ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

 އަތޮޅު ފެންވަރުގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ރަށެއްގެ ޓީމަކުން، ޓީމްގެ ސްކޮޑް އިޢުލާން ކުރުމާއި ޒޯޒީ ތާރަފް ކުރުމަށް ބޭއްވި ހަފުލާއެއްގެ ތެރެއިން: އެފްއޭއެމްއިން ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ހޯމް އެންޑް އަވޭ އުސޫލުން ފުޓްބޯޅަ މުބާރަތެއް ބޭއްވުމަށް އިޢުލާން ކޯށްފައި --- ފޮޓޯ/ އަޙްމަދު ރިޔާޒު. ދިޔަމިގިލީ ފޭސްބުކް ގުރޫޕް

ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް އެފްއޭއެމްއިން ހުޅުވާލައިފިއެވެ.

އެފްއޭއެމްއިން ބުނެފައިވަނީ މީއީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާނެ މުބާރާތެއް ކަމަށެވެ.

ސަން ޓީވީ ސްޕޯޓްސް ގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ މުޙައްމަދު ޝިޔާޒު (މޯހަން) ވިދާޅުވީ ކޮންމެ ރަށަކުންވެސް އެ މުބާރަތުގައި ބައިވެރިވެވޭނީ އެއް ޓީމަށް ކަމަށާއި އެޓީމް ވާން ޖެހޭނީ އެރަށުގެ ނަމުގައި ބައިވެރިވާ ޓީމަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޓީމްގެ ހުރިހާ އިންތިޒާމް ތަކަކާއި އެރަށެއްގައި ކުޅޭ މެޗްގެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ އެރަށެއްގެ ކައުންސިލުގެ ޒިންމާއެއް ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ސިޓީ ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ ޖޫން މަހުގެ 11 ވަނަ ދުވަހެވެ. ސިޓީ ފޮނުވަންޖެހޭނީ ރަށު ކައުންސިލް އިދާރާގެ ފަރާތުން އެފްއޭއެމްއަށެވެ.

މޯހަން ވިދާޅުވީ ބައެއް ރަށްރަށުގައި މެޗް ކުޅޭނެ ރަނގަޅު ދަނޑެއް ނެތް ކަމަށާއި އެހެން ކަމުން އެރަށަކުން އެރަށެއްގެ ހޯމް ދަނޑުގެ ގޮތުގައި ކައިރީ ރަށެއްގެ ދަނޑެއްވެސް ހަމަޖެއްސިދާނެ ކަމަށެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހި ފައިވަނީ 'މިނިވަން 50 ފުޓްބޯޅަ ޗެމްޕިއަންޝިޕް' ގެ ނަމުގައެވެ.

comment ކޮމެންޓް