ދާހިލީ ހަނގުރާމައިގައި ސޫރިޔާގެ ކުޑަކުދިންގެ ޖީލެއް ފަނާވެގެން ހިނގައްޖެ: އދ

އދ. މަޖިލިސް (މޭ 29) : ފަހުގެ ތާރީޚެއްގައި ގައުމެއްގެ ރައްޔިތުންނަށް ލިބިފައިނުވާވަރުގެ ބޮޑު ގެއްލުމަކާއި ނިކަމެތިކަމެއް ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނަށް ލިބިގެން ހިނގައްޖެ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެއްޖެއެވެ.

ބާންކީމޫން ވިދާޅުވީ ހަތަރު އަހަރުވެފައިވާ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ކުޑަކުދިންގެ ޖީލެއް ފަނާވެގެން ހިނގައްޖެ ކަމަށާއި އަދި އެ ގައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައަށްވުރެ ގިނަމީހުންގެ ގެދޮރު ހަލާކުވެ ޙާލުގައިޖެހި ރެފިއުޖީންނަށް ވެފައިވާކަމުގަ އެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ނުރައްކާތެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ އެހަނގުރާމައިގާ ސޫރިޔާގެ ގިނަ ސްކޫލްތައް ހަލާކުވުމުގެ ސަބަބުން ސޫރިޔާގެ ކުޑަކުދިންގެ ތެރެއިން 50 އިންސައްތަ ބޮޑުވަމުންދަނީ ސްކޫލަށް ދިޔުމާއި ތައުލީމް ޙާސިލް ކުރުމުގެ ފުރްސަތު ނުލިބިކަމުގައެވެ. އަދި ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ގިނަކުދިންގެ މައިންބަފައިން ގެއްލިފައިވާ ކަމަށާ ނަތީޖާއެއްގެ ގޮތުން ސޫރިޔާގެ ކުޑަކުދިން ޖީލެއްގެ ބޮޑުވަމުންދަނީ ތައްލީމް ޙާސިލްކުރުމާއި މައިންބަފައިންގެ އޯގާތެރިކަމާއި ތަރްބިއްޔަތުން މަހްރޫމްވެފައިވާ ޙާލަތުގައި މުސްތަގްބަލް ގެއްލިފައިވާ ޖީލެއްގެ ގޮތުގައިކަމަށް ބާންކީ މޫން ވިދާޅުވިއެވެ. ބާންކީމޫން ވިދާޅުވީ ހަނގުރާމަ ހުއްޓިދާނެ ކަމުގެ ހުރިހާ އުންމީދެއް ސޫރިޔާގެ ރައްޔިތުންނަށް މިހާރު ގެއްލިފައިވާ ކަމުގައެވެ.

ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ރައްޔިތުންގެ ތެރެއިން 230،000 މީހުން މަރުވެ ދެ މިލިޔަނަށްވުރެ ގިނަމީހުން ޒަޚަމްވެ ނުކުޅެދޭމީހުންނަށް ވެފައިވާއިރު ސޫރިޔާގެ އާބާދީގެ ތެރެއިން ބާރަމިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅެންޖެހިފައިވަނީ ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ އިންސާނީ އެހީގައި ކަމުގައެވެ. ބާންކީ މޫން ވިދާޅުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައާއެކު ފަހުގެ ތާރީޚެއްގައި ދުނިޔެއިން ނުފެންނަވަރުގެ އަނިޔާވެރި އަދި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ ޖަމާއަތްތައް އުފެދިގެން ހިނގައްޖެ ކަމަށާ މީގެތެރެގައި އައިއެސްގެ ނަމުން ނަންދީފައިވާ ނުރައްކާތެރި އަދި ހައްދުފަހަނަޅާފައިވާ ޖަމާއަތް ހިމެނޭކަމުގަ އެވެ.

ސޫރިޔާގެ ޙާލަތު މިގޮތަށްހުރިނަމަވެސް އެގައުމުގެ ދާޚިލީ ހަނގުރާމައަށް އަސްކަރީ ޙައްލެއް ނުގެނެވޭނެ ކަމަށާ ސޫރިޔާގެ ސަރުކާރާއި އެގައުމުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ވާހަކަދައްކައިގެން ގެނެވޭ ސިޔާސީ ޙައްލަކުން ނޫނީ ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނުހުއްޓުވޭނެ ކަމަށް ބާންކީ މޫން ވިދާޅުވިއެވެ. ރެފިއުޖީންނާބެހޭ އދ. ގެ ހައިކޮމިޝަނުން ބުނާގޮތުން ސޫރިޔާގެ އާބާދީގެ ކޮންމެ ފަސްމީހެއްގެ ތެރެއިން ހަތަރުމީހުން ދިރިއުޅެނީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ނުލިބި ފަގީރު ޙާލަތުގައެވެ. އަދި ކުޑަކުދިންގެ ތެރެއިން 50 އިން ސައްތަ ކުދިން ސްކޫލަށް ދިޔުމުގެ ފުރްސަތު ނުލިބި ތައްލީމުން މަހްރޫމްވެފައިވާ ޙާލަތުގައި ބޮޑުވަމުންދާއިރު އެގައުމުގެ ރައްޔިތުންގެ ތެރެއިން 9.5 މިލިޔަން މީހުން ދިރިއުޅެން ޖެހިފައިވަނީ ރެފިއުޖީންގެ ގޮތުގައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ދިޔައީ ބައްޝާރުގެ ވެރިކަމާ ދެކޮޅަށް އާންމު ރައްޔިތުން ނުކުތުމާއެކު އެކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން އެގައުމުގެ އިދިކޮޅު ފަރާތްތައް ވެރިކަމަށް އަންނަން މަސައްކަތް ކުރުމެވެ. މިކަމަށް އިދިކޮޅު ފަރާތްތަކަށް ހިއްވަރުދިނީ ގަލްފުގެ އަރަބި ގައުމުތަކުންނާއި ހުޅަނގުންނެެވެ. ނަމަވެސް ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާފަދަ ހުޅަނގުގެ ގައުމުތަކަކީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާދެކޮޅަށް މިސްރުގެ ރައްޔިތުން ނުކުތުމުން އެކަމަށް މަރްޙަބާ ކިޔާފައިނުވާ ގައުމުތަކެކެވެ.

ނަމަވެސް ބައްޝާރުގެ ވެރިކަމާ ދެކޮޅަށް އާންމު ރައްޔިތުން ނުކުތުމާއެކު އެކަމަށް ހިއްވަރުދީ އަދި ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެންމެފަހުން ހަތިޔާރުދީގެން ރައްޔިތުންގެ އުތުރިއެރުން ހަތިޔާރުގެ ކުރިމަތިލުންތަކަކަށް ބަދަލުކޮށްލުމުގައި މިގައުމުތައް އިސްދައުރެއް އަދާކުރީ ބައްޝާރުގެ ސަރުކާރަކީ އީރާނަށް ތާއީދުކުރާ ސަރުކާރަކަށްވާތީއެވެ. އަދި ރައްޔިތުންގެ އުތުރިއެރުމާ ދެކޮޅަށް ބާރުގެ ބޭނުންކުރުމަކީ ބައްޝާރުގެ ސަރުކާރުންވެސް ހެދި ވަރަށް ބޮޑު ގޯހެއްކަމަށް ތަޖްރިބާކާރުން ބުނެއެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނުހުއްޓިގެން އުޅެނީ ކޮންމެބަޔަކުވެސް އެބަޔަކު ބޭނުންވާ ގޮތަކަށް ނޫނީ މައްސަލަ ހައްލުކުރަން ބޭނުންނުވެފާ ރައްޔިތުންގެ ކެކުޅުންތަކަށް އެއްވެސް ފަރާތަކުން ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށް އދ. ން ބުނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު