މަލާއިކަތުންގެ މަދަދު

މެއި 8، 2015: "އިލާހީ ކޯފާއަށް ބިރުވެތިވޭ" ނަމުގައި ކާނިވާ ސަރަހައްދުގައި އައްޝައިހް އިލްޔާސް ޙުސައިން ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ. މީހަކު އަބޫބަކުރުރަޟިޔަﷲ ޢަންހުއަށް ހުތުރު އެއްޗެއްހިގޮވިއެވެ. (އަބޫބަކުރުގެފާނު ހަނުހިމޭނުން އިންނެވީއެވެ.) އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް އެތާނގައި އިންނެވިއެވެ. އިތުރުސާހިބާ އިންނެވީ އަޖާއިބުފުޅު ވެފައެވެ. ހިނިވަރުނަކުރެއްވިފައެވެ. އެމީހާ މާބޮޑަށް އެއްޗެހި ގޮވާން ފެށުމުން އޭނާގެ ބައެއް ވާހަކަތަކަށް އަބޫބަކުރުގެފާނު ޖަވާބުދެއްވަން ފެއްޓެވިއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ އެކަމާ ހިތްޕުޅާ ހަމަ ނުކުރައްވައި ތެދުވެ ވަޑައިގެން ދުރަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. އަބޫބަކުރުގެފާނުވެސް ތެދުވެވަޑައިގެން އިތުރު ސާހިބާގެ ފަހަތްޕުޅުން ވަޑައިގެން އަރާހަމަކުރައްވައިފައި ވިދާޅުވިއެވެ. އޭ މާތްﷲގެ ރަސޫލާއެވެ. އޭނާ އަޅުގަނޑަށް އެއްޗެހި ގޮވިއިރު ކަލޭގެފާނު އެތާނގައި އިށީދެވަޑައިގެން އިންނެވީމުއެވެ. (ކަލޭގެފާނު އިންނެވީ އުފާފުޅުންނެވެ.) ނަމަވެސް އޭނާގެ ބައެއް ވާހަކަތަކަށް އަޅުގަނޑު ޖަވާބު ދޭން ފެށުމުން ކަލޭގެފާނު އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ތެދުވެވަޑައިގެން ވަޑައިގެންފީމުއެވެ. އިތުރު ސާހިބާ ޙަދީޠް ކުރެއްވިއެވެ. "(ކަލޭގެފާނު ހިމޭނުން އިންނެވިއިރު) ކަލޭގެފާނުގެ އަރިހުގައި މަލާއިކަތެއް ހުންނެވިއެވެ. އެމަލާއިކަތާ އޭނާއަށް ޖަވާބުދެއްވަމުންގެންދެވިއެވެ. ނަމަވެސް ކަލޭގެފާނު އަމިއްލަފުޅަށް ޖަވާބުދެއްވަން ފެއްޓެވުމުން އެމަލާއިކަތާ ދުރަށްވަޑައިގެންފިއެވެ. އަދި ޝައިޠާނާ އަތުވެއްޖެއެވެ." (ރަވާހު: އަޙްމަދު)

މީހަކު ކަލާއަށް އެއްޗެހި ގޮވަން ފެށުމުން ކަލާވެސް އެމީހަކަށް އެއްޗެހި ވިދާޅުވާން ފައްޓަވައިފިނަމަ އެހިސާބުން މައްސަލަ ހޫނުވެއެވެ. ދެފަރާތުގެ ޒުވާބު ގަދަވެއެވެ. އެއްޗެހިގޮވި މީހާ އެންމެ ފުރަތަމަ މަރްހަލާގައި ރުޅިވެރިކަމާއެކު ވާހަކަ ދައްކަމުން ގެންދިޔަ ކަމުގައިވާނަމަ ކަލާ އޭނާއަށް ރައްދު ދެއްވާންފެއްޓެވުމުން އޭނާގެ ބަސްމަގުހުތުރުވެއެވެ. އޭނާގެ ރުޅި އިންތިހާޔަށްގޮސް އަތްއިސްކުރަން ތައްޔާރުވެއެވެ. އެންމެފަހުން ކަލާގެގައިކޮޅަށް އަތްލާތަންވެސް އަތުވެދެއެވެ. އޭނާއަށް ޖަވާބު ނުދެއްވައިފިނަމަ އޭނާގެ ރުޅިވެރިކަން ފެށުނު ހިސާބުގައި ހިފެހެއްޓިފައިއޮވެއެވެ. ނަމަވެސް އޭނާއަށް ޖަވާބު ދެއްވަން ފެއްޓެވުމުން އޭނާގެ ރުޅި ހަމައިން ނައްޓައިލައެވެ.

މީގެ އަނެއްކޮޅުން މީހަކު ކަލާއަށް އެއްޗެހިގޮވާން ފެށުމުން ކަލާ ހިމޭނުން އިންނަވައިފިނަމަ އޭނާގެ ހަޑިހުތުރު ބަސްތަކުންވެސް ކަލާ ކޯފާއިސްނުކުރައްވައިފިނަމަ ކަލާއަށް ފެނިވަޑައިގަންނަވާނީ އިރުކޮޅަކުން އޭނާގެ ލަހެޖާ މައިތިރިވަމުން އަޑުމަޑުވަމުންދާ ތަނެވެ. މަޑުމަޑުގޮސް އޭނާ ހަޅޭއްލެވުން ހުއްޓައިލާތަނެވެ. އެކަހަލަ ދަނޑިވަޅެއްގައި ކަލާ ޖަވާބު ދެއްވަން ފެއްޓެވުމަކީ އެމީހަކަށް ހަޑިހުތުރުބަސްތައް ގިނަކުރަން ލިބޭ ފުރުސަތެކެވެ. ކަލާ ހިމޭނުން އިންނަވައިފިނަމަ އެމީހަކަށްވެސް މަޖްބޫރުވާނީ އެއްޗެހި ގޮވުން ހުއްޓައިލުމަށެވެ.

މިތަފާތު އަންނަނީ ކީއްވެގެންތޯއެވެ. އޭގެ ސަބަބަކީ ނުބައިކަމެއްގެ ބަދަލު ނުބައިކަމަކުން ދިނުމުން ރައްދުއަމަލުގެ ނަފުސިއްޔާތު އުފެދުމެވެ. އޭރުން އެނުބައި ޢަމަލު ކުރާމީހާ ރުޅިގަދަކުރުވަން ޝައިޠާނާއަށް ފުރުސަތު ލިބެއެވެ. ޝައިތާނަށް އެނުބައިމީހާގެ ނަފްސުގެ ކިބުރުވެރިކަން ހޭލައްވާނެ ދަނޑިވަޅުލިބެއެވެ. އޭނާގެ އެތެރެފުށުގައި ނިދައިފައި އޮންނަ ނުބައިނުލަފާކަން ހޭލައްވަން ޝައިޠާނާއަށް ފަސޭހަވެއެވެ.

ތިމާއަށް އަނެކަކު ނުބައިކަމެއް ކުރުމުންވެސް އެކަމަކާ އަޅައިނުލާ ނުދަނެހުރިކަމަކަށް ހަދައިލުމުން ނުބައިކަންތައްކުރާ މީހާގެ އެތެރެފުށުގައި އަމިއްލަ ނަފުސު މުޙާސަބާކުރުމުގެ ނަފުސިއްޔާތު ހޭލައެވެ. އެމީހާގެ ކިބައިގައިވާ ހެޔޮކަމުގެ ޒަމީރު ހޭލައްވަން މަލާއިކަތުންނަށް ފުރުސަތުލިބިވަޑައިގަންނަވައެވެ. ހެޔޮކަމަށް ބާރުއަޅާ ޒަމީރު ހޭލުމުން ތިމާގެ ކުށް އިހްސާސްވެއެވެ. ލަދުވެތިކަމުގެ ޝުޢޫރު އުފެދެއެވެ. އަމިއްލަޔަށް އިސްލާޙުވުމަށް ބާރުލިބެއެވެ.

އިސްވެދެންނެވި ދެޙާލަތުންކުރެ ފުރަތަމަ ޙާލަތުގައި އިންސާނާގެ މައްޗަށް ވެރިވެގެންނަނީ ޝައިޠާނާއެވެ. ދެވަނަޔަށް ބަޔާންކުރި ޙާލަތުގައި އިންސާނާ ހުންނަނީ މަލާއިކަތުންގެ ބެއްލެވުމުގެ ދަށުގައެވެ. އެންމެ ފުރަތަމަ ދެންނެވި ޙާލަތުގައި އަނެކާކުށްވެރިކޮށް އަނެކާގެ ކިބައިން ބަދަލުހިފުމުގެ ޖަޒުބާތު އުފެދެއެވެ. ދެވަނަ ޙާލަތުގައި ތިމާގެ ކުށް އިޙްސާސުވެ ނަފުސު އިސްލާޙުކުރަން ތައްޔާރުވެވެއެވެ.

ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ވަނީ ދެބާރެއްލައްވައިފައެވެ. އޭގެ ތެރެއިން އެއްބާރަކީ ކާލާއާ އެއްކޮޅުބާރެކެވެ. އެބާރު ތަމްސީލުކުރަނީ އަނެކާގެ ހެޔޮކަމުގެ ޒަމީރެވެ. އަނެއްބާރަކީ ކަލާޔާ އިދިކޮޅުބާރެވެ. އެބާރު ތަމްސީލުކުރަނީ އަނެކާގެ އަހަރެންވަންތަކަމެވެ. މިދެބާރުންކުރެ ކަލާ ހޭލައްވާނެ ބާރެއް ޚިޔާރުކުރެއްވުމަކީ ކަލާގެ އަމިއްލަފުޅުކަމެކެވެ. ކަލާގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުން ހޭލެއްވިބާރެއް ކަލާގެ ހިއްސާއެއްކަމުގައި ވެގެންދާނެއެވެ.

އެދެބާރުގެ ތެރެއިން އެއްބާރު ހޭލައްވައިފިނަމަ އަނެކާ ވާނީ ކަލާގެ ދުޝްމިނަކަށެވެ. އަނެއްބާރު ހޭލައްވައިފިނަމަ ޚުދު އަނެކާގެ ނަފްސުގެ ތެރޭގައި ކަލާގެ ފަރާތްޕުޅުން މަސައްކަތްކުރާ ބާރެއްއުފެދި ކަލާއަށް އަނެކާގެ މައްޗަށް ފަތަޙަ ހޯދައިދީ ނަސްރުލިބިދޭނެއެވެ.

ފަށައިގަތުމުގައި ބަޔާންކުރި ޙާދިޘާގައި އަބޫބަކުރުރަޟިޔަﷲ ޢަންހު އާ ދިމާޔަށް އެއްޗެހި ގޮވި މީހާ ދެކެ، އިތުރު ސާހިބާ ސައްލަﷲ ޢަލައިހިވަސައްލަމަ ކޯފާއިހެއް ނުކުރައްވައެވެ. ނަަމަވެސް އަބޫބަކުރު ރަޟިޔަﷲ ޢަންހުއަށް ކަސިޔާރު ބަސްފުޅެއް ވިދާޅުވެވުމުން އިތުރު ސާހިބާ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. ޙިމާރަށްޓަކައި އިސްލާމީ ޝަރީއަތުގައިވަނީ އަޅައިނުލައި ދޫކޮށްލުމުގެ އުސޫލެވެ. އިންސާނުންނަށްޓަކައިވަނީ ހެޔޮކަމަށް އަމުރު ކުރުމާއި މުންކަރާތް ނަހީކުރުމެވެ.

އާއްމުގޮތެއްގައި މީހުންދެކޭ ގޮތުގައި ދިފާޢުވުމަކީ ޖަވާބުދިނުމެވެ. މީހަކަށް އަނެކަކު އުނދަގުލެއް ނުވަތަ ތުރާލެއްކޮށްފިނަމަ އަވަސްވެގަންނަނީ އެމީހަކާ ކުރިމަތިލުމަށެވެ. އެބައިމީހުން ހީކުރަނި އަމިއްލަ ނަފުސު ދިފާޢުކުރަނީ ކަމަށެވެ. ނަމަވެސް އެންމެ ވަރުގަދަ ދިފާޢަކީ ތިމާއާ ދިމާކުރެވޭ ދިމާކުރުމުގެ ޖަވާބުގައި ހަމަހިމޭނުންވުމެވެ. އަނެކާއަށް ރައްދު ދިނުމުގެ ބަދަލުގައި އަޅައިނުލައި ދޫކޮށްލުމެވެ.

ހަމަހިމޭންކަން ޚިޔާރުކުރމަކީ ހިތްވަރުދެރަވުމެއްނޫނެވެ. ބަދަލުނުދިނުމެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ އެންމެ ފުރިހަމަ ރައްދުދިނުމެވެ. އިންސާނާ އަނެކާގެ ޒުވާބުގެ ބަދަލުގައި ޖަދަލުކުރަން ފަށާއިރު އެތެދުވަނީ ތިމާގެ އަމިއްލަ ބާރުގައި އަމިއްލަ ފައިމައްޗަށެވެ. ނަމަވެސް އެފަދަ ވަގުތެއްގައި ހިމޭންވުމުން ތިމާގެ ފަރާތުން އަނެކާއާ ކުރިމަތިލުމަށް ފިޠުރަތުގެ ހުރިހާ ބާރުތަކެއް ތައްޔާރުކުރެވެއެވެ. އަމިއްލަޔަށް ކުރާ ދިފާޢަކީ ބަލިކަށި ދިފާޢެކެވެ. ނަމަވެސް ފިޠުރަތުގެ ދިފާޢަކީ އެންމެ ވަރުގަދަ ދިފާއެވެ.

އަރަހުށި މާތްﷲ މިދުނިޔޭގެ ނިޒާމު ޤާއިމު ކުރައްވައިފައިވާ ގޮތުން ތަނެއްގައި ކުނިބުނި ޖަމާވެއްޖެނަމަ ސުމާރެއްނެތްހައިގިނަ ބެކްޓީރިޔާތައް އެތަނަކަށް ޖަމާވެ އެމާއްދާއެއް ހަލާކުކުރުން ފަށައިގަނެއެވެ. ހަޑިމުޑުދާރުކަން ނައްތައި ލުމަށްޓަކައެވެ. ހަމައެފަދައިން އެކަކު އަނެކަކަށް އަނިޔާވެރިވެއްޖެނަމަ ފިޠުރަތުގެ މުޅި ނިޒާމު އެމީހަކު އިސްލާޙު ކުރުމަށްޓަކައި ޙަރަކާތްތެރިވުމަކީވެސް ފިޠުރަތުގެ ނިޒާމެކެވެ. މިހައިޘިއްޔަތުން ބަލާއިރު ހަމަހިމޭންވުމަކީ ބާވަތެއްގެ އިންތިޒާރެކެވެ. ތިމާޔަށް އިހާނެތިކަމެއް ކުރެވުމުން ހަމަހިމޭންވުމަކީ ތިމާގެ ނަފުސު އިންތިޒާރުގެ ޙާލަތަށް ގެންދިޔުމެވެ. ދުނިޔޭގެ ޒަމީރަށް ތިމާގެ ފަރާތުން މަސައްކަތްކުރުމުގެ ފުރުސަތުދީގެން ނަތީޖާއަށް އިންތިޒާރުކުރުމެވެ. އިންސާނާއަށް އެންމެ ފައިދާހުރި ގޮތަކީ ޚުދުތިމާ ފިޔަވަޅު އަޅާންނިކުމެ ފިޠުރަތުގެ މަސައްކަތް ގަޑުބަޑުކުރުމެއްނޫނެވެ. އަދި ކީއްތޯއެވެ؟ އިންތިޒާރުގެ ސިޔާސަތު އިޚްތިޔާރުކޮށް ފިޠުރަތުގެ މަސައްކަތަށް އެއްބާރުލުން ދިނުމެވެ.

comment ކޮމެންޓް