ނާއިބު ރައީސްގެ އިތުބާރު ނެތް މައްސަލައަށް ގާސިމް ތާއީދު ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް:-- ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ތާއީދު ކުރައްވާ މޭރުމަކުން ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވައިފި އެވެ.

ގާސިމް ޖޭޕީގެ މަޖިލިސް މެމްބަރުންނަށް ފޮނުވާފައިވާ އެސްއެމްއެސް އެއްގައި ބުނެފައި ވަނީ "ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވާ ބޭފުޅަކު އޭނާގެ ނައިބުގެ އިތުބާރު ނެތް ކަމަށް ފެނިގެން ހުށައަޅުއްވާ ހާލަތެއްގައި ޖުމްހޫރީ ޕާޓީގެ ޕީޖީ އިން ވެސް އެއަށް އިންކާރު ކުރަން ޖެހޭނެ ކަމަށް ނުފެންނަ." ކަމަށެވެ.

އެ އެސްއެމްއެސް އާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންނާ ސުވާލުކުރުމުން ވިދާޅުވީ އެ މެސެޖުން އެބޭފުޅުންނަށް ދޭހަ ވަނީ އެއިސްލާހަށް އެ ޕާޓީ އިން ތާއީދު ކުރާ ކަމަށް ލީޑަރު ނިންމެވީ ކަމަށެވެ.

ނާއިބު ރައީސް ޖަމީލްގެ އިތުބާރު ނެތް މައްސަލަ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ހުށައެޅި އިރު ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރަކު ވަނީ އެގަރާރުގައި ސޮއިކުރައްވާފަ އެވެ.

ގާސިމް އެމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު ގާސިމް ވަނީ ގާސިމް އަށް ވެރިކަމަށް ކުރިމަތިނުލެވޭ އިސްހާލެއް ކަމަށްވާ 65 އަހަރުން މަތީ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ އިސްލާހަށް ވެސް ތާއީދުކޮށް އެ އިސްލާހަށް ވޯޓް ދެއްވުމަށް އެޕާޓީގެ މެމްބަރުންނަށް އާދޭސް ދައްނަވާފަ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ އަމާޒަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ ދުވަހު "ޖުލައި 26"ގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލް ޣަފޫރު ރާއްޖޭގެ ނައިބު ރައީސް ކަމަށް ގެނައުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ނާއިބު ރައީސް މަގާމުން ވަކިކުރަން ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހަށް ގަރާރެއް ހުށައަޅާފައިވާ އިރު ނާއިބު ރައީސް މިވަގުތު ހުންނެވީ ލަންޑަންގަ އެވެ. އެ މައްސަލަތަކާ ގުޅިގެން އެމަނިކުފާން އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.

comment ކޮމެންޓް