ފަހުވަގުތު ކާމިޔަބު ކުރި ލަނޑުން ޓީސީ އިން އީގަލްސް ހިފަހައްޓައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި އީގަލްސްއާ ތީސީ ބައްދަލު ކުރި މެޗްގެ ތެރެއިން --- ސަން ފޮޓޯ/ ފޔާޒު މޫސާ 

އުރީދު ދިވެހި ޕްރިމިއާ ލީގްގައި ޓީސީއިން ފަހު ވަގުތު ކާމިޔާބު ކުރި ލަނޑުން 2-2ގެ ނަތީޖާއަކުން އެއްވަރުކޮށް އީގަލްސް މޮޅުވިޔަ ނުދީ ޓީސީއިން ހިފަހައްޓައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ އީގަލްސްއިންނެވެ.

މެޗްގެ 39 ވަނަ މިނެޓްގައި އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ދާދިފަހުން އެޓީމާ ގުޅުނު ސްޕެއިންގެ ފޯވަޑް ހިމޭނޭޒް ރޭޔެސް ގެރާޑޯ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި އީގަލްސްއާ ތީސީ ބައްދަލު ކުރި މެޗްގެ ތެރެއިން --- ސަން ފޮޓޯ/ ފޔާޒު މޫސާ

ގެރާޑޯ މިލަނޑަކީ ޔަސްފާދު ޙަބީބު ޓީސީގެ ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރި ރީތި ބޯޅައެއް ކުރިއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

އީގަލްސްއިން ލީޑް ނެގިތާ ހަތަރު މިނެޓް ފަހުން ޓީސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޓީސީގެ ރަފޭލް ބެޓިމް މާޓް (ރަފިއާނާ) އަށް އީގަލްސްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމްގެ ޙުސައިން ސިފާއު ޔޫސުފް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ރަފިއާނާ ގޯލަށް ފޮނުވާލައިގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި އީގަލްސްއާ ތީސީ ބައްދަލު ކުރި މެޗްގައި ލަނޑު ޖެހުމަށްފަހު ޓީސީގެ ރަފިއާނާ އުފާ ކުރަނީ --- ސަން ފޮޓޯ/ ފޔާޒު މޫސާ

މެޗްގެ 48 ވަނަ މިނެޓްގައި އީގަލްސްއިން އަލުން ލީޑް ނެގި ލަނޑު ވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖެހި ގެރާޑޯ އެވެ.

ޓީސިއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗްގެ އެންމެ ފަހު މިނެޓް ތެރޭގައިގައި މުޙައްމަދު އައްޒާމު ތަނަވަސްކޮށްދިން ބޯޅަ އިބްރާހިމް ޝަފުރާޒު ކުރިއަށް ފޮނުވާލައިގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި އީގަލްސްއާ ތީސީ ބައްދަލު ކުރި މެޗްގެ ތެރެއިން --- ސަން ފޮޓޯ/ ފޔާޒު މޫސާ

މިމެޗުން އެއްވަރުމުން ލީގް ތާވަލުގެ އެއްވަނައިގައި އޮތް އީގަލްސްއަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ހަތް ޕޮއިންޓް ލިބިގެން ތާވަލްގެ ދެ ވަނައިގައި އޮތް މާޒިޔާއާއި ބީޖީ މިރޭ ބައްދަލު ކުރާ މެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ މާޒިޔާއަށް ލީގްގެ އެއް ވަނަ ލިބޭނެ އެވެ.

މިރޭގެ މެޗް ވެސް ފެށޭނީ 10:00 ގައެވެ.

comment ކޮމެންޓް