ޗައިނާގައި 26 ކުއްޖަކު ރޭޕްކުރި ޓީޗަރަކަށް މަރުގެ އަދަބު ދީފި

ޗައިނާގެ ދިދަ --

ޗައިނާ ޕްރައިމަރީ ސްކޫލެއްގެ 26 ކުއްޖަކު ރޭޕްކޮށް ޖިންސީ އަނިޔާކުރި ޓީޗަރަކަށް މަރުގެ އަދަބު ދީފި އެވެ.

ޗައިނާގެ އެންމެ މަތީ ކޯޓު، ސުޕްރީމް ޕީޕަލްސް ކޯޓުން ލީ ޖީޝަން ނަމަކަށް ކިޔާ އެ މީހާ އަށް މަރުގެ އަދަބު ދީފައިވަނީ އިއްޔެ އެވެ.

އޭނާ މެރުމަށް ކޯޓުން ހުކުމް ކުރީ 2011 އަދި 2012 ވަނަ އަހަރާ ދެމެދު ގަންސޫ ޕްރޮވިންސްގެ އަވަށު ޕްރައިމަރީ ސްކޫލަކަށް ކިޔަވައިދޭން އުޅުނު އިރު، އޭނާ ކިޔަވައިދިން 26 ކުއްޖަކު ރޭޕްކޮށް އެކުދިންނަށް ޖިންސީ އަނިޔާކުރިކަމުގެ ކުށް ސާބިތުވުމުންނެވެ.

އުމުރުން ޅަ އަދި އަވަހަށް ބިރު ގަންނަ ކުދިންގެ ފައިދާ ނަގައިގެން، އޭނާ ރޭޕްކޮށް ޖިންސީ އަނިޔާކޮށްފައި ވަނީ އުމުރުން ހަތަރު އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށެވެ. ބައެއް ކުދިންނަށް ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ވެސް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ލީ އަތުލައިގަތީ ކިހިނެތް ކަމެއް ބުނެފައެއް ނުވެ އެވެ.

ސުޕްރީމް ޕީޕަލްސް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރޭޕްކުރި ކުދިންނަށް ލިބުނު އަނިޔާއާއި އެކަމުގެ ސަބަބުން މުޖުތަމައުގެ ފަރާތުން ލިބުނު ލަނދުގެ ސަބަބުން ލީ އަށް ދެވެން އޮތް އެންމެ ބޮޑު އަދަބަކީ މަރުގެ އަދަބު ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޗައިނާގެ ސުޕްރޯމް ޕީޕަލްސް ކޯޓުން ބުނާ ގޮތުން، ވޭތުވެ ދިޔަ އަހަރުތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ޗައިނާގައި ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން 2012 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު ކުޑަކުދިންނަށް ޖިންސީ ކޮށްގެން ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ 40 ޕަސެންޓަށް އިތުރުވެފަ އެވެ.

comment ކޮމެންޓް