އޭއައިއައި ބޭންކްގެ 75 ޕަސެންޓް ހިއްސާ އޭޝިޔާގެ ގައުމުތަކަށް

އޭ.އައި.އައި.ބީ ގެ ފައުންޑަރ މެންބަރު ގައުމުތަކުގެ މަންދޫބުންނާ ޗައިނާގެ ރައީސް ބައްދަލުކުރައްވަނީ

ޗައިނާ އިސްވެ އޮވެގެން އުފައްދާ "އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް" (އޭއައިއައިބީ)ގެ ރައުސުލްމާލުގައި އޭޝިޔާގެ ގައުމުތަކުގެ ހިއްސާއަކީ 75 ޕަސެންޓް ކަމަށް ޗާއިނާ އިން ހާމަކޮށްފި އެވެ.


ޗައިނާގެ މާލީ ވުޒާރާ ބުނާ ގޮތުން އޭއައިއައިބީ ގެ ޖުމްލަ ހިއްސާގެ 75 ޕަސެންޓް ބަހާލާނީ މިބޭންކުގައި ބައިވެރިވުމަށް އެދޭ އޭޝިޔާގެ ގައުމުތަކަށެވެ. މިބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ 30.34 ހިއްސާއާއެކު ޗައިނާ އެވެ. މި ހިއްސާއާ އެކު މިބޭންކުގެ ނިންމުންތަކަށް ދޭ ވޯޓުގެ ތެރެއިން 26.06 އިންސައްތައް ވޯޓުގެ ހައްގުވެސް ލިބޭނީ ޗައިނާއަށެވެ. އޭއައިއައިބީގައި ބައިވެރިވުމަށް ކޮލިފައިވެފައިވާ ގައުމުތަކުގެ ތެރޭން 50 ގައުމުގެ މާލީ ވަޒީރުންނާއި މަންދޫބުން އެބޭންކް އުފެއްދުމާ ބެހޭ ރަސްމީ އެއްބަސްވުމުގައި ބެއިޖިންގައި އިއްޔެ ވަނީ ސޮއިކުރައްވާފަ އެވެ.

ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުން މިއަހަރުގެ ފަހުކޮޅު ދުނިޔޭގެ ގައުމުތަކަށް ލޯންތައް ދޫކުރަން ފަށާ އިރު އެއީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ވޯލްޑް ބޭންކާއި އައިއެމްއެފް އާއި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކް ފަދަ ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާ ވާދަކޮށް އެމުއައްސަސާތަކުން ދުނިޔޭގެ މާލީ ދާއިރާތަކުގައި ގެންގުޅޭ މޮނޮޕޮލީ ފުނފުނޑުކޮށްލާނެ ބޭންކެއް ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.


މިކަމަށް ޓަކައި އޭއައިއައިބީ އުފެއްދުމަށް އެންމެ ބޮޑަށް ދެކޮޅު ހަދަމުން ގެންދާ ގައުމަކީ އެމެރިކާ އެވެ. ދެން ޗައިނާގެ އޭޝިޔާގެ އިގްތިސާދީ ވާދަވެރިޔާ ކަމަށްވާ ޖަޕާނެވެ. ޖަޕާނަކީ އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކުގެ އެންމެ ބޮޑު ހިއްސާދާރެވެ. ނަމަވެސް އެމެރިކާގެ ބައިވެރިން ކަމަށްވާ އޮސްޓްރޭލިޔާއަކީ މިބޭންކު އުފެއްދުމުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭގައުމެކެވެ. މީގެ އިތުރުން އެމެރިކާގެ ޔޫރަޕްގެ ބައިވެރިންކަމަށްވާ ޖަރުމަނާއި އިނގިރޭސިވިލާތަކީ ވެސް އޭއައިއައިބީގެ ބައިވެރިންނެވެ. މިބޭންކްގައި އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތް ފަދަ ހުޅަނގުގެ ބޮޑެތި ބާރުތަކުން ބައިވެރިވުމުން އެމެރިކާ ސަރުކާރުން ވަނީ އެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފަ އެވެ.


މިބޭންކުގެ މިހާރުގެ ރައުސުލްމާލަކީ 50 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ކުރިޔަށްއޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި މިބޭންކުގެ ރައުސުލްމާލު 100 ބިލިޔަން އެމެރިކާ ޑޮލަރަށް މަތިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ 30.34 ޕަސެންޓާ އެކު ޗައިނާ އެވެ. ދެވަނަ އަށް 15 ަޕަސެންޓް ހިއްސާއާ އެކު އިންޑިޔާ އެވެ. ތިންވަނައަށް 6.5 ޕަސެންޓް ހިއްސާއާ އެކު ރަޝިޔާއެވެ. އޭޝިޔާ ނޫން ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް ދީފައި ވަނީ ޖަރުމަނަށެވެ. އެއީ 4.5 ޕަސެންޓް ހިއްސާއެވެ. އޭއައިއައިބީގެ ޖުމްލަ ހިއްސާގެ 75 ޕަސެންޓް ލިބޭނީ އޭޝިޔާގެ ގައުމުތަކަށެވެ. ބާކީ 25 ޕަސެންޓް ހިއްސާ ބަހާލުމަށް ހަމަޖެހިފައި ވަނީ އެ ބޭންކްގައި ބައިވެރިވުމަށް އެދޭ އެކި ބައްރުގެ ގައުމުތަކުގެ މެދުގަ އެވެ.

އޭއައިއައިބީ ހިނގައި ގަތުމުން ދުނިޔޭގެ މާލީ ބާޒާރުގައި ޒަމާނުއްސުރެ އެމެރިކާ ހިންގަމުން ގެންދާ ބާރާއި ނުފޫޒު ވެސް ކުޑަވެގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އޭއައިއައިބީ އުފައްދާފައި ވަނީ އޭޝިޔާގެ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށެވެ. މިގޮތުން މިބޭންކުން އެންމެ ބޮޑު އިސްކަމެއްދޭނީ އޭޝިޔާގެ ގައުމުތަކުގެ މަގުތަކާއި ބަނދަރުތަކާއި ރޭލްވޭތަކާއި އިމާރާތްތަކާއި އެއަޕޯޓްތައް ފަދަ އިންފްރާސްޓްރަކްޗާ ވަސީލަތްތައް ގާއިމް ކުރުމަށެވެ. އޭއައިއައިބީގެ ފައުންޑާ މެންބަރުންގެ ތެރޭގައި ދިވެހި ރާއްޖެ ވެސް ހިމެނެ އެވެ.


އޭއައިއައިބީ ގައި ބައިވެރިނުވި ނަމަވެސް މިބޭންކް އާ މެދު އެމެރިކާގެ އެއްވެސް ދެކޮޅުވެރިކަމެއް ނެތްކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދާދިފަހުން ވިދާޅުވެފައިވެ އެވެ. އޮބާމާ މިހެން ވިދާޅުވީ މިބޭންކާ ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް އެމެރިކާއަށް ނެތިފައި މުސްތަގްބަލްގައި ވޯލްޑް ބޭންކަށް ވުރެ ވެސް މިބޭންކް ބާރުގަދަވެގެންދާނެތީ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.


މިބޭންކް އުފެއްދުމުގައި ޗައިނާގެ އިގްތިސާދީ މަސްލަޙަތުތަކުގެ ތެރޭގައި ޗައިނާގެ ބިޔަ އަދި ބޮޑެތި ކުންފުނިތަކަށް އޭޝިޔާގެ އިންފްރާސްޓްރަކްޗާ މާކެޓުން ޖާގަ ތަނަވަސްކޮށްދިން ހިމެނެ އެވެ. މިބޭންކުން އޭޝިޔާގެ ގައުމުތަކަށް ލޯންދިނުމުން އެލޯންގެ އެހީގައި އިންފްރާސްޓްރަކްޗާގެ ބިޔަ މަޝްރޫޢުތައް ހިންގުމުގެ އެންމެ ބޮޑު ފުރްސަތުތަކެއް ލިބޭނީ ޗައިނާގެ ކުންފުނިތަކަށެވެ. ސަބަބަކީ އިންފްރާސްޓްރަކްޗާގެ ބިޔަ މަޝްރޫޢުތައް ޒަމާނީ ފެންވަރަށް ތަންފީޒު ކުރުމުގެ ގާބިލްކަން އޭޝިޔާގައި އެންމެ ބޮޑީ ޗައިނާގެ ކުންފުނިތަކުގައި ކަމަށްވާތީ އެވެ. ޗައިނާގެ ކުންފުނިތަކާ ފެންވަރުގެ ގޮތުން އަޅާކިޔާލެވޭފަދަ ކުންފުނިތަކެއް އިންޑިޔާގައި ނެތެވެ. ޖަޕާން މިބޭންކުގައި ބައިވެރިއެއް ނުވެއެވެ.


ޔޫރަޕާއި އެމެރިކާގެ ކުންފުނިތަކަކީ ޗައިނާގެ ކުންފުނިތަކަށްވުރެ މާ އަގުބޮޑު ކުންފުނި ތަކެކެވެ. އެހެންކަމުން މިބޭންކުގެ ލޯންތަކުން ބޮޑު ފައިދާއެއް ނެގުމުގެ ފުރްސަތު އެންމެ ބޮޑީ ޗައިނާގެ ކުންފުނިތަކަށެވެ. އޭއައިއައިބީ އިން ދޭ ލޯންތަކުން ހިންގާ މަޝްރޫޢުތައް ތަންފީޒު ކުރުމުގައި އޭޝިޔާގެ ގައުމުތަކުގެ ކުންފުނިތަކަށް އިސްކަންދޭގޮތަށް ހަމަޖައްސާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް