އިންޑޮނޭޝިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި 113 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ C-130 މަތިންދާ ބޯޓު ވެއްޓުނު ސަރަހައްދުގައި އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވަނީ. ބޯޓު ވެއްޓުމުގެ ހާދިސާގައި 113 އަށްވުރެ ގިނަމީހުން މަރުވެފައިވޭ -- ފޮޓޯ: އާރްޓީ

އިންޑޮނީޝިއާގެ އަސްކަރީ މަތިންދާބޯޓެއް ސުމަތުރާ ސަރަހައްދުގެ މެޑާންގެ މީހުން ދިރިއުޅޭ ސަރަހަށްދަކަށް ވެއްޓި އެ ބޯޓުގައި ތިބި ފަސިންޖަރުންނާ އެކު 113 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އިންޑޮނޭޝިއަން އެއާފޯސް އޮޕަރޭޝަންސް ކޮމާންޑަރު އާގޫސް ޑުވީ ޕުޓްރަންޓޯއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްގައި ބުނެފައިވާ ގޮތުން، މިއަދު އެ ހާދިސާގައި، އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ C-130 މަތިންދާ ބޯޓު ރަންވޭ އިން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވެ، ބޯޓުން ކަޅު ދުންތަކެއް އަރަން ފެށީ އެވެ. އަދި އެއަށް ފަހު ބޯޓު ތިރިއަށް އައިސް އުސް އިމާރާތެއްގައި ޖެހި، ބާރުގަދަ އަޑުފައްގަނޑަކާ އެކު ބޯޓުގައި އަލިފާން ރޯވީ އެވެ.

އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ C-130 މަތިންދާ ބޯޓު މެޑާންގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިފައި. މި ހާދިސާގައި 113އަށް ވުރެ ގިނަ މީޙުން ވަނީ މަރުވެފައި --

އެވަގުތު އެ ބޯޓުގައި 101 ފަސިންޖަރުންނާއި 12 ފަޅުވެރީން ތިބި އިރު އެ އެންމެންވެސް މަރުވެފައިވާ ކަމަށް އިންޑޮނީޝިއާގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ބޯޓު ވެއްޓުނު ހިސާބު ބިންމަތީގައި ތިބި ތިން މީހަކު ވެސް އެ ހާދިސާގައި މަރުވެފައިވާ އިރު، މިހާތަނަށް 72 ހަށިގަނޑެއް ހޯދިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މެޑާންގެ ފުލުހުންނާ ހަވާލާދީ އާރްޓީގައި ބުނެފައި ވަނީ، އަސްކަރީ މަތިންދާ ބޯޓުގައި ތިބީ ހަމައެކަނި އަސްކަރިއްޔާގެ މީހުން ނޫން ކަމަށާއި އެ ބޯޓުގައި އާންމުންގެ މީހުން ވެސް ހިމެނޭއިރު އޭގެ ތެރޭގައި ކުޑަކުދީން ވެސް ހިމެނޭ ކަމަށެވެ.

އިންޑޮނީޝިއާގެ ނަޓްނާ އައިލެންޑްސްއަށް ދިއުމަށް ޓަކައި އެ ބޯޓު މެޑާންގެ މިލިޓަރީ ބޭހަކުން ފުރީ އިންޑޮނީޝީއާ ގަޑިން މިއަދު މެންދުރު 12:08ގައި ކަމަށާއި އަދި އޭގެ ދެ މިނިޓް ފަހުން ބޯޓު ވެއްޓިފައި ވަނީ އެސަރަހައްދާ ފަސް ކިލޯމީޓަރު ދުރަށް ކަމަށް އަސްކަރީ ތަރުޖަމާން ފުއާދު ބަސްޔާ ވިދާޅުވި އެވެ.

މީގެ 10 އަހަރު ކުރިން މަންޑަލާ އެއާލައިންގެ ބޯއިން 737ގެ މަތިންދާބޯޓެއް މެޑާންގެ ވައިގެ ބަނދަރުން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެއާޕޯޓު ކައިރީ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު ހާދިސާއެއްގައި 143 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭއިން 30 މީހުންނަކީ ބިންމަތީގައި އުޅުނު މީހުންނެވެ.

އާބާދީގައި 3.4 މިލިއަން މީހުން ދިރިއުޅޭ މެޑާންއަކީ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާއާއި ސުރަބާޔާއަށް ފަހު ތިންވަނައަށް އެންމެ ބޮޑު ސިޓީ އެވެ.

comment ކޮމެންޓް