2011 ވަނަ އަހަރާ އަޅައިބަލާއިރު ޑެންގީ ރިޕޯޓުކޮށްފައިވާ މިންވަރު މަދު: އިރުތިޝާމް

ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަލީ ނަސީރު

މާލެއާއި ހުޅުމާލޭގެ އިތުރުން ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ފަސް އަތޮޅަކުން ކަމަށާއި އެ އަތޮޅުތަކުގައި ވެސް ޑެންގީގެ ރިޕޯޓު ލިބިފައި ވަނީ 2011 ވަނަ އަހަރާ އަޅައިބަލާއިރު ކުޑަމިންވަރަކަށް ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކުލަވާލައްވާފައިވާ ޓާސްކް ފޯހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު ވިދާޅުވީ، ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ގދ. އަތޮޅުން ކަމަށެވެ.

އިރުތިޝާމް ވިދާޅުވީ، ޑެންގީ ކޮންޓްރޯލް ކުރުމަށް ޚާއްސަ މަސައްކަތްތަކެއްކުރުމަށް އެކުލަވާލައްވާފައިވާ ޓާސްކްފޯހާ ރައީސް ޔާމީން މިއަދު ބަައްދަލުކުރައްވައި ޑެންގީ ހުން ރާއްޖޭގައި ފެތުރިފައިވާ މިންވަރާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވި ކަމަށެވެ.

އެގޮތުން ޑެންގީ ފެތުރުނަ ނުދިނުމަށް ހަރުދަނާގޮތެއްގައި އިތުރަށް އެޅޭނެ ފިޔަވަޅުތަކާއި އެފަދަ ފިޔަވަޅުތައް އަޅާނެ ދާއިރާތައް ރައީސް ޔާމީން ކަނޑައަޅުއްވާފައިވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

"ފޮގް މެޝިން ލިބުމުގައި ދަތިވެފައިވާ ކައުންސިލްތަކަށް، އަދި މިކަމުގައި [ޑެންގީ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމުގައި] ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ދިރާސާކޮށް އެކަމުގައި ހަލުވިކަމާ އެކު ފިޔަވަޅު އެޅުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައި،" އިރުތިޝާމް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ސެނެހިޔާ ކްލިނިކާއި ޕޮލިސް ކްލިނިކްގައި ވެސް އާންމު ރައްޔިތުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހެލްތު މިނިސްޓްރީގެ އެދުމުގެމަތިން ކޮންމެ ދުވަހަކު މާލޭގެ މަގުތައް ފޮގް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް އޮގަނައިޒްޑް ކޮށްގެން މިކަންތައްތައް އަޅުގަނޑުމެން ކުރިއަށް އެބަގެންދަން. ހެލްތު މިނިސްޓްރީގެ އެދިވަޑައިގަތުމާއެކު ކޮންމެ ދުވަހަކު މާލޭގެ މަގުތައް ފޮގް ކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. މިއަދު މިއީ ތިން ވަނަ ދުވަސް ކޮންމެ ދުވަހެއްގެ ފަތިހު 3:30 އިން ފެށިގެން އަޅުގަނޑުމެން މިކަން ކުރިއަށްގެންދަން،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަލީ ނަސީރު

މުއިއްޒު ވިދާޅުވީ، ކުރިއަށްވުރެ ދެގުނައަށް މީހުން އިތުރުކޮށް، މަގުތަކާއި މައިދާންތައް ސާފުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ގޭގެއިންނާއި ކޮންސްޓަރަކްޝަން ސައިޓުތަކުން އެއްކުރާ ކުނި އުކާލެވޭނެ ފަސޭހަ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށާއި އެގޮތުން ފަސޭހަކަމާއެކު އުުފުއްޔަށް ކުނި އެޅޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، އަތޮޅުތަކުގެ ރަށްތަކަކީ ގިނައަދަދެއްގެ ކްލަބް ޖަމްއިއްޔާތައް މަސައްކަތްކުރާ ރަށްތަކަށްވާއިރު، ކްލަބް ޖަމްއިއްޔާތަކުން އިސްނަގައިގެން މަދިރި ކޮންޓްރޯލް ކުރުމުގައި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ކްލަބް ޖަމްއިއްޔާތަކަށް އިސްނަންގަވައިގެން ކޮށްދެވޭނެ ކަންތައްތަކުގެ ތެރޭގައި ޑޯ ޓު ޑޯއަށް ހިންގަވައި އެގޭގޭގައި ކޮންކޮން ކަހަލަ ތަންތަނެއްތޯ ހުރީ މަދިރި އުފެދޭ، ބައްލަވައި އެތަންތަން ނައްތާލުމަށް އިރުޝާދު ދެއްވާށޭ،" އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަލީ ނަސީރު

މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ރަނގަޅުކުރުމަށް ސަރުކާރުން އަންނަންދެން މަޑުނުކޮށް ފަރުދީ ޒިންމާގެ ތެރެއިން ކުރެވެން ހުރި ކަންތައްތައް ވެސް ކުރިއަށް ގެންދިއުމަށް މިނިސްޓަރު އުމަރު އިލްތިމާސް ކުރެއްވިއެވެ.

"އާންމު ރައްޔިތުން އެއްވެސްގޮތަކަށް މަޑުނުކުރައްވާތި އަޅުގަނޑުމެން ސަރުކާރުން އެތަންތަން ރަނގަޅުކުރަން އަންނަންދެން. އެބޭފުޅަކަށް ކުރެއްވޭނެ ކަމެއް އެބޭފުޅަކު ކުރައްވާ. ކޮންމެ އާއިލާއެއްގަ ވެސް ޒިންމާއެއް އޮންނާނެ. ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް އޮންނާނެ،" އުމަރު ވިދާޅުވި އެވެ.

comment ކޮމެންޓް