ކީޕަރު ޢިމްރާންގެ އޮޕަރޭޝަން ކާމިޔާބު – ކުޅެން ނިކުމެވޭނީ ހަ މަސް ފަހުން

ގައުމީ ޓީމްގެ ގޯލް ކީޕަރު ޢިމްރާން މުޙައްމަދު: އޭނާގެ މިއަދު ކުރީ ސާޖަރީ ވަނީ ކާމިޔާބު ވެފައި، އަލުން ކުޅުމުގެ ތެރެއަށް ނިކުމެވޭނީ ހަ މަސް ފަހުން --- ފޮޓޯ/ ޢިމްރާން ފޭސް ބުކް ޕޭޖް

ގައުމީ ޓީމްގެ އެއް ނަންބަރު ގޯލްކީޕަރު ޢިމްރާން މުހައްމަދުގެ ކަކުލު ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން މިއަދު ކުރި ސާޖަރީ ކާމިޔާބު ކަމަށް އޭނާ ބުނެފި އެވެ.

މިމަހު 16 ވަނަ ދުހު ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންއާ ދެކޮޅާށް އެގައުމުގައި ކުޅުނު މެޗްގައި ޢިމްރާންގެ ކަކުލު ހުޅަށް ލިބުނު ޕޮސްޓީރިއާ ކްރޫޝިއޭޓް ލިގަމެންޓް (ޕީސީއެލް) އިންޖަރީއަށް ހަދަންޖެހޭ ސާޖަރީ ކޮށްފައިވަނީ އިނޑިއާގެ މުންބާއީގެ ކޮކިލަބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައެވެ.

ގައުމީ ޓީމްގެ ގޯލް ކީޕަރު ޢިމްރާން މުޙައްމަދު އޭނާގެ ކަކުލުގެ ހުޅަަށް ލިބިފައިވާ އަނިޔާ ގުޅިގެން ސާޖަރީ ހެއްދުމުގެ ކުރިން، އޭނާގެ ސާޖަރީ ކުރި އިންޑިއާގެ މުންްބާއިގެ ކޮކިލަބެން ދިރުބާއީ އަމްބަނީ ހޮސްޕިޓަލްގައި --- ފޮޓޯ/ ޢިމްރާން ފޭސް ބުކް ޕޭޖް

ޢިމްރާންގެ ސާޖަރީ ކުރި އޮޕަރޭޝަންގައި އިސް ސާޖެންޓެއްގެ ގޮތުގައި ހުންނެވީ ޑިންސޯ ޕާޑިވަލްއެވެ.

ސަން އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ގައުމީ ޓީމްގެ ފިޒީޝަން އަޙްމަދު ޝަކީބު ވިދާޅުވެފައި ވަނީ، ޢިމްރާން ހަދަންޖެހޭ ސާޖަރިއަކީ ވަރަށް މަދުން ހަދާ ސާޖަރީއެއް ކަމަށާއި އެ ސާޖަރީ ހަދަން ޖެހޭނީ ވަރަށް ތަޖުރިބާ ހުރި ޑޮކްޓަރެއް ކަމަށެވެ.

ޢިމްރާންގެ ސާޖަރީ ހެދި ޑޮކްޓަރު ޑިންސޯ ޕާޑިވަލްއަކީ މެޑިސިން އެންޑް ސައިންސް އިން ސްޕޯޓްސް އެންޑް އެކްސަސައިޒް (އެމްއެސްއެސްއީ) ގެ ރޮނގުން ސްޕެޝަލައިޒް ވެފައިވާ ސާޖެންޓެކެވެ.

ގައުމީ ޓީމްގެ ގޯލް ކީޕަރު ޢިމްރާން މުޙައްމަދު (ވ) އާއި އޭނާ ކުރި ސާޖަރީގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ސާޖެންޓް ޑިންސޯ ޕާޑިވަލްއާއެކު ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ ޢިމްރާން ފޭސް ބުކް ޕޭޖް

ޢިމްރާން ސާޖަރީ ހެދުމަށް ކުރިން ދާން ހަަމަޖެހިފައި އޮތީ މެލޭޝިއާއަށެވެ.

ސާޖަރިއަށް ފަހު ޢިމްރާން ކުޅުމުގެ ތެރެއަށް އައުމަށް ހަ މަސް ހޭދަވާނެ ކަމަށް ކުރިން ހެއްދި އެމްއާރްއައި ސްކޭންއިން ވަނީ އެނގިފައެވެ.

އެހެންކަމުން އޭނާއަށް މިސީޒަންގައި އެއްވެސް މެޗެއްގައި ކުޅެން ނުނިކުމެވޭނެއެވެ. ޝަކީބު ވިދާޅުވީ، ޑިސެމްބަރުގައި އޮންނަ ސާފު ޗެމްޕިއަންޝިޕަށް އިމްރާން ފިޓް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޢިމްރާނަށް އަނިޔަވުމާ ގުޅިގެން އޭނާ ކުޅެމުންދާ މާޒިޔާއިން ޢިމްރާންގެ ބަދަލުގައި ކީޕަރެއްގެ ގޮތުގައި ބޭނުން ކުރަމުންދަނީ ބަދަލު ކީޕަރު ނިސާހްއެވެ.

comment ކޮމެންޓް