އެމްޓީސީސީ އިން ބޯނަސް ހިއްސާ ބަހަން ނިންމައިފި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން-- ސަން ފައިލް ފޮޓޯ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާއެއް ދިނުމަށް އެކުންފުނިން ނިންމައިފި އެވެ.

އެމްޓިސީސީ އިން ބުނީ އެ ކުންފުނީގެ ހިއްސާގެ މޫނުމަތީ އަގު 50 ރުފިޔާގެ ކޮންމެ ހިއްސާއަކަށް އެއް ހިއްސާ، ބޯނަސް ހިއްސާގެ ގޮތުގައި ދިނުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައި މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބޯނަސް ހިއްސާ ދިނުމަށް ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެކުންފުނިން ބުނީ ބޯނަސް ހިއްސާ ދިނުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ހިއްސާދާރުންނަށް ކަމަށެވެ. އެހެން ކަމުން ބޯނަސް ހިއްސާއާއެކު ހިއްސާދާރުންގެ ރަޖިސްޓަރީ އަޕްޑޭޓްކުރުމަށް ޓަކައި ހިއްސާދާރުންގެ ރަޖިސްޓަރީ، އަންނަ ހޯމަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ނިޔަލަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާއަކަށް 20 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފަ އެވެ. އެމްޓީސީސީ އަށް ވަނީ ފާއިތުވި އަހަރު ރިކޯޑް މިންވަރަކަށް ފައިދާވެފަ އެވެ. އެގޮތުން ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް އެ އަހަރު 81.6 މިލިއަން ރުފިޔާ ވަނީ ލިބިފަވެ އެވެ.

comment ކޮމެންޓް