ޖަޕާނަށް 7.8 ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ ކަނޑުގެ އަޑިއަށް އައި ބިންހެލުން އައި ގޮތުގެ ޗަޓް --- ފޮޓޯ/ އެމެރިކަން ޖިއޮލޮޖިކަލް ސާވޭ

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ދެކުނުފަރާތު ކަނޑުގައި އޮންނަ އޮގަރަސަވާ ޖަޒީރާ ރަށްތަކުގެ ހުޅަނގު ސަރަހައްދުގެ ކަނޑުގެ 700 ކިލޯމީޓަރު އަޑިން، ރިކްޓަ މިންގަނޑުން 7.8 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.

މިބިން ހެލުން އިއިސްފަވަނީ އޮގަރަސަވާއާ 590 ކިލޯ މީޓަރު ދުރުން ޓޯކިޔޯއާއި 1000 ކިލޯ މީޓަރު ދުރުންނެވެ.

ޖަޕާނުގެ ގަޑިން ރޭގަނޑު 8:24 ގައި، ރާއްޖޭ ގަޑިން މިއަދު ހަވީރު 4:24 ހާއިރު އައި ބިންހެލުމުގައި ސުނާމީއެއް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ.

މީގެ އިތުރުން އެއްވެސް މީހަކަށް އަދި އެއްވެސް ތަނަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ޓޯކިޔޯގެ ބައެއް އިމާރަތްތަކަށް ބިންހެލުމުގެ އަސަރު ކުޑަ ހިނދުކޮޅަކަށް ކުރިކަމަށް ޖަޕާން ޓައިމްސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

ބިން ހެލުމާ ގުޅިގެން ޓޯކިޔޯގެ ނަރީޓާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދެ ރަންވޭ ވެސް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. އަދި ޓޯކިޔޯއާއި ގުޅިފައިވާ ބައެއް ރޭލް ދަތުރުގެ ޚިދުމަތްވެސް ވަނި ވަގުތީ ގޮތުން ހުއްޓާލަފާއެވެ. އަދި ޓޯކިޔޯގެ ސްޓޭޑިއަމްގައި ކުޅެމުން ދިޔަ ފުޓްބޯޅަ މެޗެއްވެސް ވަނީ ހުއްޓާލަފައެވެ.

ޓޯކިޔޯ ޔުނިވަސިޓީގެ، ބިންހެލުމާ ބެހޭ އެކްސްޕާޓެއް ކަމުގައިވާ ނައޮކީ ހިރަޓާ ޖަޕާންގެ ޕަބްލިކް ބްރޮޑްކާސާޓާ އެންއެޗްކޭ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ބިންހެލުމުގެ އަސަރު އެހާ ކުޑަކޮށް ކޮށްފައިވަނީ ކަނޑުގެ އެހާ އަޑިއަށް އައުމުން ކަމަށެވެ.

މީގެ ކުރިން 2011 ވަނަ އަހަރުގެ މާރިޗް މަހުގެ 11 ވަނަ ދުވަހު ކަނޑުގެ އަޑިން 30 ކިލޯމީޓަރު އަޑިން އައި 9.0 ގެ ބާރު ބިންހެލުމާ ގުޅިގެން އައި ސްނާމީގައި ޖަޕާނުން ވަނީ 15891 މީހުން ވަނީ މަރުވެފައެވެ. އަދި 6152 މީހުން ވަނީ ޒަހަމް ވެފައެވެ.

comment ކޮމެންޓް