެ.

ޑިއަމް ބުނީ އޭނާ އިސްލާމުވުމުން ކުރިން ދަންނަ ބައެއް މީހުން އެކަން ބަލައި ނުގަނެވުނު ކަމަށާއި އެއީ އޭނާ ވިސްނާކަމެއް ނޫން ކަމަށެވެ. އަދި ފްރާންސް ފަދަ ގައުމުތަކުގައި އިސްލާމް ދީނުގެ ވަޖިބާތުތައް އަދާކުރުމީ ގޮންޖެހުން ބޮޑުކަމެއް ކަމަށެވެ.

comment ކޮމެންޓް