ތިން މަރުން އިބުރަތެއް: ޑެންގީއަށް އަވަސް ފިޔަވަޅު އަޅަމާ!

މަދިރިން ރައްކާތެރިވާން ބޭނުންކުރާ ބައެއްތަކެތި-- ސަން ފޮޓޯ: އަހުމަދު ޝަރުވާން

އެއީ ކުޑަ މަދިރިއެކެވެ. ނަމަވެސް ނުރައްކާ އިންތިހާއެވެ. އޭގެ އިބުރަތަކަށް 2011 ވަނަ އަހަރު ޑެންގީގައި ރާއްޖެ އިން 11 މީހުން މަރުވިއިރު މިއަހަރު ތިން މީހަކު އެބަލީގައި މަރުވިކަން ހަދާންކޮށް އަވަހަށް ފިޔަވަޅު އަޅަންޖެހެ އެވެ. ދައުލަތުގެ ކަމާ ބެހޭ ވުޒާރާތައް މިކަމަށް އަތު ކުރި އޮޅާލާފައިވާ އިރު ކޮންމެ ފަރުދަކު އަމިއްލަ ޒިންމާވެސް ނަގަން ޖެހެ އެވެ. އެންމެ ފުރަތަމަ ކުރެވެން އޮތް ކަމަކީ ޑެންގީ ބަލި ފަތުރާ އީޑީސް މަދިރިން ރައްކާތެރި ވުމެވެ.

ހެލްތު ޕުރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ފާތުމަތު ނަޒުލާ ރަފީގު ލަފާ ދޭ ގޮތުން ޑެންގީ ބަލިން ސަލާމަތްވުމަށް މިހާރުން މިހާރަށް އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ އެމަދިރިން ރައްކާތެރިވުމެވެ. ނަޒުލާ ލަފާ ދޭ ގޮތުގައި އެ ބަލިން ސަލާމަތް ވުމަށް އެޅޭނެ ފިޔަވަޅުތައް-

*އީޑީސް މަދިރި އެންމެ ގިނައިން އުޅެނީ އިރުއަރާ ވަގުތާއި އިރު އޮއްސޭ ވަގުތު ކަމަށް ވުމުން އެ ގަޑީގައި ގޭތެރެ ރަނގަޅަށް ބަންދު ކުރުން.

*ކުދިބޮޑު އެންމެން ވެސް މި ދުވަސް ވަރު މުޅި ގައި ފޮރުވޭފަދަ ދޫހެދުން ލުން.

*ކުޑަކުދިން ނިންދަވައި ހަދާ އިރު މަދިރިގެ ބޭނުން ކުރުން.

*ގޭގައި "މޮސްކިޓޯ ވަޕޮރައިޒާ" (ގުޑްނައިޓް) ނުވަތަ ދުންދަނޑި ފަދަ ތަކެތި އަބަދުވެސް ބޭނުން ކުރުން.

*މަދިރި ލޯޝަން ނުވަތަ ކުރީމް ނުވަތަ ސްޕުރޭ ބޭނުން ކުރުން.

ޑެންގީ އަކީ ކޮންމެ އަހަރެއްގެ ވެސް ޖޫން ޖުލައި މަހު އިތުރުވާ ބައްޔަކަށްވާ އިރު ކޮންމެ ހަތަރު ނުވަތަ ފަސް އަހަރުން އިންތިހާއަށް އެރީގާ އިތުރުވެ އެވެ. މިއީ 2011 ވަނަ އަހަރު ފަހުން މި ރޯގާ އިތުރުވި ފަހަރެވެ. މިއަހަރު ޑެންގީ ބަލީގައި ތިން މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި މާބަނޑު އަންހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ބިދޭސީއެއް ހިމެނެ އެވެ.

މިއީ ފުރާނައަށް ނުރައްކާ ބައްޔަކަށްވާ އިރު އެ ބައްޔަކީ ހާއްސަ ފަރުވާއެއް އޮތް ބައްޔެއް ނޫނެވެ. އެ ބަލި ފެތުރެނީ އެ ބަލި ޖެހިފައި ހުރި މީހެއްގެ ގައިން ލޭ ބުއިމަށް ފަހު އެހެން މީހެއްގެ ގައިގަ ދަތް އެޅުމުންނެވެ. އީޑީސް މަދިރިޔަކީ ވައިރަސް އުފުލާ ވަސީލަތެކެވެ.

ޑރ. ނަޒުލާ ވިދާޅުވާ ގޮތުގައި ތިން ދުވަސްވަންދެން ހުން އަންނަ ނަމަ، ނުވަތަ ނުރައްކާތެރި އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ޑޮކްޓަރަކަށް ދައްކަން ޖެހެ އެވެ. ހުން އައުމުން އެންމެ ރަނގަޅީ ގިނަ ގިނައިން ދިޔާ ތަކެތި ބޭނުން ކުރުން ކަމަށާއި ހާއްސަކޮށް ހުން އައުމުން ޕެނަޑޯލް ނޫން އެހެން ބޭހެއް ނުދިނުމަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޑެންގީ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި ބޮލާއި ގައިގައި ރިއްސުމާއި މޭނުބައި ކޮށް ހޮޑުލެވުން ހިމެނެ އެވެ. ހަމަ އެހެންމެ ގައިގަ ރަތް ކުލައިގެ ކުދި ބިހި ނެގުން ހިމެނެ އެވެ. އެއީ އާންމު އަލާމާތްތަކަށްވާ އިރު މީގެ ނުރައްކާވާ ހިސާބަށް ދާ ފަހަރު ވެސް އާދެ އެވެ. އޭގެ އަލާމާތްތަކުގެ ތެރޭގައި މާގިނައިން ހޮޑު ލެވުމާއި ގަދަޔަށް ބަނޑުގައި ރިއްސުމުގެ އިތުރުން ހޮޑުލާ އިރާއި ހަށިގަނޑުގެ އެހެން ތަނަކުން ވެސް ލޭ އައުން ހިމެނެ އެވެ. ހަމައެހެންމެ ހަށިގަނޑުން މާ ބޮޑަށް ވަރުދެރަވުން އެއީ އެ ބަލީގެ ނުރައްކަލުގެ އަލާމާތެކެވެ.

މި ބަލި އިންތިހާއަށް ފެތުރެމުން ދާތީ ސިއްހީ ފަރުވާ ދިނުމަށް ޓަކައި ސެނަހިޔާ ހޮސްޕިޓަލާއި ފުލުހުންގެ ކްލިނިކު ކަމަށްވާ ނޫސަންދަ މިހާރު ވަނީ އާއްމުންނަށް ހުޅުވާލަ އެވެ. އަދި ދަމަނަވެށިން މިހާރު ވަނީ ރޭގަނޑު ވެސް ހުޅުވައި ފަރުވާ ދޭން ފަށާފަ އެވެ.

މަދިރިން ރައްކާތެރިވުމާ އެކު ދެން އޮތީ މި ބަލީގެ ދާއިމީ ހައްލެވެ. އެއީ އެމަދިރި ނައްތާލުމަށް ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާ ކުރުމެވެ. ނަޒުލާ ވިދާޅުވި ގޮތުގައި މަދިރި ނައްތާލުމުގެ މަސައްކަތް ރަނގަޅަށް ކުރެވިއްޖެ ނަމަ ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި މި ރޯގާ ކޮންޓުރޯލް ކުރެވޭނެ އެވެ.

"ސާފް ކުރަން ޖެހޭ ކަންކަން ސާފު ކުރުމުގެ މަސައްކަތާއި ފޮކް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ، ސާފް ރަނގަޅަށް ކުރެވިއްޖެއްޔާ ގާތްގަނޑަކަށް ކުރިއަށް އޮތް މަސް ދުވަސް ނޫނީ ދޮޅުމަސްތެރޭ އަޅުގަނޑުމެންނަށް ކޭސްތައް ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ." ޑރ. ނަޒުލާ ވިދާޅުވި އެވެ.

ޑެންގީ ކޮންޓްރޯލް ކުރުމަށް އެންމެ މުހިއްމު ކަމަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމެވެ. އެކަން ކުރެވޭނީ ފަރުދީ ޒިންމާ ނަގައިގެންނެވެ. ކަމާބެހޭ ވުޒާރާތަކުން ފޮގް ކޮށްގެން މިކަން ހުއްޓޭކަށް ނެތެވެ. ފޮގް ކުރުމަކީ ޑެންގީ ރޯގާއެއްގެ ސިފައިގާ ފެތުރެމުން ދާނަމަ، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ސާފުކުރުމަށްފަހު ކުރެވޭ ކަމެކެވެ. އެފަދަ ތަންތަން ނައްތާ ނުލާނަމަ، ފޮގް ކުރި ކަމުގައި ވިޔަސް އަލުން މަދިރި އުފެދޭނެ އެވެ.

ެމަދިރި ނައްތާލުމަށް ފަރުދީގޮތުން ކުރެވޭނެ ކަންކަން.

*ފެން ހެދޭ ޒާތުގެ ތަކެތިން ފެން ހަރުނުލާ ގޮތަށް ބެހެއްޓުން

*ލިފްޓް ގޮޅި، ވައި ގޮޅި އަދި ހަދަމުންދާ އިމާރާތްތައް ފަދަ ތަންތަން ބަންދުކޮން ނުވަތަ ފެން ހަރުނުލާގޮތަށް ހެދުން

*ފަޅު ގޭގެތަކާއި ވަލު ފަދަ ތަންތަން ފެން ހަރުލާ ފަދަ ކުނި ގިނަވުމާއި ވަޅުތަކުގައި މަދިރިފަނި އުފެދުން

މި އަހަރުގެ މިހާތަނަށް ޑެންގީ ބަލީގައި 384 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ މާލެއިން 122 ކޭސް އާއި އަތޮޅުތެރެއިން 262 ކޭސް އެވެ. އެހެން ކަމުން ޑެންގީ ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މިހާތަނަށް ތިން މީހަކު މަރުވެފައިވާ އިރު މި ބަލީގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށް ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާ ކުރަން އެބަޖެހެ އެވެ.

comment ކޮމެންޓް