ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުން ނުހިމެނޭ އެއްބަސްވުމެއްގައި ސޮއެއްނުކުރާނަން: އީރާން

އީރާނުގެ ޚާރިޖީ ވަޒީރު ޑރ. ޒަރީފް އާއި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރު މޮގިރީނީ

ތެހެރާން (މޭ 30) : އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުން ނުހިމެނޭ އެއްބަސްވުމެއްގައި ސޮއި ނުކުރާނެ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު އައްބާސް އިރާގްޖީ ވިދާޅުވީ ނިއުކްލިޔާ މައްސަލަ ހައްލު ކުރުމުގެ ފުރިހަމަ އެއްބަސްވުމަކަށް ނޫނީ އީރާން ނުދާނެ ކަމަށާއި ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުން ނުހިމެނޭ އެއްބަސްވުމެއްގައި އީރާން ސޮއިނުކުރާނެ ކަމުގަ އެވެ. އެހެންކަމުން އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމުގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ކުރިޔަށްދާ ވާހަކަތައް އަންނަ ޖޫން މަހަށް ވުރެ ފަހަތަށް ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް އިރާގްޖީ ވިދާޅުވި އެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމުގެ ދާއިމީ އެއްބަސްވުމެއް ވުޖޫދަށް ގެނައުމުގެ ވާހަކަތައް އެގައުމުގެ ކަމާބެހޭ މަސްއޫލުވެރިންނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ޖެނީވާގައި ކުރިޔަށްދާ އިރު މިހާތަނަށް ޙައްލު ނުކުރެވި ހުރި މައްސަލަތަކުގެ ތެރޭގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ތާރީޚުތަކުގެ މައްސަލަ ހިމެނެ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އެއްފަހަރާ އުވާލަން އީރާން ބޭނުންވާ އިރު އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ބޭނުންވަނީ މަރްޙަލާތަކަކަށް ބަހާލައިގެން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ. އަނެއްކޮޅުން ޖެނީވާގެ ވާހަކަތަކުގައި ބައިވެރިވާ އެމެރިކާގެ ވަފްދުގެ މަސްއޫލުވެރިއަކު ވިދާޅުވެފައި ވަނީ ނިއުކްލިޔާ ވާހަކަތައް އަންނަ ޖޫން މަހަށް ވުރެ ފަހަތަށް ގެންދިޔުމުގެ އެއްވެސް ވިސްނުމެއް އަދި ނެތްކަމުގަ އެވެ. ނަމަވެސް ރަޝިޔާ އިން ވަނީ ޖޫންގެ ނިޔަލަށް އެއްބަސްވުމަކަށް ނުދެވިއްޖެ ޙާލަތެއްގައި ޖޫން މަހަށް ވުރެ ފަހަތަށް ދިޔުން ނޫން ޙައްލެއް ނޯންނާނެ ކަމަށާ ޖޫންގެ ނިޔަލަށް ވާހަކަތައް ކޮޅެއްގައި ނުޖެހުނު ނަމަވެސް ވާހަކަތައް އެއްކޮށް ކެންސަލް ކުރެވެންނޯންނާނެ ކަމަށް ބުނެފަ އެވެ.

ނިއުކްލިޔާ ވާހަކަތައް ޖޫން މަހަށް ވުރެ ފަހަތަށް ވާހަކަތައް ނުގެންދާނެ ކަމަށްބުނެ އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކުން ބަޔާންތައް ދެނީ މިމުއްދަތުގައި އެއްބަސްވުމަކާ ހަމައަށް ދިޔުމަށްޓަކައި ދޫދިނުމަށް އީރާނަށް މަޖްބޫރު ކުރުމުގެ ގޮތުންކަމަށް ބެލެވޭކަމަށް މުރާސިލުން ބުނެ އެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު