ދުޢާކުރުމަކީވެސް މަސައްކަތެކެވެ

މެއި 8، 2015: "އިލާހީ ކޯފާއަށް ބިރުވެތިވޭ" ނަމުގައި ކާނިވާ ސަރަހައްދުގައި އައްޝައިހް އިލްޔާސް ޙުސައިން ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ރިސާލަތުގެ މައްކީ ދައުރުގައި ދައުސުވަންހައިގެ ބޭކަލެއްކަމުގައިވާ ޠުފައިލުބިން ޢަމްރު އައްދައުސީ މައްކާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ކައުސާހިބާގެ އަރިހަށް ވަޑައިގެން އިތުރު ސާހިބާގެ އަރިހުން ޤުރްއާން އަޑުއައްސަވައި އިސްލާމްވެ ވަޑައިގެންނެވިއެވެ. އެއަށްފަހު އިތުރު ސާހިބާގެ އަރިހުން އިޒުނަ ހޯއްދަވައިގެން އެނބުރި ވަޑައިގަތީ އެކަލޭގެފާނުގެ ޤައުމުގެ ތެރެއަށެވެ. އެކަލޭގެފާނުގެ ޤައުމަށް އިސްލާމްދީނަށް ގޮވައިލައްވަން ފެއްޓެވިއެވެ. ނަމަވެސް އެޤަބީލާގެ މީހުން އިޚްތިޔާރުކުރީ އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރުމެވެ. ބޯހަރުކަމެވެ. ދެކޮޅުވެރިކަމެވެ. އެކަލޭގެފާނުގެ ގޮވައިލެއްވުމަށް އިސްލާމްވެވަޑައިގަތީ ހަމައެކަނި އެކަލޭގެފާނުގެ ބައްޕާފުޅާއި އެކަލޭގެފާނުގެ އަނބިކަނބަލުންނެވެ.

ޠުފައިލުބިން ޢަމްރު ރަޟިޔަﷲ ޢަންހު އެނބުރި މައްކާއަށް ވަޑައިގެން އިތުރުސާހިބާގެ ހިރިޔާފާތުރާގެ ދަށަށްވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތްﷲ ގެ ރަސޫލާއެވެ. ދައުސުވަންހައިގެ މީހުން ޚިޔާރުކުރީ ޙައްޤު ބޮލާލައިޖެހުމެވެ. ހަރުކަށިވުމާއި، ދެކޮޅުވެރިވުމެވެ. އެހެން ކަމުން އެއުރެންގެ މައްޗަށް ބަދުދުޢާކުރައްވާށެވެ. ނަމަވެސް ރަޙްމަތުގެ ނަބިއްޔާ ޚިޔާރުކުރެއްވީ ޠުފައިލު ވިދާޅުވިގޮތުގެ އިދިކޮޅެވެ. އިތުރު ސާހިބާ ދެއަތްޕުޅު އުފުއްލަވައި ދައުސުވަންހަޔަށް ހެޔޮދުޢާ ކުރެއްވިއެވެ. އިތުރު ސާހިބާ ދުޢާކުރެއްވިއެވެ.

"އޭ ﷲ އެވެ. އިބަރަސްކަލާނގެ ދައުސުވަންހަޔަށް ހިދާޔަތް ދެއްވާނދޭވެ! އޭ ﷲ އެވެ. އިބަރަސްކަލާނގެ ދައުސުވަންހަޔަށް ތެދުމަގު ދައްކަވާނދޭވެ!"

އެއަށްފަހު ޠުފައިލަށް ޙަދީޘު ކުރެއްވިއެވެ. ދައުސުވަންހައިގެ މީހުންގެ ގާތަށް އެނބުރި ވަޑައިގަންނަވާށެވެ. އަލުން އެބައިމީހުންނަށް ދީނަށް ގޮވައިލައްވާށެވެ. އެބައިމީހުންނާމެދު މަޑުމައިތިރިކަމާއި އޯގާވެރިކަމާއެކު މުޢާމަލާ ކުރައްވާށެވެ.

މިއީ ނަބީބޭކަލަކާއި ޢާއްމު އިންސާނެއްގެ މިޒާޖުގެ ތަފާތެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަަމަގެ ދުޢާފުޅާއި އެކަލޭގެފާނުގެ ނަސޭހަތްޕުޅަކީ އާދައިގެ ކުޑަކުޑަކަމެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ޠުފައިލުބިން ޢަމްރު މުޅީން އެހެން މިޒާޖުފުޅަކަށް ބަދަލުކޮށްލެއްވުމެވެ. ނެގެޓިވް ވިސްނުންފުޅަކުން ޕޮޒިޓިވް ވިސްނުންފުޅަކަށް އަނބުރައި ލެއްވުމެވެ. އެބަޔަކާމެދު އެކަލޭގެފާނު ފޫހިފުޅުވެފައި ހުންނެވި ބަޔަކާމެދު ހެޔޮއެދިވަޑައިގަތުމުގެ ޖަޒްބާތު އުފައްދަވައި ދެއްވުމެވެ. ޠުފައިލު ހަަމައެކަނި އެވަގުތު ކަންހުރިގޮތް ދެކެ ވަޑައިގެންނެވި ބަޔަކާ މެދު ދުރު މުސްތަޤްބަލަކަށް ވިސްނުންފުޅު ފޯރުއްވަވަން ދަސްކޮށްދެއްވުމެެވެ.

އިތުރު ސާހިބާގެ ދުޢާފުޅަކީ އެއް ޙައިޘިއްޔަތަކުން ބަލާއިރު މާތްﷲގެ ޙަޟުރަތުން ކަމަކަށް އެދިވަޑައިގެންނެވި އެދިވަޑައިގަތުމެކެވެ. އަނެއް ގޮތަކަށް ބަލާއިރު ޠުފައިލުގެފާނަށް ޞާލިޙު ނަފްސާނީ ތަރުބިޔަތެއްދެއްވުމެވެ. އެކަލޭގެފާނުގެ ގައިކޮޅުގައިވާ ރައްބާނީ ބާރެއް ހޭލައްވައިލެއްވުމެވެ. ޠުފައިލުބިން ޢަމްރު އެކަލޭގެފާނުގެ އައު ނަފްސިއްޔާތާއެކު އެކަލޭގެފާނުގެ ޤަބީލާގެ ތެރެއަށް ވަޑައިގެންނެވި އިރު އެކަލޭގެފާނު ހުންނެވީ މުޅީން ތަފާތު ބޭކަލަކަށް ބަދަލުވެފައެވެ. މުޅީން އެހެން ގޮތަކަށް ޙައްޤުދީނަށް ދަޢުވަތު ދެއްވުމުގެ އެކަށޭނަކަން ލިބިވަޑައިގެންފައެވެ. އެހައިތަނުން ފެނިގެން ދިޔަ ނަތީޖާއަކީ ދައުސުވަންހައިގެ އެތައްބަޔަކު އިސްލާމްވުމެވެ. ޚަންދަޤު ހަނގުރާމައަށްފަހު ޠުފައިލުގެފާނު މަދީނާއަށް ހިޖްރަކުރެއްވި އިރު އެކަލޭގެފާނުގެ އަރިހުގައި ދައުސު ވަންހައިގެ ހަތްދިހަ ނުވަތަ އައްޑިހަ އާއިލާގެ މުސްލިމުންގެ ބޮޑު ޖަމާއަތެއް ގެންދެވިއެވެ.

އެސޮސައިޓީއެއްގައި އެއްބަޔަކު އަނެއްބަޔަކަށް ހެޔޮދުޢާ ކުރަންފަށާ ވަރަށް އެއްބަޔަކު އަނެއްބަޔަކަށް ހެޔޮއެދުމާއި އިޚްލާޞްތެރިކަން އުފެދިއްޖެނަމަ އެކަމުން ލިބޭފައިދާއަކީ އެޖަމާއަތެއްގައި ޕޮޒިޓިވް ނަފްސިއްޔާތެއް އުފެދިއާލާވުމެވެ. ޝައްކެއްނެތެވެ. ޖަމާޢަތަކަށް ތެދުމަގުލިބި ނަސްރާއި ކާމިޔާބު ޙާޞިލުވުމަށްޓަކައި އެންމެ ބޭނުންތެރި އެއްކަމަކީ އެބައެއްގެ ކިބައިގައި ޕޮޒޮޓިވް ނަފްސިއްޔާތެއް އުފެދުމެވެ.

comment ކޮމެންޓް