"ޑެންގީ" ގައި ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ

އައިޖީއެމްއެޗް ---- ސަން ފައިލް ފޮޓޯ

ޑެންގީ ކަމަށް ބެލެވިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދިޔަ އުމުރުން ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ހދ. ނެއްލައިދޫ އުމުރުން ފަސް އަހަރުގެ ހައްވާ އިމްޝާ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ އެކުއްޖާ މަރުވެފައިވަނީ ޑެންގީގައި ކަމަށް ބެލެވޭ ކަމަށެވެ. އެކުއްޖާއަށް ފަރުވާ ދިނުމަށް އެހޮސްޕިޓަލަށް ގެންދިޔައީ މިއަދު 2:15 އެހާކަންހާއިތު ކަމަށާއި މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް މިއަދު 3:50 އެހާކަންހާއިރު ކަމަށް ޒީނަތު ވިދާޅުވިއެވެ.

ނެއްލައިދޫ ކައުންސިލް މެމްބަރު އަދި މަރުވި ކުއްޖާގެ ބޭބެ މުހައްމަދު ވާފިރު މިއަދު ސަން އަށް ވިދާޅުވީ އިމްޝާ މަރުވެފައިވަނީ ހުން އަންނަތާ 13 ވަރަކަށް ދުވަސް ފަހުން ކަމަށެވެ.

އިމްޝާ ހުންއަންނަން ފެށުމުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކުމުން ބޭސް ދިނުމަށްފަހު އެކުއްޖާ ރަށަށް ފޮނުވާލީ ކަމަށާއި މިއަދު އިމަޖެންސީކޮށް މާލެ ގެނައީ ރެއިން ފެށިގެން އެކުއްޖާގެ ކަރުންނާއި ކުޑަކަމުދާ އެއްޗެހިން ލޭ އައުމުން ކަމަށް ވާފިރު ވިދާޅުވިއެވެ.

ޑެންގީ އާއި ރޯގާތައް ވަރަށް ގަދަޔަށް ރާއްޖޭގައި މިހާރު ވަނީ ފެތުރެން ފަށާފަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި ގއ. ކޫއްޑޫގައި ޑެންގީ ޖެހިގެން ބިދޭސީއަކު މަރުވެފައިވާރު، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މާބަނޑު އަންހެނަކު ވެސް ވަނީ ޑެންގީހުން ޖެހިގެން މަރުވެފަ އެވެ.

ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.

comment ކޮމެންޓް