އެންމެ ބޮޑު ރިސޯޓުގެ ގޮތުގައި ދިގުރަށް ފަތުރުވެރިކަމަށް އިންގިލާބެއް ގެންނަނީ

ސަން ސިޔާމް ގްރޫޕުގެ މުވައްޒަފުންނާއެކު ސިޔާމް (މ) ނ. ދިގުރަށުގައި: ދިގުރައް ތަރައްގީ ކުރަނީ ކަނޑުއަޑީގެ ރެސްޓޯރެންޓަކާއެކު 15 ރެސްޓޯރެންޓް ގާއިމް ކުރާ ގޮތަށް-- ސަން ފޮޓޯ

ފަތުރުވެރިކަމުގެ ގިނަ ރަހަތަކެއް އެއް ފުރާޅެއްގެ ދަށުން ލިބުމަކީ ލިބޭނެ އުފަލެކެވެ. އެއީ އެކި ރަހަތަކަށް ލޯބިކުރާ ފަތުރުވެރިންނަށް ލިބޭނެ ފަސޭހައެއް ވެސް މެއެވެ. މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ތަފާތު މާކެޓުތަކެއް ދަނީ ހުޅުވަމުންނެވެ. ގިނައީ ޔޫރަޕުގެ މަތީ ފަންތީގެ ފަތުރުވެރިންނަށް ބިނާކޮށް ތަރައްގީކުރާ ރިސޯޓްތަކެވެ. ނަމަވެސް އެއް ފުރާޅެއްގެ ދަށުން އެކި ރަހަތައް ތަޖުރިބާ ކޮށްލުމުގެ މަގު ތަނަވަސްކޮށް ދޭނެ ކަމުގެ ޔަގީންކަން ދެނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ދިގުރަށުންނެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ގެ، ސަން ސިޔާމް ކުންފުނިން ތަރައްގީ ކުރަމުން އަންނަ ނ. ދިގުރަށަކީ އެ ކުންފުނިން ރާއްޖޭގައި ހުޅުވަން ތައްޔާރުވާ އެންމެ ބޮޑު ރިސޯޓެވެ. ކުންފުނީގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ސިޔާމް ވިދާޅުވާ ގޮތުގައި ދިގުރަށަކީ މިހާތަނަށް އެ ކުންފުނިން ތަރައްގީކުރާ އެންމެ ގޮންޖެހުން ވެސް ބޮޑު އެހެން ނަމަވެސް އެންމެ ހާސިލްކުރަން ބޭނުންވާ ޕްރޮޖެކްޓެވެ.

ސަން ސިޔާމް ގްރޫޕުގެ މުވައްޒަފުންނާއެކު ސިޔާމް (މ) ނ. ދިގުރަށުގައި-- ސަން ފޮޓޯ

ސަބަބެއް ނެތިއެއްވެސް ނޫނެވެ. މިދިޔަ އަންގާރަ ދުވަހު އަވަށްޓެރި ސްރީލަންކާގައި ނިމިގެންދިޔަ ފަތުރުވެރިކަމާ ބެހޭ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ސިޔާމު ވިދާޅުވި ގޮތުގައި، ދިގުރަށް ވެގެންދާނީ ހުރިހާ ފަންތިއަކަށް ބައްޓަންކޮށްގެން ތަރައްގީކުރާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ރިސޯޓަށެވެ.

"ދިގުރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީވުމުން އެންމެ މުއްސަނދި މީހުނުން ފެށިގެން އާދައިގެ މީހާއަށާއި އާއިލާތަކަށް ވެސް މަޖާ މާހައުލެއްގައި އެކަށީގެންވާ އަގެއްގައި ތަފާތު ހަރަކާތްތަކާ އެކު، ކޮޓަރިތަކުގެ އަގުތައް ތަޖުރިބާކުރެވޭނެ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި، ދިގުރަށުގައި ތަރައްގީކުރާ ރިސޯޓުގައި 14 ކެޓަގަރީއަކުން 600 ކޮޓަރި ހުންނައިރު، ކަނޑުއަޑީގެ ރެސްޓޯރެންޓަކާއެކު 15 ރެސްޓޯރެންޓް ހުންނާނެ އެވެ. އޭގެ އިތުރުން ކުޑަކުދިންނަށާއި އާއިލާތަކަށް އިސްކަންދީގެން ހަދާ ވިލާތަކާއި ތީމް ޕާކެއްގެ އިތުރުން ގޮލްފު ކުޅެވޭނެ ގޮލްފް ކޯސްއެއް އޮންނާނެ ކަމަށް އޭނާ އިއުލާންކުރެއްވި އެވެ.

ނ. ދިގުރަށް

ސިޔާމް ވިދާޅުވި ގޮތުގައި، އެ ރިސޯޓް ތަރައްގީ ކުރުމުގައާއި ހުޅުވުމުން 2500 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ އެވެ. ނަމަވެސް ރިސޯޓް ހުޅުވޭނެ ވަކި ތާރީހެއް އޭނާ އިއުލާންކުރައްވާފައެއް ނުވެއެވެ.

ސަން ސޔާމް ގުރޫޕުގެ ދަށުން، ރާއްޖޭގައި ސަން ސިޔާމް އިރުފުށްޓާއި ވިލުރީފު ބީޗު އެންޑް ސްޕާ އަދި އޮޅުވެލި ބީޗު އެންޑް ސްޕާ ރިސޯޓުގެ ނަމުގައި ތިން ރިސޯޓެއް ހިންގަމުން އަންނަ އިރު، ސަން ސިޔާމް ކުންފުނިން ވަނީ ލަންކާގެ ޕަސިކުޑާގައި، ސަން އަކުއާ ޕަސިކުޑާ ރިސޯޓުގެ ނަމުގައި ވެސް ރިސޯޓެއް ހިންގަން ފަށާފައެވެ. ލަންކާގައި ހުޅުވި އެ ރިސޯޓަކީ ދިވެހި ކުންފުންޏަކުން ބޭރު ގައުމެއްގައި އަމިއްލަ އަށް ތަރައްގީކޮށް، ހިންގާ ފުރަތަމަ ރިސޯޓެވެ.

comment ކޮމެންޓް