ރޯދައަށް ހުޅުމާލޭގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެ -- ސަން ފައިލް ފޮޓޯ

ހުޅުމާލޭގައި ރޯދަ މަހަށް ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހުޅުމާލޭގައި ވަގުތީ ގޮތުން އަޅާ މި މިސްކިތަކީ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ހުސްބިމުގައި އަޅާ މިސްކިތެކެވެ. އެ މިސްކިތް އެޅުމުގެ މަސައްކަތް ފަށަފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ސަން އަށް ވިދާޅުވީ ނޭބާހުޑް2ގައި އަޅާ އެ މިސްކިތަކީ މިހާރު އެ ސަރަހައްދުގައި ހުރި މިސްކިތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އަޅާ މިސްކިތެއް ކަމަށާއި އެ މިސްކިތް އެޅުމުގެ މަސައްކަތް ކުރަމުން ގެންދަނީ އިސްލާމިކް މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން އެޗްޑީސީގެ ފަރާތުން ކަމަށެވެ.

"ނޭބާހުޑް2 ގައި ދިރިއުޅޭ 1000 އެއްހާ މީހުންނާއި އެ ސަރަހައްދުގެ ބީޗް ފްރަންޓްގައި ދިރިއުޅޭ މީހުންގެ ނިސްބަތަށް ބަލާއިރު އަދި މީގެ ކުރިން ރޯދަ މަަސްތަކުގައި ވެސް އެ ސަރަހައްދުގައި ހުންނަ މިސްކިތުގައި ވަނީ ޖާގައިގެ ދަތިކަން ކުރިމަތިވެފައި، އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އަޅާ ވަގުތީ ތަނެއް އެތަނަކީ،" ސައިމަން ވިދާޅުވި އެވެ.

ނޭބާހުޑް2 ގައި އަޅާ އެ މިސްކިތަކީ 800 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ހޮޅިޖަހައިގެން ހަދާ އެ ތަނުގައި ވަށައި ފާރުބުރިއެއް ލުމަށް ފަހު ކުނާ އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެތަނުގައި ވުލޫކުރާނެ އިސްކޫރު ބަރިއެއްގެ އިތުރުން ފާހާނާއެއް ވެސް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މާލޭގެ ދެގުނަ އަށް ވުރެ ބޮޑު ބިމެއް ހިމެނޭ ހުޅުމާލޭގެ އާބާދީގައި 35،000 އެއްހާ މީހުން މިޙާރު ދިރިއުޅެމުން އަންނަ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް