ލަދެއް ނެތި ބައެއް އަންހެނުން ވައްކަން ކުރަނީ!

ވައްކަން ކުރި ކަމުގެ ތުހުމަތުގައި އަންހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ-- ސަން ފައިލް ފޮޓޯ

ތަރުތީބުން ފަހަރަކު އެއްޗެއްގައި އަތް އުނގުޅަނީ އެވެ. އެއްޗެއް ގަތުމުގެ ޝައުގުވެރިކަން މަތީ ކަހަލަ އެވެ. ކުއްލިއަކަށް "ކުނޑި ފިލުވާ ރޯލެއް" ނަގައި އެވައްޓާލީ ކޮނޑުގައި އަޅުވާފައި އޮތް ނަލަ ބޮޑު ދަބަހަށެވެ. އެކަމަށް ހޭދަވީ ހައެއްކަ ސިކުންތެވެ. އެވަރުން އަދި ފުދުނީކީ ނޫނެވެ. އަނެއް ފަރާތަށް އެނބުރިލާފައި އެ ނެގީ ޖީންސެކެވެ. ކުއްލިއަކަށް އެ ޖީންސް ވެސް އެ ވައްޓާލީ ކޮނޑުގައި އެކަމަށް އަޅުވާފައި އޮތް ދަބަހަށެވެ.

މިއީ މިހާރު ސޯޝަލް މީޑިއާގައި ލީކްވެފައިވާ ވީޑިއޯއެއްގައި ފެންނަ މަންޒަރެއްގެ ވާހަކަ އެވެ. ޖިންސުއްލަތީފެއްގެ ވައްކަމުގެ ހުނަރުގެ ވާހަކަ އެވެ. ފެންނަ ފެނުމަށް ކިތަންމެހާވެސް މައުސޫމެވެ. ނަމަވެސް އެ ފެންނަ މަންޒަރު ކިތަންމެހާ ވެސް ލަދުވެއްޗެވެ.

ލަދުވެތި، މަޑު މައިތިރި ވެއްޖެނަމަ އެއީ އަންހެން ވަންތަ ސިފައެކެވެ. ކަންކަމާ ފަސްޖެހުމާއި ބިރުގަތުމަކީ ވެސް އެވެރިންގެ ސިފައެކެވެ. މައުސޫމް ބަޔެއްގެ ގޮތުގައި އަންހެންވެރިން ސިފަކުރުމަކީ ޒަމާނުންސުރެ ދިވެހިން ދެކެމުން އައި ގޮތެވެ. ނަމަވެސް މިއީ ހަގީގަތެއް ކަމަށް މިއަދު ބެލެވޭކަށް ނެތެވެ. ފިރިހެނުން ވަގުންނަށް ވުމުން އެއީ މީހަކު ހައިރާން ވާނެ ކަމެއް ނޫނެވެ. ސަބަބަކީ ޒަމާނުންސުރެ އެއީ އާންމު ކަމަކަށް ވުމުންނެވެ. ނަމަވެސް އަންހެންވެރީން ކަމާކަންފަށައި ވައްކަމަށް ނުކުތުމުން މިއީ ދިވެހިވަންތަކަމަށް ވެސް ހުތުރެކެވެ.

އެހެން ކުށްތަކެކޭ އެއްފަދައިން އަންހެން ވެރިން މިއަދު މިއުޅެނީ ވައްކަމުގެ ވެސް އިސް ސަފުގަ އެވެ. ފައިދާއަކަށް ނަގަނީ ދިވެހިން އެމީހުން ސިފަ ކުރާ މައުސޫމް ގޮތެވެ. އެކަކަށް ވުރެ އަނެކަކު ގެންގުޅޭ އަތްދަބަސް ބޮޑުވުމަކީ ފަހުރެއް ކަމަށް ދެކޭ ދިވެހި އަންހެންހުނުން ވައްކަމަށް ބޭނުންކުރާ ވަސީލަތައް އެކަން ވެސް އެވަނީ ބަދަލުކޮށްފަ އެވެ. ހާއްސަކޮށް ޒުވާން އަންހެނުން މިކަމުގައި އުޅެނީ ކުރީ ސަފުގަ އެވެ.

"އަންހެނުން ވައްކަން ކުރުމަކީ ހަމަ އާންމުކަމެއް. އަޅުގަނޑުމެން ވަރަށް ބަލަން ފިހާރަތަކަށް ދަބަސް ނުވައްދައި ވޭތޯވެސް. ހަމަ ދަބަސްތެރެއަށް ލައިގެން ދަނީ. އެއީ ހިނގާ ކަމެއް. ސެންޓް ބޭނުންވާ މީހުން ސެންޓް ނަގަނީ. ބިސްކޯދު ބޭނުންވާ މީހުން ބިސްކޯދު ނަގާނެ. އެއްކަލަ ބުނާހެން އާންމު ކަމެއް މިއީ،" ފުޅާދާއިރާއެއްގައި އިމްޕޯޓް މުދާ ވިއްކާ، ރެޑްވޭވް ގްރޫޕުގެ މެނޭޖަރު އަލީ ޝަހީމް ވިދާޅުވި އެވެ.

ފިރިހެނުންނާއި އެއް ދަރަޖައަށް ވައްކަމުގައި އަންހެނުން ކުރިއަށްގޮސްފައިވާ ކަމުގެ ހިތާމަވެރި ވާހަކަ ދައްކާއިރު އެފަދަ އަންހެންހުނުންގެ އަމަލުތަކަށް ބަލާލަމާތޯ އެވެ. ވިޔަފާރިވެރިން ބުނާ ގޮތުން މިހާރަކަށް އައިސް އެންމެ ބޮޑަށް އަންހެން "ވަގުން"ގެ ލޯ އަޅައިގަންނަނީ ކޮސްމެޓިކްސް އާއި އަންނައުނަށެވެ. އެހެންކަމުން އަންހެން ވަގުންގެ ބިރު ބޮޑީ ނަލަހެދުމަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރަތަކަށެވެ. މަދުން ނަމަވެސް އަންހެން ސޭޓުން ވެސް ފިހާރަތަކުން ވައްކަންކޮށްގެން ހައްޔަރުކޮށްފައި އެބަހުއްޓެވެ. ސޭޓުން ވައްކަން ކުރަނީ ފައިސާ އަށެވެ.

އަންހެން ކުއްޖަކު ވައްކަން ކުރާ ކަމަށް ބުނެ ސޯޝަލް މީޑިއަގައި ދައުރު ވެފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް--

ޖިލްބާބު މެނޭޖްމަންޓްގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ޖިލްބާބުގެ އެކި ފިހާރަތަކުން އަންހެނުން ވައްކަން ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށެވެ. ޖިލްބާބުގެ ފިހާރަތަކުން ފޮއްޗާއި ބުރުގާގައި ޖަހާ ތަފާތު އެއްޗެހީގެ އިތުރުން ތަސްބީހަފައްޗާއި އަންޑަގާމެންޓްސް ގިނަ އަދަދަކަށް ވަގަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ވަނީ ބޮޑު ދަބަހެއް ހިފައިގެން ވަދެ ޖިލްބާބުތަކުން ވައްކަން ކުރަމުންދިޔަ އަންހެނަކު ހައްޔަރު ވެސް ކޮށްފަ އެވެ.

"ވައްކަން ކުރުމުގެ ބައި ވަރަށް ބޮޑު. ދަބަސް ހިފައިގެން ވަދެގެން ވެސް ކުރޭ. ވަރަށް ޑީސެންޓްކޮށް ތިބެގެން މިކަން މިކުރަނީ. ދެން ވައްކަން ކުރަންޏާ ފުދޭވަރެއްގެ ބޮޑު ގެއްލުމެއް ވާނެތާ،" ޖިލްބާބުގެ އޮފިޝަލް ވިދާޅުވި އެވެ.

މިފަދަ ވައްކަމުގެ ސަބަބުން އެތައް ވިޔަފާރިއަކަށް ދަނީ އޭގެ ނޭދެވޭ އަސަރު ކުރަމުންނެވެ. ވައްކަމުގެ ސަބަބުން ކޮސްމެޓިކްސް އިން ފަސް ވަރަކަށް ޕަސެންޓް ވަރުގެ ގެއްލުން ވަމުން އަންނަ ކަމަށް ބައެއް ވިޔަފާރިތަކުން ބުނެ އެވެ. އަންހެން ވެރިންނަށް މިކުރެވޭ ތުހުމަތަކީ އެ ވިޔަފާރިތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ހުސެއިން ވިދާޅުވީ އެފަދަ ވައްކަންތައް ފުލުހުންނަށް ވެސް ހުށަހެޅޭ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެފަދަ ވީޑިއޯތައް ހާމަ ކުރާއިރު ފުލުހުންނަށް ގިނަ މައްސަލަތައް ހުށަނޭޅި ހުންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"މިފަދަ ކަންކަން ހުއްޓުވޭނީ އެކަންތައްތައް އެނގޭ ފަރާތްތަކުން ފުލުހުންނަށް އެމައްސަލަތައް ހުށަހަޅައިގެން. އޭރުން އަޅުގަނޑުމެން ގާނޫނީ ގޮތުން އެފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅެއް އެޅިގެން ދެއްތޯ ހުއްޓުވޭނީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމުން އެކަން ކުރާ ބަޔަކާ މެދު ފިޔަވަޅު އަޅައި މީޑިއާގައި އެކަން ހާމަ ކުރުމުން އެކަން ކުރާފަރާތްތަކުން އެކަން ކުރަން ޖެހިލުން ވާނެ ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އުގޫބާތުގައި ވާގޮތުން ވައްކަން ކުރާ ފަރާތްތައް ހަ މަސް ދުވަހަށް ޖަލަށްލެވެ އެވެ. އަދި ވައްކަމުގެ މައްސަލަ ސާބިތުވާވަރަކުންނާއި އެ ވައްކަމެއްގެ ޒާތުން އެ ޖަލު އަދަބު ބޮޑުވެގެންދެ އެވެ. އެތައް ބައިވަރު ފިރިހެނެއްގެ އިތުރުން އެތައް އަންހެނެއްގެ މައްޗަށް ވަރަށް ފަހުން ވެސް ވަނީ އެފަދަ ހުކުމްތަކެއް އިއްވާފަ އެވެ.

މިފަދަ ވައްކަންތަކަކީ އިންތިހާއަށް އިތުރުވެ އޭގެ ނޭދެވޭ އަސަރު ވިޔަފާރިތަކަށް ކުރަމުންދާ ކަމަކަށް ވާތީ އެކަން ހުއްޓުވުމަށް ޒަމާނީ ވަސީލަތްތައް ގާއިމް ކުރަންޖެހެ އެވެ. ސީސީޓީވީ ކެމަރާއަކުން އެކަން ނުވުމުން ވާގޮތްތައް ހޯދަން ޖެހެ އެވެ. މިސާލަކަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ވިޔަފާރިތަކުން ބޭނުން ކުރާ "ސެކިއުރިޓީ ޓެގް" ސިސްޓަމް ނުވަތަ "ބާކޯޑް އެލާމް" ސިސްޓަމްތައް ގާއިމް ކުރުން މުހިންމެވެ. އޭރުން ފިހާރައިގެ ކައުންޓަރުން އެ ޓެގް ވަކިނުކޮށްދީފި ނަމަ ވަރަށް ފަސޭހައިން ވަގު ފަޅާއަރާނެ އެވެ.

ވައްކަންތައް ހުއްޓުވުމަށް އެހެން ގައުމުތަކުގައި ވެސް އަޅާ ފިޔަވަޅަކީ ދަބަސް ހިފައިގެން ފިހާރައަށް ނުވަދެވޭގޮތް ހަމަޖެއްސުމެވެ. އެކަން ކުރުމަށް ފިހާރަތަކު ބޭރުގައި ކުދި ކަބަޑުތައް ބަހައްޓާފައި ހުރެއެވެ. ރާއްޖޭގައި ވެސް އެކަން ކުރެ އެވެ. ނަމަވެސް ޖީބަށާއި ހެދުމުގެ ބައެއް ތަންތަނުގައި ފޮރުވައިގެން ވެސް ވައްކަން އެދަނީ ކުރަމުންނެވެ.

ކިތަންމެ ހުތުރު ކަމަކަސް ބައެއް އަންހެނުން ހިންގާ މިފަދަ އަމަލުތަކެއްގެ ސަބަބުން، ލަދުވެދި ބަނިޔާދަން ބަޔެއްގެ ގޮތުގައި ސިފަވެފައިވާ އަންހެން ކުދިން މިވަނީ ލަދުގަންނަންޖެހިފަ އެވެ. ނިސްބަތުން މަދު ނަމަވެސް އެތައް ވައްކަމެއްގައި އަންހެންވެރިން އެބަ ހަރަކާތްތެރިވެ އެވެ. ލަދެއްނެތި އެއުޅެނީ ވައްކަންކުރުމަގަ އެވެ.

comment ކޮމެންޓް