ފިރިހެނުން ކައްކާ ދުވަސް: އެތައް އިބުރަތަކާ އެކު، އަންހެނުންނަށް ރެސްޓް!

ފިރިހެނުންތަކެއް ކައްކަނީ-- އެދުވަހު އަންހެންވެރިން ބަދިގެއަށް ވަނުމަކީ މަނާކަމެއް-- ފޮޓޯ: އިސްމާއިލް އަފްރާހު

ގޭތެރޭ މަސައްކަތެއްކޮށްފި ނަމަ އެދެން އަނބި ދަށުވީ އެވެ. ނުވަތަ ރަނޑާލިވީ އެވެ. ކެއްކުމަކީ އަންހެނުންގެ މަސައްކަތެއް ކަމަށް ދެކޭ ފިރިހެނުން މަދެއް ނޫނެވެ. ވަޒީފާ އަދާ ކުރުމަށް ފަހު އެ ލިބޭ ވަގުތުގައި ވެސް އަންހެންވެރިން އަބަދު އުޅެން ޖެހެނީ އެކަމުގަ އެވެ. ފިރިހެންވެރިންގެ ޒިންމާއަކަށް އޮންނަނީ ހަމައެކަނި ވަޒީފާ އަދާކުރުމާއި ގެއަށް ބޭނުންވާތަކެތި ގަތުން ކަމަށް ދެކޭ ފިރިހެނުން މަދެއް ނޫނެވެ. ގޭތެރޭ ކަމެއް ނުކުރާތާ އަންހެން ވެރިން ބުރަ މަސައްކަތުން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށް ފާޑުކިޔުމަކީ ބައެއް ފިރިހެނުންގެ އާދައެވެ. މިއީ ޒަމާނުންސުރެ މިކަން އޮތްގޮތެވެ. ނަމަވެސް ފަހަކަށް އައިސް މިކަން ބަދަލުވަމުން އެބަދެއެވެ.

ކާނާ ތައްޔާރު ކުރުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ކަމަށް ބެލިބެލުން އެތައް ފިރިހެނުންނެއް މިވަނީ ބަދަލު ކުރަން ފަށައިފަ އެވެ. އަންހެންވެރީންނަށް އާންމުކޮށް އެހީތެރިވާ ފިރިހެނުން މިހާރަކަށް އައިސް ގިނަ އެވެ. ރޯދަ މަހު މިކަން އާންމުކޮށް ފާހަގަވެ އެވެ. ރޯދަ މަހުގެ ކޮންމެ ހަފްތާއެއްގެ އެއް ދުވަހަކީ ފިރިހެނުން ބަދިގެއަށް ވަންނަ ދުވަހަކަށް ހަމަޖައްސާފައިވާ އާއިލާތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެ ދުވަހެއްގައި ކާނާ ތައްޔާރު ކުރުމުގައި ހަރަކާތްތެރި ވާނީ އެގޭގައި އުޅޭ ފިރިހެނުންނެވެ. އަންހެނުން ބަދިގެއަށް ވަނުމަކީ އެދުވަހު މުޅިން މަނާކަމެކެވެ. އެއީ އަންހެން ވެރިންގެ ރެސްޓް ދުވަހެވެ.

"އަހަރެމެން ކޮންމެ ރޯދަ މަހަކު ވެސް މަދުވެގެން އެއް ދުވަހު އެމީހުންނަށް [އަންހެނުން] ފުރީކޮށްދެން. އަހަރެމެން ކައްކައި ހަދަނީ އެދުވަހު،" އިސްމާއިލް އަފްރާހު އޭނާގެ އާއިލާއިން މަސައްކަތް ކުރާގޮތް ކިޔައިދެމުން ބުންޏެވެ.

ފަހަކަށް އައިސް އާންމުވެފައިވާ މި ރީތި އާދަ އެތައް އާއިލާއެއްގެ މެދުގައި ވަނީ އާންމުވެފަ އެވެ. އާންމުގޮތެއްގައި ހުކުރު ދުވަހަކީ ގޭގޭގެ ފިރިހެން ވެރިން ބަދިގޭގެ ޒިންމާ ނަގާދުވަހެވެ. ގިނަ މޮޅެތި ވައްތަރުތައް ތައްޔާރު ކުރުުމުގައި ފޯރިއާ އެކު ފިރިހެންވެރިން މަސައްކަތް ކުރަން މިއަދު މިވަނީ ފެށިފައެވެ. އެތައް އިބްރަތެއް ހާސިލް ކުރަމުންނެވެ.

މިކަމުގެ ތެރެއިން އަންހެނުންގެ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރެވި އެތައް ތަޖުރިބާއެއް ފިރިހެންވެރިންނަށް ދަސްވެއެވެ. ހަމަ އެހެންމެ މިއީ ކާނާއަށް ފާޑުކިޔުމުގެ ބަދަލުގައި އެމަސައްކަތުގެ ބުރަކަން ގަބޫލް ކުުރުމަށް ފިރިހެނުންނަށް ލިބޭ ފުރުސަތަކަށްވެ އެވެ.

ހަމަ އެހެންމެ މިކަމުގެ ސަބަބުން އަންހެން ވެރިންގެ ކުޅަދާނަކަން އިތުރަށް ގަބޫލް ކުރެވެ އެވެ. ދަރިންގެ ޒިންމާ އަދާ ކުރަމުން ކެއްކުމަކީ ކިހާ ބުރަކަމެއްކަން އަމިއްލައަށް ތަޖުރިބާ ކުރެވެ އެވެ. ހަމައެއާއެކު ރޯދައަށް ހުރެގެން ކާއެއްޗެހީގެ ރަހަ ހެޔޮވަރުކުރާ މޮޅު ގޮތާއި ގަޑިޔަށް ތަކެތި ނިންމުމުގައި އެމީހުންގެ ހުނަރުވެރިކަން ރަމްޒު ކުރެވިގެންދެއެވެ.

"އަހަރެމެން މަސައްކަތް ކުރާ މާހައުލެއް ނޫންތާ އެއީކީ. އެއް ދުވަހު އެހެން ވަދެލާ އުޅުނީމަ އެބަ އިނގޭތާ އެމީހުން އުޅޭ ހާލު. އަހަރެމެންނަށްވީ ގޮތަކީ އަހަރެމެން ކެއްކި ގިނަ އެއްޗެހި ރޯފިލިއިރު ހުރީ ރޭގަނޑު 7 ޖަހާފައި،" އަނބިދަރިންނަށް ކާންދިނުމަށް ކުރި މަސައްކަތުގެ ތަޖުރިބާ ހިއްސާ ކުރަމުން މަޝްހޫރު ޕްރެޒެންޓަރު މޫސާ ރިލްވާން ކިޔައިދިނެވެ.

އެތައް ފިރިހެނުންނެއް އެފަދައިން އަމަލު ކުރަމުންދާ އިރު މިއީ އަނބިގޮއްޔެ ހެއްވާލާ ވަސީލަތެކެވެ. ހަމަ އެހެންމެ އާއިލީ ގުޅުން ބަދަހިވެ އާއިލާއާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން ވެސް ލިބޭ ރަނުގެ ފުރުސަތަކެވެ. އަންހެނުންނަށް ވުރެ ގިނަ ވައްތަރު ކާނާ ތައްޔާރު ކުރުމަށް ފިރިހެނުން ކުރާ މަސައްކަތް ވެފައި މިވަނީ އާއިލާތެރެ އުފާކޮށްލަދޭ ވަސީލަތަކަށެވެ.

"ވަރަށް ހިނި އާދޭ އެމީހުން [ފިރިހެނުން] ބަދިގެއަށް ވަދެ އުޅޭތީ. ހަގީގަތުގައި މިއީ ކޮންމެހެން އެމީހުން ކުރަންޖެހޭ ކަމެއް. އަހަރެމެން ކައިރި ނުބުންޏަސް މިކަމުގައި ހުރި ބުރަކަން އެމީހުންނަށް އެނގޭނެތާ ބަދިގެއަށް ވަދެ އުޅުނީމަ،" ފިރިމީހާ ބަދިގެއަށް ވަދެ ކައްކާތީ އުފާވެފައި ހުރި އަންހެނަކު ބުންޏެވެ.

ބަދިގެ މަސައްކަތާއި ގޭތެރޭގެ މަސައްކަތްތަކަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ކަމަށް ދެކިގެން ނުވާނެއެވެ. ހަމަ އެހެންމެ އެއަންހެން ވެރިން އެކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން އެބަޖެހެ އެވެ. ގޭތެރޭ މަސައްކަތްތަކުގައި އާއިލާ މެމްބަރުންނަށާއި އަނބި މީހާއަށް އެހީތެރިވުމަކީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީން ބާރު އަޅާކަމެކެވެ.

އައްޝެއިހް އިބްރާހިމް ފަހުމީ ދީދީ ވިދާޅުވިގޮތުގައި ކީރިތި ރަސޫލާގެ ހަޔާތްޕުޅަށް ބަލާއިރު އެކަލޭގެފާނު އަބަދުވެސް އަނބިއަނބިކަނބަލުންނަށް އެހީތެރިވެވަޑައިގަންނަވަ އެވެ. އެހެންކަމުން ގޭތެރޭ މަސައްކަތުގައި ބުރަކޮށް އުޅޭ އަންހެނުންނަށް އެހީތެރިވުމަކީ ދީން ބާރު އަޅާކަމެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

"ކީރިތި ރަސޫލާގެ ހަޔާތްޕުޅަށް ބަލާއިރު އެކަލޭގެފާނު ގޭތެރޭގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގަންނަވާކަމަށް އައިޝަތުގެ ފާނު އަރިހުން ހަދީޘްތައް އައިސްފައި އެބަހުރި،" ޝެއިހް ފަހުމީ ދީދީ ވިދާޅުވި އެވެ.

ފަހަކަށް އައިސް އާންމުވެފައި މިވަނީ އުފާވެރި އާދައެކެވެ. މިއީ އިންތިހާއަށް ބުރަކޮށް އުޅޭ އަންހެން ވެރިންގެ އަގުވަޒަންކޮށްލަން ލިބޭ ފުރުސަތެކެވެ. އެހެންކަމުން އަންހެންވެރިންނަށް ރެސްޓް ދީ އެއް ދުވަހު ބަދިގެއަށް ވަދެލުމަކީ ކޮންމެ ފިރިހެނަކު ތަޖުރިބާކޮށްލުން މުހިންމުކަމެކެވެ.

comment ކޮމެންޓް