" އެބޯލާ އެނބުރި އަންނާނެ"

އެބޯލާ ބަލީގެ މީހުންނާ މުއާމަލާތް ކުރުމަށް ސިއްހީ އެހީތެރިން ތަކެއް ތައްޔާރުވަނީ. ފޮޓޯ: އޭއެފްޕީ

ހުޅަނގު އެފްރިކާގެ ގައުމުތަކުގައި ބާރަށް ފެތުރެމުން ދިއުމަށް ފަހު މިހާރު ކޮންޓްރޯލް ވެފައިވާ ނުރައްކާތެރި އެބޯލާ ބަލި އަދި އެނބުރި އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް 1976 ވަނަ އަހަރުން ފެށިގެން އެބަލި ދިރާސާ ކުރައްވަމުން ގެންދަވާ ސައިންސްވެރިއަކު ވިދާޅުވެއްޖެ އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުގައި ފެތުރޭ ގައިންގަޔަށް އަރާ ބަލިތައް ދިރާސާ ކުރެއްވުމުގެ ދާއިރާ އިން ބައިނަލް އަގުވާމީ އެވޯޑެއް މިއަހަރު ހާސިލުކުރައްވާފައިވާ ޖީން ޖެކްސް މިޔެމްބޭ ވިދާޅުވި ކަމަށް އޭއެފްޕީ ބުނީ ކުރިއަށް އޮތް 10 ނުވަތަ 20 އަހަރު ތެރޭގައި ބަލި އަނެއްކާ ވެސް ފެތުރެން ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮންގޯގެ އެ ސައިންސްވެރިޔާ އަކީ 1976 ވަނަ އަހަރު އެބޯލާ ފުރަތަމަ ފެތުރުނު އިރު އެބަލީގެ މީހުންނަށް ފަރުވާ ކުރެއްވުމުގައި އުޅުއްވި ޑޮކްޓަރެކެވެ. އެބަލީގެ ވައިރަސް ދެނެގަތުމަށް ކުރި ޓެސްޓް ކުރީވެސް ބަލިމީހެއްގެ ގައިން އޭނާ ނެންގެވި ލޭގެ ސާމްޕަލަކުންނެވެ.

"... 10 ނުވަތަ 20 އަހަރު ތެރޭގައި ބަލި އަލުން އިއާދަވާނެ، އަހަރެމެން އެކަމަށް ތައްޔާރުވެ ތިބެން ޖެހޭނެ،" މުޔެމްބޭ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ އެންމެ ފަހުން ބަލި ފެތުރުނު ދުވަސްވަރު ޖަންގަލިތަކުގެ އެންމެ އެތެރޭގައި ބަލީގެ ވައިރަސް ރައްކާވެފައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން ވާލުގެ ހަށިގަނޑުގައި ނުވަތަ ރާމާ މަކުނުގެ ހަށިގަނޑުގައި ވައިރަސް ހުރެދާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެބޯލާ ބަލި ދެފަހަރެއްގެ މަތިން އެފްރިކާގައި ފެތުރުނެވެ. އެގޮތުން އެންމެ ފަހުން ފެތުރުނު ފަހަރު (މިދިޔަ އަހަރު) އެބަލީގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުން 11000 މީހުން މަރުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު