އެލްޖީއޭ އިން މުސާރަ ނުދޭން އެންގިޔަސް ކައުންސިލަރު ޒިޔާއުއަށް މުސާރަ ދޭނަނަން: ތުޅާދޫ ކައުންސިލް

ތުޅާދޫ ކައުންސިލަރު ޒިޔާއު އިބްރާހީމް ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރަނީ ---- ސަން ފައިލް ފޮޓޯ

ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތުޅާދޫ ކައުންސިލްގެ މެމްބަރު ޒިއާއު އިބްރާހީމް ރަޝީދަށް މުސާރަ ނުލިބޭގޮތަށް ދެ މަހަށް ސަސްޕެންޑުކުރި ކަމުގައި ވިޔަސް އޭނާއަށް މުސާރަދޭން ނިންމައި އެރަށު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ތުޅާދޫ ކައުންސިލުން ފާސްކުރި ގަރާރުގައި ވަނީ، ކައުންސިލަރު ޒިޔާއު ސަސްޕެންޑުކޮށް މުސާރަ ހިފެހެއްޓުމަށް އެލްޖީއޭ އިން އެންގި އެންގުމުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި ކަމަށެވެ.

އެލްޖީއޭގެ އެންގުމަށް އަމަލުކޮށްފިނަމަ އެއީ “ޣައިރު ގާނޫނީ އަމުރަކަށް ތަބާވުން” ކަމަށް ވެދާނެތީ، އެ އެންގުމުގައިވާ ފަދައިން ކައުންސިލަރު ޒިޔާއުއަށް މުސާރަ ނުދޭން ނިންމޭކަށް ނެތް ކަމަށް އެ ގަރާރުގައި ވެއެވެ.

ތުޅާދޫ ކައުންސިލަރު ޒިޔާއު ހިމެނޭގޮތަށް ހަތް ކައުންސިލަރަކު މުސާރަ ނުލިބޭގޮތަށް ދެ މަހަށް ސަސްޕެންޑުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން މިމަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން އެބޭފުޅުން ހައްޔަރުކޮށްފައިވާތީ އެވެ.

comment ކޮމެންޓް