އަދާލަތުން ވަކިވުމަށް މި ދަނީ ވިސްނަމުން، ބޭނުންވަނީ ދީން ކުރިއަރުވަން: ޝަހީމް

މި ސަރުކާރުގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: އަދާލަތު ޕާޓީން ވަކިވުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި އަދި ބޭނުން ވަނީ އިޖުތިމާއީ ދާއިރާއަށް ހިދުމަތް ކުރުމަށް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައި-- ސަން ފައިލް ފޮޓޯ

އަދާލަތު ޕާޓީން ވަކިވުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި ބޭނުންފުޅުވަނީ އިޖުތިމާއީ މަސައްކަތަށް ނުކުމެ ދީން ކުރިއަރުވުމަށް ކަމަށް އިސްލާމިކް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމްގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ ޕާޓީން ވަކިވުމުގެ ވިސްނުމެއް ގެންގުޅެމުން އަންނަ ކަމަށެވެ. އަދި މުސްތަގުބަލުގައި ގައުމަށް ރަނގަޅު ޖީލެއް ބިނާ ކުރުމުގެ މަސައްކަތް ފަށަން ބޭނުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އިސްލާމީ ދާއިރާއާ ތައުލީމީ ދާއިރާގެ އިތުރުން އިޖުތިމާއީ މަސައްކަތްތަކުން މުސްތަގުބަލުގައި ފެނިގެން ދާނެ ކަމަށެވެ.

ޝަހީމް މިއަދު ކުރައްވައިފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީން ވަކިވާން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ "ސައްހަ ވާހަކަ"އެއް ކަމަށާއި އާދިއްތަ ދުވަހު އެ ޕާޓީއާ ވަކިވުމަށް ސިޓީ ފޮނުވާނެ ކަމަށެވެ.

"ސިޔާސީ މަޝްރަހުގައި އެކަށީގެންވާ ވަރަށް ދީނީ އިލްމުވެރިން އެބަތިއްބެވި ނަމަވެސް މި ދެންނެވި ކަންކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތްތައް ކުރެވެން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އަޅުގަނޑުގެ ވިސްނުމަކީ ޖަމިއްޔާއެއްގެ ތެރެއިން މި އީޝާރާތް ކުރެވުނު މަސައްކަތް ކުރުމަށް އަޅުގަނޑު ހުސްވުން. އެންމެހާ ސިޔާސީ ހުރަސްތަކުން ސަލާމަތްވެ އަދި އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނުގެން ގުޅުން. ޖަމިއްޔާއެއް އުފައްދާ އަރަބި ގައުމުތަކާ ގުޅުން ބަދަހިކޮށް އެހީތެރިކަން ހޯދައި އިސްލާމް ދީނަށާއި ގުރުއާނުގެ އިލްމު ފެތުރުމަށާއި އިންސާނީ އެހީ ދިނުމަށާއި ޒުވާނުން ބިނާ ކުރުމަށް ހުސްވާން ބޭނުން،" ޝަހީމް ވިދާޅުވެފައިވެ އެވެ.

އަދާލަތު ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީމް(ކ) ވާހަކަފުޫދައްކަވަނީ: ސަން ފައިލް ފޮޓޯ

ޝަހީމްގެ ސްޓޭޓަސްގައި ވިދާޅުވެފައި ވަނީ ސިޔާސީ މަޝްރަހުން ބޭރުން އިސްލާމީ ހިދުމަތް ދޭން ބޭނުންވާ ކަމަށެވެ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކާ ވެސް އަދި އެ ޕާޓީއެއްގެ އެއްވެސް މެމްބަރަކާ މެދުވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ. އަދި އެ ހުރިހާ ފަރާތްތައް ދެކެ އިންތިހާއަށް ލޯބިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވިސްނުމާއި އެއްގޮތަށް ފުލް ކެޕޭސިޓީގައި މަސައްކަތް ކުރުމަށް އަޅުގަނޑު ބޭނުން. ސިޔާސީ މަޝްރަހުގައި މިކަންކަމަށް މިއަދު ވަނީ ހުރަސްތައް މެދުވެރިވެފައި،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީއަކީ އޭނާ ވަރަށް ލޯބިވާ ޕާޓީއެއް ކަމަށާއި އަދި އެ ޕާޓީގައި ވަނީ ވަރަށް ގާތް އެކުވެރިންތަކެއް ކަމަށެވެ. އަދި އެޕާޓީގެ އެއްވެސް ފަރާތަކަށް ގެއްލުމެއް އަދި ދެރައެއް ވެސް ލިބުން ނޭދޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ހާއްސަކޮށް ޝެއިހު އިމްރާނަކީ އަޅުގަނޑުގެ ވަރަށް ގާތް އަހެއް. ހިޔާލު ތަފާތުވި ނަމަވެސް އެބޭފުޅާއަށް އަޅުގަނޑު ވަރަށް ގަދަރުކުރަން. އިހުތިރާމު ކުރަން. ވަރަށް ގިނަ ދުވަސް ވީ އެކުވެރިއެއް. އަދި ޝެއިހު އިލިޔާސް ފަދަ އިލްމުވެރިޔަކީ އަޅުގަނޑު ވަރަށް ލޯބިވާ ބައެއް. އިސްލާމީ ކޮންމެ ކަމެއްގައި އަޅުގަނޑުގެ އެހީތެރިކަން އޮންނާނެ. އަދާލަތު ޕާޓީއަށް ވެސް އަދި ކޮންމެ ބަޔަކަށް ވެސް،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާއާ ހިޔާލު ތަފާތުވެފައި ތިއްބެވި ފަރާތްތަކަށް ބުރަ ބަހެއް ދަންނަވަން ބޭނުން ފުޅު ނުވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ވެސް އޭނާއާ މެދު ހެޔޮކޮށް ވިސްނުމަށް ޝަހީމް ވަނީ އެ ލިޔުމުގައި ވިދާޅުވެފައި އެވެ.

މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ޝަހީމް ހާމައެއް ނުކުރައްވަ އެވެ. އިސްލާމިކް މިނިސްޓަރު ކަމުން ޝަހީމް އިސްތިއުފާ ދެއްވާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

comment ކޮމެންޓް