ޑެންގީއާ ބެހޭ މައުލޫމާތު ދިނުމަށް އެޗްޕީއޭ އިން ހޮޓްލައިނެއް ގާއިމުކޮށްފި

މީޑީއާއަށް މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ސެޝަންގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި މިދުވަސްވަރު ހަލުއިކަމާއެކު ޑެންގީ ހުން ފެތުރެމުންދާތީ އެކަމާބެހޭ މައުލޫމާތުތައް އާއްމުންނަށް ފޯރުކޮށްދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހޮޓްލައިނެއް ގާއިމްކޮށްފި އެވެ.

ޑެންގީއާ ބެހޭ މައުލޫމާތު މީޑިއާތައް މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދިނުމަށްޓަކައި ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ގުޅިގެން މިރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ބައްދަލުވުމުގައި އާއްމުކޮށްފައިވާ ނަމްބަރަކީ 7548221 އެވެ. މި ނަމްބަރަށް ގުޅުމުން ޑެންގީއާ ބެހޭ މައުލޫމާތު 24 ގަޑިއިރު އާއްމުންނަށް ފޯރުކޮށްދޭނެ އެެވެ. އަދި ވަރަށް އަަވަހަށް އެ ނަމްބަރުގެ އުރީދޫ ނަމްބަރެއް ވެސް ގާއިމްކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ގުޅިގެން މިރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ބައްދަލުވުމުގައި ޑެންގީއާ ބެހޭ މައުލޫމާތު ފޯރުކޮށްދެނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

މިރޭ ބޭއްވި އެ ބައްދަލުވުމުގައި އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު މެންދުރު 2:00 އާ ހަމައަށް މުޅި ރާއްޖެ އިން 384 ކޭސް ރިޕޯޓްކޮށްފައިވާއިރު މާލޭން އެކަނި ރިޕޯޓްކޮށްފައިވަނީ 122 އެވެ. އަދި އަތޮޅު ތެރެއިން 262 ކޭސް ރިޕޯޓް ކޮށްފައިވާއިރު މިހާތަނަށް ޑެންގީ ޖެހިގެން ތިން މީހަކު މަރުވެފައިވެ އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ކަމާ ބެހޭ އިދާރާތަކާއި މީޑިއާތައް މެދުވެރިކޮށް ބާއްވާ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ޑެންގީއަށްް ވީހާ ވެސް ބޮޑަށް ހޭލުންތެރިކުރެވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑެންގީއާ ބެހޭ މައުލޫމާތު ވީހާ ވެސް ބޮޑަށް މީޑިއާތައް މެދުވެރިކޮށް އާއްމުންނަށް ހިއްސާ ކުރަމުން ގެންދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޑެންގީން ރައްކާތެރިވުމުގައި ފަރުދީ ޒިންމާއެއް އެބައޮތް ކަމާއި ބޭނުންވާ މައުލޫމާތުތައް ދިނުމާއި އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ގޮތްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް މީޑިއާތަކުގެ ކިބައިން އެދެން،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ގުޅިގެން މިރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ބައްދަލުވުމުގެތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ހުންނަނީ އާންމުކޮށް ޖެހޭ ރޯގާތަކާ ގުޅިގެން ވެސް ފެންނަ ބައެއް އަލާމާތްތަކެކެވެ. އެގޮތުން ހުންއައުމާ އެކު ބޮލުގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސުމާއި ހޮޑުލެވުމާއި މޭ ނުބައި ކުރުމާއި ގައިގައި ރަތްކުލައިގެ ކުދިކުދި ބިހިތަކެއް ނުވަތަ ސްކިން ރޭޝްއެއް ނެގުން ހިމެނެ އެވެ. ނަމަވެސް ޑެންގީކަން އެނގޭނެ ސީދާ ވަކި އަލާމާތެއް ނުހުންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ޑެންގީގެ ނުރައްކާތެރި އަލާމާތެއް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަަކަށް ޑޮކްޓަރަށް ދެއްކުމަށް އިސްކަންދޭންޖެހެ އެވެ. ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހަށިގަނޑުން ފެން މަދުވެ މާބޮޑަށް ވަރުބަލިވުމާއި ހަށިގަނޑުގެ ކޮންމެވެސް ތަނަކުން ލޭ އައުމާއި މާގިނައިން ހޮޑުލުމާއި ހޮޑުލާއިރު ލޭއައުމާއި މާބޮޑަށް ބަނޑުގައި ރިއްސުމެވެ.

އީޑީސް މަދިރީގެ ސަބަބުން ފެތުރޭ މި ބަލިން ސަލާމަތް ވުމަށްޓަކައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޑެންގީ ބަލި ޖައްސާ އީޑީސް މަދިރިއަކީ ސާފު ފެނުގައި އުޅޭ އެއްޗެއް ކަމުގައިވާއިރު ގޯތިތެރޭގައި އަދި ތިމާ އުޅޭ ވެށީގައި ހުންނަ ފެން އުފެދޭ ފަދަ ތަންތަން ކޮންމެ ހަފްތާއަކު އެއް ފަހަރު ސާފުކުރުމަކީ އެކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށެވެ.

ޑެންގީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާރު ވަނީ ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާފަ އެވެ.

comment ކޮމެންޓް