ރޯދަ މަހު އަގުހެޔޮކޮށް ބާޒާރުކުރެވޭނެ ގޮތްތަކެއް

ވިޔަފާރިވެރިއަކު ކަސްޓަރަކަށް އެއްޗެއް ވިއްކަނީ -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

ރޯދަ މަހަކީ ޖީބަށް ބާރު ބޮޑު މަހެކެވެ. ތަކެތީގެ އަގުތައް ޚާއްސަކޮށް ކާބޯތަކެތީގެ އަގު އިންތިހާ އަށް އުފުލެ އެވެ. ރޯދަ މަހަށް ރޯދަ އިނާޔަތުގެ ގޮތުގައި ފައިސާ ލިބުނަސް ރޯދަ މަހު ދެކޮޅު ޖެއްސުން އޮންނަނީ ދަތިކަމަކަށް ވެފަ އެވެ. ތިރީގައި މި ހިމަނާލަނީ ރޯދަ މަހު ބާޒާރު ކުރުމުގައި ޖީބަށް ލުއިކުރިވިދާނެ ގޮތްތަކެކެވެ.

ކަންމަތީ ފިހާރައިން ވަކިވަކިން ގަތުމުގެ ބަދަލުގައި ބާޒާރުން ގަތުން

ކަންމަތީ ފިހާރަތަކުން ތަރުކާރީ އާއި މޭވާ ވިއްކަނީ ބާޒާރުން ގަނެގެންނެވެ. އެހެންކަމުން އެ ތަކެތި ވިއްކާނީ ކޮންމެވެސް ފައިދާއެއް ލާފަ އެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ ބާޒާރުން ގަތުމެވެ. އެހެންނަމަވެސް ބާޒާރުގައި އަގުގައި ތަރުކާރީ އާއި މޭވާ ބައެއް ފިހާރަތައް ވެސް ހުރެ އެވެ.

ބާޒާރު ގޮޅިތަކުން ވިޔަފާރިކުރާއިރު ވިސްނާލަންޖެހޭ ކަމެއް

ބާޒާރު ގޮޅިތަކުން އެއްޗެހި ގަންނަ އިރު ވިސްނާލަން ޖެހޭ ކަންތައްތައް އެބަހުއްޓެވެ. މިސާލަކަށް ލޯކަލް މާރުކޭޓްގެ ބޮޑުތަކުރުފާނު މަގާއި އެއްމެ ކައިރީ ގޮޅިތަކުން 35 ރުފިޔާ އަށް ކަރާ ކިލޯ އެއް ވިއްކާއިރު ތަންކޮޅެއް އެތެރޭގެ ގޮޅިތަކުން 30 ރުފިޔާ އަށް ކަރާ ލިބެ އެވެ. އެތެރޭގެ ގޮޅިތަކަށް ނިސްބަތުންދާ މީހުން މަދުވުމުން އެގޮޅިތަކުގެ މީހުން އަގު ތަންކޮޅެއް ކުޑަ އެވެ. ބާޒާރަށް ގޮސް އެއްމެ ފުރަތަމަ އެކި ގޮޅިތަކުގެ އަގު ޗެކްކޮށްފައި އެއްމެ ކުޑަތަނަކުން ގަތުން ވަރަށް މުހިއްމެވެ.

އެތެރޭގެ ގޮޅިތަކުން ކަރާ ވިއްކަނީ އާއްމު އަގަށް ވުރެ އަގުހެޔޮކޮށް -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

50 ރުފިޔާ އަށް ހުރި ކެރެޓް ކިލޯއެއް 35 ރުފިޔާ އަށް

ބާޒާރަކީ ހުރިހާ އެއްޗެއް އެންމެ އަގުހެޔޮތަނަށް ބަލައިގެން ވެސް ނުވާނެ އެވެ. މިސާލަކަށް ބާޒާރުގައި ކެރެޓް ކިލޯއެއް 50 ރުފިޔާ އަށް ވިއްކި އިރު މާވެޔޮމަގުގައި ހުންނަ ހަނީ ކޯނާއިން ކެރެޓް ކިލޯއެއް ވިއްކަމުން ދިޔައީ 35 ރުފިޔާ އަށެވެ. އަބަދު ހުރިހާ ތަނެއްގެ އަގެއް ޗެކް ނުކުރެވިދާނެ އެވެ. އެހެންނަމަވެސް ފާހަގަކޮށްލެވޭ ދެތިން ތަނެއްގެ އަގު އަބަދުވެސް ޗެކްކޮށްލުން މުހިއްމެވެ. ހީނުކުރާ ވަރަށް އަގުގައި ތަފާތު ހުރެ އެވެ.

ބާޒާރުގައި ގިނަ ފިހާރަތަކުން ކެރެޓް ކިލޯ އެއް 50 ރުފިޔާ އަށް ވިއްކަމުން ދިޔައިރު ހަނީކޯނާ އިން ކިލޯއެއް ވިއްކީ 15 ރުފިޔާ -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

ޕާނެއް 25 ރުފިޔާ އަށް ތަ ނޫނީ 15 ރުފިޔާ އަށްތަ؟

ޕާނަކީ ރޯދަ މަހު ގިނަ ބަޔަކު ގަންނަ އެއްޗެކެވެ. ސޭންޑްވިޗް ހެދުމާއި އެކި ކަހަލަ ހެދިކާ ތައްޔާރުކުރުމަށެވެ. އާއްމުކޮށް ޕާން ވިއްކާ އަގަކީ 25 ވަރަކަށް ރުފިޔާ އެވެ. އެހެންނަމަވެސް 15 ރުފިޔާ އަށް ޕާނެއް ވިއްކާ ތަންތަން ވެސް އެބަހުއްޓެވެ. ރަހާގައި މާބޮޑު ތަފާތެއް ނެތެވެ. އެހެންކަމުން އަބަދުވެސް އެކި ބޭކަރީތަކުގެ އަގު ބަލާލުން ވަރަށް މުހިއްމެވެ.

ފިޔާ އަލުވި ބިސް އަގުހެޔޮކޮށް

ފިޔާ އަލުވި ބިސް މި ބާވަތްތަކަކީ ރޯދަ އަށް އެއްމެ އަގުއުފުލޭ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެއްސެވެ. ފިޔާ އަލުވި ބިސް ރޯދަ މަހު އެއްމެ އަގުހެޔޮކޮށް ލިބޭނީ އެސްޓިއޯ އިންނެވެ. އެސްޓިއޯ ސުޕަމާޓުން ރީޓޭލްކޮށް ވެސް ހެޔޮއަގުގައި ވިއްކަ އެވެ. މިސާލަކަށް ބާޒާރުގައި އެއްމެ އަގުހެޔޮކޮށް ފިޔާ ހުރީ ކިލޯއެއް 15 ރުފިޔާ އަށެވެ. އެހެންނަމަވެސް އެސްޓީއޯ އިން ފިޔާ ކިލޯއެއް 10 ރުފިޔާ އަށް ވިއްކަ އެވެ. އަދި ރެޑްވޭވް ކަހަލަ ބައެއް ފިހާރަތަކުން ވެސް 10 ރުފިޔާ އަށް ކިލޯއެއް ވިއްކަ އެވެ.

ވަކި ވަކިން ގަތުމުގެ ބަދަލުގައި ގަނޑުކޮށް ގަތުން

ބޭނުންވާ ހުރިހާ އެއްޗެއް ގަނޑުކޮށް ނުގަނެވޭނެ އެވެ. އެހެންނަމަވެސް މަސްދަޅު ކަހަލަ ބައެއް ބާވަތްތަކަކީ ރޯދަ އަށް ޔަގީނުން ވެސް ކޭހަކަށް ވުރެ އިތުރަށް ދާނެ ބާވަތެކެވެ. މީގެ ތެރޭގައި ބިސްކޭސް ވެސް ހިމެނިދާނެ އެވެ. މިފަފަ އައިޓަމްތައް ކޭހުން ގަތީމަ މާއަގުހެޔޮވެ އެވެ.

ލޯކަލް މާރުކޭޓް ރޯދަ މަހު ފެންނަނީ ވަރަށް ހަލަބޮލިކޮށް. -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

އެއްޗަކުން ފަސް ރުފިޔާ ނުވަތަ ކިލޯ އެއް ފަސް ރުފިޔާ އަގު ހެޔޮވުން އެއީ މާބޮޑު އެއްޗަކަށް ބައެއް ފަރާތްކަށް ނުވެދާނެ އެވެ. އެހެންނަމަވެސް ވިސްނާށެވެ. ކޮންމެ ދުވަހެއްގެ ބާޒާރު ކުރާ ލިސްޓުން 50 ރުފިޔާ ނުވަތަ 100 ރުފިޔާ ސަލާމަތްކުރެވިއްޖެ ނަމަ އެއީ ބޮޑު އެއްޗެކެވެ. ދުވާލަކަށް 100 ރުފިޔާ ކުޑަވާނަމަ އެ ރައްކާކުރެވެނީ 3000 ރުފިޔާ އެވެ. ދުވާލަކަށް 50 ރުފިޔާ ސަލާމަތްކުރެވޭ ނަމަ އެއީ މަހަކަށް ބަލާނަމަ 1500 ރުފިޔާ އެވެ.

comment ކޮމެންޓް