މަކަރުން ފައިސާ ހޯދަމުން ދިޔަ މީހެއްގެ އިތުރު މައްސަލަތަކެއް އުޅޭތޯ ބަލަނީ

މާލެ، ދަފްތަރު، މުހައްމަދު ވަހީދު -- ފޮޓޯ ފޮޮލިސް

މަކަރާއި ހީލަތުން މީސް މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ނަގަމުން ގެން ދިޔަ ކަމުގެ ތުހުމަތުގައިި މިދިޔަ އަހަރު ހައްޔަރު މީހެއްގެ އެފަދަ އިތުރު މައްސަލަތަކެއް އުޅޭތޯ ބެލުމުގެ މަސައްކަތް ފުލުހުން ފަށައި އެވެ.

އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ދަފްތަރު، މުހައްމަދު ވަހީދު 52، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ކަމަށާއި އެމީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ އިން ގޯއްޗާއި ކާރު ވިއްކާނެ ކަމަށް ބުނެ އެކިއެކި މީސްމީހުންނަށް އޮޅުވާލައިގެން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެމީހާއާ ބެހޭ އެފަދަ އިތުރު އެއްވެސް މައްސަލައެއް އުޅޭ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކޮށްކޮށް ދިނުމަށް އެދި އެމީހާގެ ފޮޓޯ ފުލުހުންގެ ވެބްސައިޓްގައި ވަނީ އާއްމުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މީހާގެ މައްޗަށް ތުހުމަތުކުރެވޭ އެ ދެ މައްސަލަ ނޫނަސް އިތުރު ބައެއް މައްސަލަތަކުގައި އެކިއެކި ފަރާރްތަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މުހައްމަދު ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މަކަރާއި ހީލަތް ހެދުމުގެ އިތުރު ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ތަފާތު ގޮތްގޮތަށް މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް މުޖުތަމައުގައި އިތުރުވެފައިވާ ކަމަށާއި ގޯއްޗެއް ނުވަތަ ކާރެއް ފަދަ އަގުބޮޑު މުދަލެއްގެ ގަނެ ވިއްކުމުގެ މުއާމަލާތެއް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މައުލޫމާތެއްތޯ ބެލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް