"މަދިރި ރުޅި ރުޅި" ކެމްޕޭންގެ ދަށުން ވިލިމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މިއަދު ވިލިމާލޭގައި ފެށި ސާފު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން: އެ ޕްރޮގްރާމްގައި ހެލްތު މިނިސްޓަރު އަމަލީ ގޮތުން ބައިވެރިވަނީ--- ސަން ފޮޓޯ: ހާފިޒް

މުޅި ރާއްޖެ އިން މަދިރި ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށާފައިވާ "މަދިރި ރުޅި ރުޅި" ކެމްޕޭނުގެ ދަށުން ވިލިމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ވިލިމާލޭގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ އެ ހަރަކާތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ސޭވް ދަ ބީޗް އާއި ހޮސްޕިޓަލުތަކުގެ ފަރާތްތަކުންނާއި ޑޮކްޓަރުންގެ އިތުރުން އާންމުންގެ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

ވިލިމާލޭގެ ދެ ސަރަހައްދެއްގެ ގޮތަށް ބަހާލައިގެން ސާފު ކުރުން ކުރިއަށްދާ އިރު އެކަމުގައި ބައިވެރިވި ފަރާތްތަށް ވަނީ ދެ ބަޔަކަށް ބަހާލާފަ އެވެ. އެގޮތުން މިއަދުގެ ޕްރޮގްރާމްގެ ދަށުން ސާފު ކުރެވޭނީ ބޯޅަދަނޑާއި ބާސްކެޓުބޯޅަ ކޯޓު އަދި އަތިރިމަތި ސަރަހައްދުން ކުނި ނަގާނެ އެވެ.

ސާފުކުރުން ކުރިއަށްދާ އިރު އެ ސަރަހައްދުތަކަށް އުކާލެވިފައި ހުންނަ ފުޅި، ދަޅު ފަދަ ކުނިބުނި ނަގައި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލައި ސާފުކުރާނެ އެވެ. އަދި ނެގުމަށް ފަހު އެ ހުރިހާ ކުންޏެއް ބޯޅަދަނޑަށް ޖަމާކޮށް ހަމަޖެހިފައިވާ އުސޫލުގެމަތިން ކުނި ނައްތާލާނެ އެވެ.

އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ މާލެއާއި ރަށްރަށުގައި މިހާރު ކުރިއަށްދާ ޕްރޮގްރާމްއަކީ މޭ 16 އިން ފެށިގެން ނުވަ ހަފްތާއަށް ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.

މަދިރި ރުޅި ރުޅި ޕްރޮގްރާމް އަކީ އެޗްޕީއޭ އިން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން މޭ 16 ގައި ވަނީ ހުޅުމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއްވެސް ބާއްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު