ލޯބިވެވުމުން

ފަތިހުގެ ތާޒާކަމުން މާހައުލަށް ހިތްގައިމުކަން ގެނުވާފައިވާއިރު ދުއްވާއެއްޗެހީގެ އަޑު ކޮންމެވެސް ވަރަކަށް އިވެމުންދިޔައެވެ. ފަތިހުގެ އެހަމަހިމޭން ވަގުތުވެސް މާލޭގެ މަގުމަތިން އިވެމުންދިޔަ ދުއްވާއެއްޗެހީގެ އަޑު ނިދާފައި އޮތް އިޝާ އަށް އުނދަގޫ ކުރަމުން ދާކަން އޭނާގެ ހަރަކާތްތަކުން ދައްކުވައިދެއެވެ. އިރުކޮޅެއްވަންދެން ދެފަރާތަށް ފުރޮޅިލާފައި ތެދުވެ އެނދުގައި އިށީންދުނު އިޝާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. ގަޑިއަށް ބަލާލުމުން އެމޫނުމަތިން އިތުރު ފޫހިކަމެއްފެނިގެންދިޔައީ ސުކޫލަށް ދާންޖެހޭކަން ހަނދާން ވުމުންނެވެ. މޫނަށް ވަށްތަރެއް ޖައްސާލަމުން ތެދުވެ ފާހާނާއާ ދިމާލަށްދާން އިޝާ ހިނގައިގަތީ މަންމަ ގޮވަން އަންނާނެކަން އެނގޭތީއެވެ.

ފެންވަރާލައިގެން ނިކުމެެ ސުކޫލަށްދާން ތައްޔާރުވެލި އިޝާ އަވަސް އަވަހަށް ދަބަސް އަޅުވާލައިގެން ކަިރީގައި އޮތް އޭނާ "ހާއްސަ" ފޮތް ހިފައިގެން ހިނގައިގަތީ ބަދިގެތެރެއިން މަންމަ ގޮވާއަޑު އިވުމުންނެވެ. އާދައިގެ މަތިން މިއަދުވެސް ސައިމޭޒު ކައިރިއަށް ކައިރިވެލަމުން ގަޑިޖެހެނީ ކަމަށްބުނެ އިޝާ ހިނގައިގަތީ ސުކޫލް ކެންޓީންއަކީ އޭނާ މާވަންނަހިތްވާ ތަނަކަށްވާތީއެވެ. ގެއާމާދުރުނޫންކަމުން ހިނގާލާފައި ސުކޫލަށްދާން ނިކުތްއިރު އިޝާގެ މޫނުމަތީގައި އަދިވެސްވަނީ ފޫހިކަމެވެ. ކަރުގައި އޮތް ޓައީއާ ކުޅެމުން މަޑުހިނގުމެއްގައި ގޮސް ސަލްޓަންޕާރކްއާ އަރާހަމަވި އިޝާ ސިހުނީ ކޮންމެވެސް މީހަކު އެއްލި ގާކޮޅަކުން އޭނާ ގައިގައި ޖެހުމުންނެވެ. ރުޅިއައިސްފައި ފަހަތައް އެނބުރި ބަލާލި އިޝާއަށް ހިނިތުންވެލެވުނީ އެއީ އޭނާ ދަންނަ މީހަކަށް ވެގެންނެއްނޫނެވެ. ދެވަނަ ސިކުންތުގައި އަތުގައި އޮތް ފޮތްހުޅުވާލާ އަވަސް އަވަހަށް ގަނޑުތައް އުކާލާފައި އަނެއްކާވެސް ކުރިމަތީގައި ހުރި ޒުވާނާއަށް ބަލާލީ އެއީ ހަމަ އޭނާގެ ހުވެފަންތަކުގެ ބައިވެރިޔާއޭ ބުނެލަމުންނެވެ. އަތުގައި އޮތް ފޮތުގެ ކޮންމެ ގަނޑެއްގައި އޭނާ ކުރަހާފައިވާ އޭނާގެ ހުވަފެނުގެ ބައިވެރިޔާގެ ސިފަތަކާއި ކުރިމަތިން ފެންނަންހުރި ޒުވާނާގެ ސިފަތައް އިޝާއަށް ވަށްތަރުވަނީ މާބޮޑަށެވެ. ކަނދުރާއާހިސާބަށް ދިގުކޮށްފައިވާ ބުޅި އިސްތަށިގަނޑާއި ތުނިތުނިކޮށް ކޮށާފައިވާ ތުނބުޅި އެއީ އޭނާގެ ކުރެހުންތައް ބަލައިގެން އެޒުވާނާ ކޮޕީ ކޮށްފައިވާ ސިފަތަކެއް ހެންވެސް އިޝާއަށް ހީވެއްޖެއެވެ. ކަރުގައި ފަށެއް އަޅާފައި އޮތްއިރު އަތުގެ އެކިހިސާބުގައި އެއްޗެހި އަޅާފައި ވާތަން ފެނުމުން އިޝާއަށް އޭނާގެ ކުރެހުން އެންމެ ފުރިހަމަ ނުވާހެން ހީވިއެވެ. ގަޔަށްދޫ ޓީޝާރޓް އަކާއިއެކު ކަކުލާ ހަމައަށް އަންނަވަރުގެ ސޯޓެއް ލައިގެން ހުރިއިރު އިޝާއަށް އެޒުވާނާ ވަރަށް ކަމުގޮސްފިއެވެ. މަޑުމަޑުން އެޒުވާނާ އާއި ކައިރިއަށްދާން ނެގި ފިޔަވަޅު ހުއްޓުނީ ފަހަތުން އިޝާގެ ރަށްޓެހި ޒިލާ ގޮވާލުމުންނެވެ. އަވަސް އަވަހަށްގޮސް ސީ.އެޗް.އެސް.އީ ދޮރުން ވަދުނު އިޝާ އަނެއްކާވެސް އަތުގައި އޮތް ފޮތް ހުޅުވާލާ ޒިލާއަށް ފޮތުގައިވާ ފޮޓޯތައްދައްކާލަމުން ފޮނިވެލީ ނުފެންނާނެ ކަމަށް ޒިލާ ބުނި ޒުވާނާ ފެނިއްޖެކަމަށް ބުނަމުންނެވެ. ޒިލާ ވެސް ލާނެތްކަމާއެކު އިޝާ އަށް ކޮންގްރާ ކިޔާލަމުން ކްލާހަށްދާން ހިނގައިގަތީ ޓީޗަރު ކްލާހާ ދިމާލަށް ދާތަން ފެނުމުންނެވެ. ފުރަތަމަވެސް އިކޮނޮމިކްސް ގަޑި އޮތުމުން ފޫހިވެފައި އިން އިޝާ އިކޮނޮމިކްސް ފޮތް ނަގާ މޭޒު މަތީ ބާެއްވާ އޭނާގެ "ހާއްސަ" ފޮތް އުނގުމަތީ ބާއްވަމުން ކުރަހަން ފެށީ މިއަދުފެނުނު ޒުވާނާ ހަނދާންކުރަމުންނެވެ.

ދުވަސްތައް އާދައިގެ ގޮތަކަށް ކުރިއަށް ދަމުންދާއިރު މިއަދުވެސް އިޝާ ގޭން ނުކުތީ ފޫހިވެފައިހުރެއެވެ. މަޑުމަޑުން ހިނގާފައި ދަމުން އިޝާ ސިއްރު ސިއްރުން ފަހަތްބަލާލީ ފަހަތުން މީހަކު އަންނަހެން ހީވެގެންނެވެ. ގަބޫލު ނުކުރެވިގެން އަނެއްކާވެސް ފަހަތްބަލާލިއިރު އެޒުވާނާ އައިސް އިޝާއާ އަރާހަމަވެއްޖެއެވެ.

"ހާއި، ފަޒީން އަހުމަދު. ތިކުއްޖާ އާ ވާހަކަ ދައްކާލާހިތުން އުޅޭތާ ވަރަށް ދުވަސް ވެއްޖެ. މިހުރިހާ ދުވަހު ފިލާ ދުރުގަ ބަލަންހުރެފަ މިއަދު ކުރިމައްޗަށް މިއައީ ހަމަ ކެތްނުވެގެން."

ލައިގެންހުރި ޖިންސްގެ ޖީބަށް އަތް ޖަހާލައިގެންހުރެ އިޝާއާ އެއްވަރަށް ހިނގަމުން ފަޒީން އިޝާއާ ވާހަކަ ދައްކަމުން ދިޔައިރު އިޝާ ހުރީ ވާހަކަ ދައްކަން ނުކެރިފައެވެ. އެންމެފަހުން ސުކޫލްއާ ކައިރިވުމުން އިޝާ އޭނާގެ ނަން ބުނެލީ ފަޒީން "ތިކުއްޖާ" ގެ ނަމުން މުޙާތަބުކުރާތީ އުނދަގޫ ވެގެންނެވެ.

އެދުވަހުގެ ފަހުން އިޝާ އާއި ފަޒީން ކޮންމެ ދުވަހަކުވެސް ސުކޫލް އަށްދާމަގުން ބައްދަލު ކުރަމުންދިޔައިރު އިޝާ ސުކޫލަށްދާން އަވަހަށް ނިކުންނަކަން އޭނާގެ މަންމަ އަށް ވަނީ ފާހަގަވެފައެވެ. މަޑުމަޑުން އިޝާ އާއި ފަޒީންއާ ދެމެދު އުފެދުނު ގުޅުން ލޯތްބައް ބަދަލުވެގެން ދިޔައިރުވެސް އެގުޅުން ވަނީ އާއިލާއަށް ސިއްރުކުރެވިފައެވެ. ކުރިއަށްވުރެވެސް ބޮޑަށް އިޝާ އޭނާގެ ކިޔެވުމާއި ދުރުވެ ފަޒީން އަށްޓަކައި އޭނާގެ ވަގުތުތައް ހުސްކުރަމުންދިޔައީ އެހެން އެއްވެސް ކަމަކާމެދު ނުވިސްނައެވެ. ސުކޫލްއަށް ކަމަށްބުނެ ފަޒީން އާއިއެކު ވަގުތު ހޭދަކުރަން އިޝާ ބޭރަށް ދާން ފެށިއިރު ކިޔެވުމުގެ މުހިންމުކަމާމެދު ވިސްނާވެސް ނުލައެވެ.

ދެންއައީ އިޝާގެ ހަޔާތުގައި އޭނާ އަށް ކުރިމަތިވި އެންމެ އުނދަގޫ ދުވަސްތަކެވެ. ސިއްރު ސިއްރުން އުޅެމުންދަނިކޮން ފަޒީން އާއި އިޝާގެ ގުޅުން މަންމަމެން އަށް އެނގި އެގުޅުމަށް މަންމަމެން ނުރުހުންވީ ފަޒީންއަކީ ރަނގަޅު ކުއްޖެއް ނޫންކަމަށް ބުނަމުންނެވެ. ފަޒީން އަކީ މާކުރިންވެސް އިޝާގެ ބައްޕަ ދަންނަ ކުއްޖެއްކަމަށާއި ކުރިންވެސް ޖަލުހުކުމެއް އައިސްފައިވާ މީހެއްކަމަށް ބުނެ އިޝާ އަށް ވިސްނަދޭން އާއިލާ އިން އެތައް މަސައްކަތެއް ކުރިއިރުވެސް އިޝާ އެކަން ގަބޫލު ނުކުރީ ފަޒީން އިޝާ އަށް ރަނގަޅު ކަމަށް ބުނަމުންނެވެ. ފަޒީންވެސް އިޝާދެކެ ލޯބިވާކަމަށް ބުނެ އެތައް ވައުދެއްވެފައިވީތީއެވެ. ފަޒީން އާއި އިޝާ ދުރުކުރުމަށް އާއިލާ އިން އެތައް ފިޔަވަޅެއް އަޅަމުން ދިޔައިރުވެސް އިޝާ ބޭނުންވީ ފަޒީން އާއި އެކުވުމަށެވެ. ބައްޕަގެ ރުހުން ނުލިބުނަސް ފަޒީން އާއި ވަކިނުވަން އިޝާ ނިންމި އިރު މިއަދު އިޝާ ވިސްނަމުންއެދަނީ ބައްޕަމެންގެ އެހީއާނުލާ ދިރިއުޅުން ކުރިއަށްގެންދާނެ ގޮތަކާމެދުގައެވެ. މިއަދު އިޝާ އާއިލާގެ އެހީބޭނުމެއްނުވެއެވެ. އޭނާ ބޭނުން ވަނީ ފަޒީން އާއި އެކު އަމިއްލަ ދިރިއުޅުމެއް ފަށާށެވެ. އާއިލާއިން ފަޒީން ގަބޫލް ނުކުރާނަމަ އިޝާ އެއާއިލާއާއެކު އުޅޭކަށް ބޭނުމެއްނުވެއެވެ. ވަރަށް ވިސްނުމަށްފަހު އިޝާ ދެން ކަންތައް ކުރާނެ ގޮތެއް ނިންމީ ފަޒީން ގެ ހިޔާލު ހޯދަމުންނެވެ.

ދަންވަރު 3 ޖެހި އިރު ކޮނޑުގައި ދަބަހެއް އަޅުވާލައިގެން ވަގެއްހެން އިޝާ ގޭން ނިކުންނަން ދިޔައީ އަތުގައި އޮތް ސިޓީ ކާމޭޒު މަތީ ބާއްވާފައެވެ. މަންމަމެންގެ އެހީ ނުލިބުނަސް ފަޒީންއާ އެކު ދިރިއުޅެވޭނެ ކަމަށް ބުނެ އިޝާ ސިޓީ އެއް ލިޔުނީ 19 އަހަރުވަންދެން ލޯބިން ބަލާބޮޑުކުރި މައިންބަފައިންނާ ވަކިވަން ނިންމާފައެވެ. މަޑުމަޑުން ގޭގެ ބޭރު ދޮރު ޖަހާލާފައި އިޝާ އޭނާގެ ފިޔަވަޅު އަވަސް ކޮށްލީ ގަޑިއަށް ބަލާލަމުންނެވެ. މަގުމައްޗަށް ނިކުމެވުނުއިރު އޭނާގެ އިންތިޒާރުގައި ފަޒީން އާއި އެކު އިތުރު ޒުވާނަކުވެސް ހުއްޓެވެ. ފަޒީން، ކައިރީގައި ހުރި ޒައިން އިޝާ އަށް ތަޢާރަފް ކޮށްދެމުން ދެން ކަންތައް ކުރަންވީގޮތް ޒައިން އަށް އެނގޭނެ ކަމަށް ބުނެ އިޝާ އާއި ވަކިވީ އަދިބައްދަލުވާނެ ކަމަށް ބުނަމުންނެވެ. ޒައިން އެއީ ފަޒީންގެ ސުކޫލް ދައުރުގައި ރަށްޓެއްސެކެވެ. ފަޒީން ގްރޭޑް 8 އިން ކިޔެވުން ހުށްޓާލި ފަހުން އެދެމެދުގައި ރަހުމަތްތެރި ކަމުގެ ގުޅުން މާބޮޑަށް ނެތްކަމުގައިވިޔަސް ފަޒީން އުޅެމުންދާގޮތް ޒައިން އަށް ރަނގަޅަށް އެނގެއެވެ. އެރޭވެސް އިޝާ އަށް ފާހަގަ ނުވިޔަސް، ފަޒީންގެ ކޮންމެ ހަރަކާތަކުންވެސް ޒައިންއަށް ހާސްކަމާއި ބިރުވެރިކަން ފާހަގަ ވިއިރު ކޮންމެވެސް މީހަކާ ފިލަން އުޅޭހެން ހީވިއެވެ. އެދަންވަރު އިޝާ ޒައިން އާއި ހަވާލު ކޮށްފައި ދިއުމުންވެސް އިޝާއަށް އެއީ ކަމަކަށް ނުވިއިރު ޒައިން ހުރީ ހައިރާންވެފައެވެ. މިއަދު ޒައިން ފަޒީން އާއި އެހީވަން ނިންމީ އެކަމަށް އިންކާރުކޮށްފިނަމަ ފަޒީންގެ ފަރާތުން އޭނާ އަށް އުނދަގޫތަކަކާ ކުރިމަތިވާނެކަން ޔަގީންކޮން އެނގޭތީއެވެ. ފަޒީން އެދުނު ގޮތަށް އިޝާ އަށް ޒައިން އުޅޭ ރިސޯޓް އިން ވަޒީފާއެއް ހޯދަދިނީ އިޝާވެސް ރިސޯޓް ވަޒީފާއެއް ބޭނުންކަމަށް ފަޒީން ބުނެފައިވީތީއެވެ. ކިޔެވުމާއި މައިންބަފައިން ދޫކޮށްލާ އިޝާ، ޒައިން މަސައްކަތްކުރާ ރިސޯޓްއަށް ބަދަލުވީ ދުވަސްކޮޅަކު ރިސޯޓް ގައި މަސައްކަތް ކުރުމަށްފަހު ދިރުއުޅުމެެއް ފެށޭވަރުވުމުން މާލެ ބަދަލުވަން ނިންމާފައެވެ. ފަޒީން މާލޭ ވަޒީފާއެއް އަދާކުރާނެ ކަމަށް ބުނުމުން އިޝާ ރިސޯޓްއަށް ދާން ނިންމީ މަންމަމެންނާ ދުރުގައި ހުންނަން ބޭނުންވީތީއެވެ. އަންހެން ކުއްޖަކަށްވެހުރެ އެއީ ފަސޭހަ ކަމަކަށް ނުވާނެކަން އެނގޭއިރުވެސް އިޝާ އެގޮތްނިންމީ ފަޒީންދެކެ ވާލޯތްބެއްގެ ސަަބަބުންނެވެ.

ރިސޯޓް ގައި މަސައްކަތް ކުރާތާ 5 މަސް ވީއިރު މަންމަމެންގެ އެތައް ފޯން ކޯލް އެއް އިޝާއަށް ލިބެމުން ދިޔައިރު ވެސް އިޝާ އެ ފޯންކޯލް ތަކަށް ޖަވާބު ނުދެނީ ފަޒީންދެކެ ރުޅިއަންނަ މީހަކާ ވާހަކަ ދައްކަން ބޭނުން ނޫން ކަމަށް ބުނަމުންނެވެ. އެކުގައި މަސައްކަތް ކުރަން ފެށުމުން ޒައިން އާއި އިޝާ އާއި ދެމެދުގައި އުފެދެންފެށި އެކުވެރިކަން ޒައިން އަށް އިޝާ އަށް ވިސްނަދޭން މަޖުބޫރުކުރަމުން ދިޔައިރު، މިއަދު ޒައިން ވަރަށް ވިސްނައިފިއެެވެ. ފަޒީން އާއި އެކު އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަން އެކި ގޮތްގޮތުން އިޝާ އަށް އަންގައިދެން ޒައިން ކުރި މަސައްކަތުން އިޝާ ޒައިންއާ އެމަޢުޟޫއަށް ވާހަކަ ދެއްކުން ހުއްޓާލުން ނޫން ކަމެއް ނުވިއެވެ. އެންމެފަހުން ޒައިން އޭނާގެ މަސައްކަތް ހުއްޓާލީ އެއީ ބޭކާރުކަމެއްގެ ގޮތުގައި ދެކެމުންނެވެ.

ރިސޯޓް އަށް ބަދަލުވިފަހުން ފަޒީން އާއި އިޝާ ބައްދަލުވަނީ ފޯން އިންނެވެ. ރޭގަނޑުގެ ގިނަވަގުތު ދެބައިވެރިން ލޯބީގެ އެތައް ވައުދުތަކެއް ވަމުންދާއިރު އިޝާ ފަދައިން ފަޒީންވެސް ބޭނުން ވަނީ އަވަހަށް ކައިވެނިކުރާށެވެ. ނަމަވެސް އިޝާ އަށް ނޭނގެނީ ދިރިއުޅުމެއްފަށަން އިޝާ ބުރަ މަސައްކަތް ކުރާއިރު ފަޒީން އެފަދަ އެއްވެސް މަސައްކަތެއް ނުކުރާކަމެެވެ. އޮފީހެއްގައި މަސައްކަތްކުރާކަމަށް ބުނެ ފަޒީން އިޝާ އަށް ދޮގުހެދީ އިޝާ އެނބުރި މާލެ އައުމުގެ ކުރިން ކޮންމެވެސް މަސައްކަތެއް ކުރަން ފަށާނީ ކަމަށް ނިންމަމުންނެވެ. ދިރިއުޅުމުގެ މުހިންމުކަން ފަޒީންއަށް ނޭނގޭއިރު ވެސް ފަޒީން ބޭނުންވަނީ އިޝާ އެއީ އޭނާގެ މީހަކަށް ހަދާށެވެ. އިޝާ އާއިއެކު ދިރިއުޅުމެއް ފަށާށެެވެ.

އެއްއަހަރު ރިސޯޓުގައި މަސައްކަތް ކުރުމަށްފަހު އިޝާ އެނބުރިމާލެދާން ނިންމީ އިންތިޒާރުކުރުމަކީ ފަސޭހަ ކަމަކަށް ނުވީތީއެވެ. މާލެއިން ރަގަޅު ވަޒީފާއެއް ހޯދަން ނިންމާ އިޝާ ރިސޯޓް ވަޒީފާއިން ވަކިވިއިރު އޯލެެވެލް ސެޓްފިކެޓް ފިޔަވައި އިތުރު އެއްވެސް ސެޓްފިކެޓް އެއް އަތުގައި ނެތްކަން ހަނދާންވެސް ނެތެެވެ. ރޭގަނޑުގެ ފެރީއިން މާލެދާން ހުރިހާކަމެއް ތައްޔާރު ކުރަމުން ދިޔަ އިޝާގެ ހިތް ނުތަނަވަސް ވަމުންދިޔައީ ފަޒީން އޭނާގެ ފޯނަށް ޖަވާބު ނުދިނުމުންނެވެ. ކުރިންވެސް ވަރަށް އަވަހަށް މާލެ ދާނެ ކަމަށް އިޝާ ބުނެފައި އޮތުމުން ފަޒީން އޭނާއަށް ސަރޕްރައިސްއެއް ޕްލޭން ކުރަނީ ކަމަށްނިންމާ އިޝާ އޭނާގެ ހިތްހަމަޖައްސާލީ ލޯމަރާލަމުންނެވެ.

ޒައިން އާއި އެކު މާލެދިޔަ އިޝާ ޒައިންގެ ގެއަށް ދިޔައީ ފަޒީން އާއި ބައްދަލުވުމުން، ފަޒީން ބުނިގޮތައް ފަޒީންގެ ގެއަށް ބަދަލުވުމަށް ނިންމަމުންނެވެ. ފެންވަރާލައިގެން ނިކުމެ އިޝާ ޒައިންއަށް މެސެޖް ކޮށްލީ ފަޒީންގެ ގެއަށް ދާން ބޭނުން ވާހަކަ ބުނަމުންނެވެ. ހިސާބަކަށް ޖެހިލުންވެ ހުރެނަމަވެސް އިޝާ އެގޮތް ނިންމީ ފަޒީން އާއި ބައްދަލުކުރަން އިންތިހާ އަށް ބޭނުނެވެފަ ވީތީއެވެ. ބޭނުން ނުވިޔަސް ޒައިން އިޝާ އާއި އެކު ފަޒީންގެ ގެއަށްދިޔައީ ޒައިން ނުގެންދިޔަނަމަވެސް އިޝާ ކޮންމެެވެސް ގޮތަކުން އެގެއަށް ދާނެކަން އެނގޭތީއެވެ. ނުތަނަވަސް ވެފައިވާ ހިތަކާއެކުނަމަވެސް ހިނިތުންވެލައިގެންހުރެ ޒައިން އާއިއެކު ފަޒީންގެ މަންމަ އާއި ބައްދަލު ކޮށްފައި ނިކުތް އިޝާގެ މޫނުމަތީގައި މިހާރުވަނީ މުޅިންތަފާތު ކުލައެކެވެ. އިންޒާރަކާނުލާ އިޝާގެ ދެލޮލަށް ޖަމާވަމުންދިޔަ އެތައްހާސް ކަރުނަތިކިތަކެއް އެހިތައް ކޮށްފައިވާ އަސަރު ދައްކުވައިދޭން އުޅޭކަހަލައެވެ.

"އެންމެން ބުނީމަވެސް ގަބޫލެއް ނުކުރެވުނު، އެކަމަކު މިއަދު ގަބޫލު ކުރެވިއްޖެ. އަބަދުވެސް އަހަރެން ބޭނުންވީ "ބޭޑް" މީހެއް. އެކަމަކު ޑްރަގް ޑީލަރ އެއް ނޫން. އެކަހަލަ ބޮޑެތި ކުށްތައް ކުރާމީހެއްނޫން. އެއްވެސް މަޔަކު އެމަންމަގެ ދަރިއަކު ވަނީ 10 އަހަރުގެ ޖަލުހުކުމެއްގައޭ ބުނެ ދޮގެއް ނަހާދާނެ ޒައިން. ކީއްވެ މިހުރިހާ ދުވަހު އަހަރެންނަށް އެކަން ނޭނގުނީ. އެދުވަހު މަންމަމެން ދެއްކިވާހަކަ ގަބޫލު ކުރެވުނުނަަމަ. ކިހިނެއް މިއަދު އެނބުރި އެމަންމެން ކައިރިއަށް ދާނީ."

ރޮއެރޮއެފައި އިޝާ ޒައިން ކައިރީގައި އެތައްވާހަކައެއް ދައްކަމުންދިޔައިރު މިއަދުވެސް ޒައިން އެދުނީ މައިންބަފައިން ކައިރިއަށް އެނބުރި ދިއުމަށެވެ. މިއަދު އިޝާ ވަރަށް ދެރަވެއްޖެއެވެ. އެއްވެސް މަޔަކު ދަރިއަަކަށް ދެރަގޮތެއްވާން ނޭދޭނެކަން ވިސްނިއްޖެއެވެ. ނަމަވެސް މިއަދު މަންމަގެ ކުރިމަށްޗަށް އަރާނެހާ ހިތްވަރު އިޝާގެނެތެވެ. އެމަންމަގެ ހިތުގައި އިޝާ އަށް ޖެއްސިފައިވަނީ މާފް ހައްޤު ވާވަރަށްވުރެ މާބޮޑަށެވެ. އެއްފަހަރާ އެތައް ކަމަކާމެދު ވިސްނަން ޖެހުުމުން އިޝާ އަށް ދެންކަންތައް ކުރާނެ ގޮތެއްވެސް ނުވިސްނުނެވެ. އަނެއްކާވެސް އެނބުރި ޒައިން އާއިއެކު ޒައިންގެ ގެއަށް ދިޔައީ އިތުރު ގޮތެއް ނެތުމުންނެވެ.

ޖެހިގެންއައިދުވަހު ހެނދުުނު އިޝާ ޒައިން އާއިއެކު އޭނާގެ ގެއަށް ދިޔައީ ޒައިން އެތައް އާދޭހެއް ކުރުމުންނެވެ. ޒައިން ގޭދޮރުގައި ޓަކިޖަހާލުމުން ޒައިންގެ ފަހަތައް ގޮސް އިޝާ ފިލީ މަންމަ އާއި ކުރިމަތިލަން އަދިވެސް ތައްޔާރުނުވާތީއެވެ. ދޮރުހުޅުވާލާފައި އިޝާގެ މަންމަ ނުކުމެ ހައިރާންކަމާއެކު ޒައިން އަށް ބަލާލުމުން، ހިނިތުންވެލާފައި ޒައިން ދުރަށްޖެހިލީ އިޝާ އަށް ފުރުސަތުދެމުންނެވެ. މަންމަގެ ކުރިމަތީގައި އިސްއުފުލާލަން ވެސް ނުކެރިފައި ހުރި އިޝާ ސިހުނީ އޭނާގެ މަންމަ އޭނާގެ ގައިގައި ބައްދާލުމުންނެވެ. އެތައް ދުވަހަކަށްފަހު އުފަންދަރިފުޅު ފެނުމުން އެ މަންމަ އަށް ކެތް ނުވީ އެހިތަށް ކޮށްފައިވާ އަސަރަކުންނެވެ. ރޮއެ ރޮއެފައި އިޝާ މާފް އަށް އެދުނު އިރު މިހުރިހާ ދުވަހު އެ މަންމަގެ ހިތުގައިވި ނުރުހުން ފިލައިގެން ދިޔައީ ކޮންތަނަކަށް ކަމެއް ނޭނގެއެވެ. ޝަކުވާއެއްވެސް ކޮށްނުލާ އެދަރިފުޅަށް މާފްކުރިއިރު މައިވަންތަ ހިތަށް ދަރިއެއްގެ ލޮލުން ކަރުނަ އޮހޮރޭތަން ބަލަން ކެތްނުވާނެކަން އެނގިގެންހިނގައްޖެއެވެ. ދަރިފުޅަށް ވިސްނުނީތީ މިއަދު އެމަންމަ އުފާކުރާއިރު އިޝާގެ ބައްޕަގެ ހިތުގައި އަދިވެސް އިޝާއަށްޓަކައި ވަނީ ނުރުހުމެވެ. އެންމެ ފުރިހަމަގޮތުގައި އިޝާ އަށް ހުރިހާ ކަމެއް ކޮށްދެމުން ދަނިކޮން ކުށްލިއަކަށް އާއިލާ އާއި ދެކޮޅަށް އިޝާ ނިންމި ނިންމުމުގެ ސަބަބުން އެތައް ހިތާމައެއް ކުރިއިރު މިއަދު އެހުރިހާ ހިތާމައެއް ނުރުހުމަށް ބަދަލުވެފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ބައްޕަގެ ނުރުހުމާއެކުވެސް އިޝާ އޭނާގެ ގޭގައި ދިރިއުޅެން ފެށީ ބައްޕަގެ މާފް ލިބޭނެކަމުގެ އުންމީދުގައެވެ. މަންމަގެ ލޯތްބާއި އަޅާލުން ކުރިއަށްވުރެވެސް ބޮޑަށް ލިބެމުން ދިޔައިރު މާޒީ ހަނދާންވެފައި އިޝާ މިހާރު އަދި މާދެރަވެއެވެ. ނަމަވެސް މިއަދު އިޝާ އަށް ވިސްނިއްޖެއެވެ. އަނެއްކާވެސް އިޝާ އޭނާގެ ކިޔެވުމާމެދު ވިސްނާ މަންމަގެ އެދުމުގެ މަތިން ކޯހެއް ހަދަންފެށީ ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައެވެ.

4 އަހަރުގެ ކޯސް ނިންމާލާ މިއަދު އިޝާ ޤާބިލް ޓީޗަރއެއްގެ ވަޒީފާ އަދާކުރަމުންދާއިރު އޭނާގެ ދިރިއުޅުންވަނީ އެތައް ގޮތަކުން ބަދަލުވެފައެވެ. މަންމަ އާއެކު ބައްޕަގެ ލޯބިވެސް އިޝާ އަށް ލިބެންފެށި އިރު އިޝާގެ ދިރުއިޅުމުގައި އިތުރު ބައިވެރިއެއްގެ ނަންވެސް ވަނީލިޔެވިފައެވެ. ރިސޯޓުގައިި އިޝާ އާއިއެކު ހޭދަކުރި މަދުވަގުތުކޮޅު ޒައިންގެ ހިތުގައި އިޝާ އަށްޓަކައި އުފެދުނު ލޯބި 4 އަހަރު ފަހުން އެދެބައިވެރިން ގުޅުވާލި އިރު އިޝާގެ ހަޔާތައް ޒައިން ފަދަ ބައިވެރިއަކު ނުލިބޭނެކަން އޭނާއަށްވެސް ގަބޫލުކުރެވިއްޖެއެވެ. ފަޒީންގެ ހަނދާންތަކާ ދުރުވެ އާއިލާ އާއި ޒައިންއާ އެކު އުފާވެރި ހަަޔާތެއް ވޭތުކުރަން ފެށި އިރު މިއަދު މާޒީ ހަނދާން ކުރާނެ ފުރުސަތެއް އިޝާ އަކަށް ނުލިބެއެވެ. މިއަދު އިޝާ އުޅެމުންދާ ދިރުއުޅުމަކީ ކޮންމެ މަޔަކުވެސް އަންހެންދަރިއަކަށް ލިބުން އެދޭނެފަދަ އުފާވެރި ދިރިއުޅުމެކެވެ.

comment ކޮމެންޓް