ސައޫދީ ޖާސޫސީ އިދާރާއާއި ސަލާމަތީ ބާރުތަކުގެ މަސައްކަތް ބަރާބަރު ކަމަށް އެގައުމުން ބުނެފި

ސައޫދީ އަރަބިޔާގެ ދައްމާމްގައި އިއްޔެ ގޮއްވާލި ކާރުބޮން

ރިޔާޒް (މެއި 29) : ސައޫދީ އަރަބިއާގެ އިރުމަތީ ސަރަހައްދުގެ ވެރިރަށް ދައްމާމުގެ ޝިއައީންގެ މިސްކިތަކަށް އަމާޒުކޮށް އިއްޔެ ދިން ޙަމަލާގައި ހަތަރު މީހުން މަރުވެފައި މިއީ ހަފްތާއެއްގެ ތެރޭގައި އެގައުމަށް ދިން މިފަދަ ދެވަނަ ޙަމަލާކަމަށް ވިޔަސް އެއީ ސައޫދީ ސަލާމަތީ ބާރުތަކުގެ ނާކާމިޔާބީ އެއްކަމަށް ގަބޫލުކުރުމަށް އެގައުމުގެ ދާޚިލީ ވުޒާރާއިން ދެކޮޅު ހަދައިފި އެވެ.

ސައޫދީ ދާޚިލީ ވުޒާރާގެ ތަރްޖަމާނަކު ވިދާޅުވީ ސައޫދީ ސަލާމަތީ ބާރުތަކުގެ މަސައްކަތް ބަރާބަރު ކަމަށާ ސަލާމަތީ ބާރުތަކާއި ޖާސޫސީ އިދާރާގެ ޕްލޭންތަކާއި މަސައްކަތްތަކުގައި އެއްވެސް މައްސަލައެއް އުޅޭކަމަށް ގަބޫލުކުރެވެން ނެތްކަމުގަ އެވެ.

އިއްޔެގެ ހުކުރު ވަގުތު ދައްމާމުގެ ޝިއައީންގެ އަނޫދު މިސްކިތަށް އަމާޒުކޮށް އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާ އެމިސްކިތަށް ވާސިލްވެފައެއް ނުވެ އެވެ. ސައޫދީ ދާޚިލީ ވުޒާރާ ބުނާ ގޮތުން މިޙަމަލާދޭން އުޅޭކަމަށް ޝައްކުކުރެވިގެން ސައޫދީ ސަލާމަތީ ބާރުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އަމިއްލައަށް މަރުވެގެން ދިން ކާރުހަމަލާގައި ކާރުގޮއްވާލާފައިވަނީ އެމިސްކިތާ ތަންކޮޅެއް ދުރުގަ އެވެ.

އެހެންކަމުން އެތަށް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީ ސަލާމަތީ ބާރުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ދާޚިލީ ވުޒާރާއިން ބުނެ އެވެ. ނަމަވެސް މުސްތަގިއްލު ރިޕޯޓްތައް ބުނާގޮތުން އައިއެސްގެ ހަނގުރާމަވެރިޔާގެ ޙަމަލާ މިސްކިތަށް ނުފޯރީ އާންމުންނަށް ލިބުނު މައްލޫމާތަކާ ގުޅިގެން އެމީހުން އެކަން ސަލާމަތީ ބާރުތަކުގެ ސަމާލުކަމަށް ގެނަސްގެންނެވެ.

އައިއެސްއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި އެ ޖަމާއަތުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާ ފައެވެ. އަމިއްލައަށް މަރުވެގެން މި ހަމަލާ ދިނީ އަބޫ ޖަންދަލްއަލްޖަޒްރާވީ ނަމަަކަށް ކިޔާ "މުޖާހިދަކު" ކަމަށް ވެސް އައިއެސްއިން ބުނެއެވެ.

ސައޫދީ ރަސްމީ ނިއުސް އެޖެންސީ، ބުނާގޮތުން ބޮންގޮއްވާލައި އަމިއްލައަށް މަރުވެފައިވަނީ އަންހެން ހެދުމެއް އަޅައިގެން އަންހެނަކަށް ހެދިގެން އޮޅުވާލައިގެން އުޅުނު އައިއެސްގެ މީހެކެވެ. ސައޫދީ އިރުމަތީ ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހުގެ ކުރީ ހުކުރު ދުވަހު ވެސް ޝިއައީ މިސްކިތަކަށް އަމާޒުކޮށް އައިއެސް އިން ޖާނުގޮއްވާލުމުގެ ހަމަލާއެއްދީ 21 މީހުން މަރާލާފައިވެެ އެވެ. މިޙަމަލާގެ ޒިންމާ އުފުލާފައި ވެސް ވަނީ އައިއެސް އިންނެވެ.

އިސްލާމީ ޝަރީޢަތާ އަދި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކަށް ގޮންޖަހައި މުސްލިމުންނާ ދެކޮޅަށް ގަތްލުއާންމުތައް ހިންގަމުން ގެންދާ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތަކީ މުސްލިމުންނަށާއި އިސްލާމް ދީން ހަލާކުކުރުމަށް ޣައިރު މުސްލިމުން ފަންޑް ދީގެން ހަރާކާތްތެރިވާ ޖަމާއަތެއްކަމަށް އިސްލާމީ ދަންނަބޭކަލުންނާއި އިސްލާމީ ގައުމުތަކުން ދެކެއެވެ. ދާދިފަހުން ވަނީ އައިއެސްގެ ލޯގޯތަކަކާއި އެލޯގޯތައް ޖަހާފައިވާ އަނގޮޑިތަކެއް އިސްރާއީރާއީލުގެ ޑޭވިޑް ބެންގޯރިޔޮން އެއަރޕޯރޓުން ފެނިފަ އެވެ.

އައިއެސް އަކީ މުސްލިމް އަސީރުންވެސް ދިރިތިއްބައި އަލިފާނަށްލައިގެން އަންދަމުން ގެންދާ ޖަމާއަތެކެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު