ޕްރިންސް އަލީ ނަންފުޅު ގެންދެވުމުން ބްލެޓާ ރައީސްކަން ދިފާއު ކުރައްވައިފި

ބްލެޓާ: ފީފާގެ ރައީސް ކަމަށް ފަސް ވަނަ ދައުރަކަށް ވަނީ އިންތިހާބުވެވަޑައިގެންފައި-- ފޮޓޯ: އޭޕީ

(ޒިއުރިކް،ސްވިޒަލޭންޑް. އޭޕީ) ފީފާގެ ރައީސްކަން ގެއްލުމުގެ ބިރު ހީވެފައިވާ ސެޕްބްލެޓާ އާއެކު އިންތިހާބުގެ ދެ ވަނަ ބުރަށް ވަޑައިގެންނެވި ޕްރިންސް އަލީ ބިން ހުސައިން ނަންފުޅު އަނބުރާ ގެންދެވުމުން ބްލެޓާ މަގާމު ދިފާއު ކުރައްވައިފި އެވެ.

ފީފާގެ އިސް އޮފިޝަލުންތަކެއްގެ ކޮރަޕްޝަން މައްސަލަތަކެއް ސްވިޒަލެންޑްގައި ތަހުގީގު ކުރަމުން ދަނިކޮށް ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ބްލެޓާއަށް 133 ވޯޓް ލިބިވަޑައިގެންނެވި އިރު ފީގާގެ ނައިބު ރައީސްކަމުގައި ހުރި ޕްރިންސް އަލީއަށް ލިބިވަޑައިގަތީ 73 ވޯޓެވެ. ނަމަވެސް ބްލެޓާއަށް ފުރަތަމަ ބުރުން ރައީސްކަން ލިބިވަޑައި ނުގަތީ ހަތް ވޯޓް މަދުވެގެންނެވެ.

ފީފާގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދަނީ-- ފޮޓޯ/ އޭޕީ

ފީފާގެ ރައީސްކަމުގެ މަގާމަށް ފަސް ވަނަ ދައުރައަކަށް ބްލެޓާ އިންތިހާބުވެވަޑައިގެންނެވީ ފީފާގެ އިސް އޮފިޝަލުންތަކެއްގެ ކޮރަޕްޝަން މައްސަލަތަކެއް ބަލަމުން ދާތީ އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ބައެއް ގައުމުތަކުން ގޮވަމުން ދަނިކޮށެވެ.

އިންތިހާބުގެ ކުރިން ބްލެޓާ ވައުދުވެވަޑައިގެންފައި ވަނީ އޭނާ އަލުން މަގާމަށް ހޮވައިފި ނަމަ ފީފާގެ މަސައްކަތްތައް މިހާރަށް ވުރެ ދެފުށް ފެންނަ ފޮތަށް ކުރައްވާނެ ކަމަށެވެ. ފީފާގެ ރައީސް ކަމުގެ މަގާމު ފަސް ވަނަ ދައުރަކަށް ހޮވުމުން ބްލެޓާ ވިދާޅުވީ އޭނާއަކީ އެންމެ ފުރިހަމަ މީހާ ނޫން ކަމަށާއި އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން ކަމަށެވެ. އަދި ހަތަރު އަހަރު ދުވަސް ފަހުން އެހެން މީހަކާ ފީފާ ހަވާލުކުރާނީ މިހާރަށް ވުރެ ރަނގަޅު ތަނަކަށް ހަދާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފީފާގެ ރައީސް ކަމުގެ މަގާމަށް ފަސް ވަނަ ދައުރަކަށް އިންތިހާބުވަޑައިގެންނެވި ބްލެޓާ (ކ) އާއި އޭނާއެކު އިންތިހާބުގައި ދެ ވަނަ ބުރަކަށް ވަޑައިގެންނެވި ޕްރިސް އަލީ (ވ)

comment ކޮމެންޓް