ހުޅުމާލެ އަކީ މާލޭ މީހުންނަށް ތައްޔާރުކުރާ މަދީނާ އެއް ނޫން: ރައީސް

އިފުރު އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭއަކީ މާލޭ ރައްޔިތުންނަށް ތައްޔާރުކުރާ މަދިނާ އެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރ. އިފުރު އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ހުޅުމާލެއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ތަނަވަސްކަން ފުރިހަމަކޮށްދޭ ތަނަކަށް ހެދުމަށްކަމަށެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ ތައްޔާރުކޮށްދެނީ އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށާއި ވަކިން ޚާއްސަކޮށް "އިގްތިސާދީ ދިރުމެއް ނާންނާނެ" ރަށްރަށުގެ މީހުންނަށް ހުޅުމާލޭގައި ވަޒަންވެރިވެގެން އާމްދަނީ ހޯދާނެ ގޮތްތައް ހޯދުމަށް ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ގެދޮރުނެތް ޒުވާނުންނަށް ވެސް އިސްކަންދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހުޅުމާލެއަކީ އެއްގޮތަކަށް ވެސް މާލޭ މީހުންނަކަށް އަޅުގަނޑުމެން ތައްޔާރުކޮށްދޭ މަދީނާއެއް ނޫން. ހުޅުމާލެއަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން ހިޖުރަކުރަން ބޭނުންވާ ޒުވާނުންނަށް އަޅުގަނޑުމެން ތައްޔާރުކޮށްދޭ މަދީނާއެއް، ޝަހަރެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނުންގެ ތެރެއަށް ހަމަޖެހުން އަންނާނީ ގެދޮރުގެ ދަތިކަން ފަދަ ކަންތައް ފިލުވާދީގެން ކަމަށެވެ. އަދި ހަމަޖެހުން އައިސްގެން ނޫނީ އިގްތިސާދީގޮތުން ދައުލަތް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ހިތްހަމަޖެހޭ ހިސާބަކަށް ފަސޭހަކަމާ އެކީ ދަތުރު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރަށް ވެސް އަދި ދެން އަންނަ ސަރުކާރަކަށް ވެސް އިގްތިސާދީގޮތުން އެންމެ ފައިދާ ހުރި ގޮތަކީ އާބާދީ އެއްފަސްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އާބާދީ އެއްފަސްކުރުމުގެ މަޝްރޫޢުތައް، މީގެކުރީގެ ސަރުކާރުތަކުން އެކި މިންވަރުގައި ކާމިޔާބުކަމާއެކީ ކުރައްވާފާވާކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން ކުރިއަށް ގެންދާ މޮޑެލްއަކީ ތަފާތު މޮޑަލެއް ކަމަށް ރައީސް ވިދާޅުވި އެވެ. ކޮންމެ އަތޮޅެއްގައި ވަކި ރަށްތަކެއް މީހުން ބަދަލުވާ ރަށްތަކުގެ ގޮތުގައި ތަރައްގީ ކުރުމަކީ ބަޖެޓްގެ ތާށިކަން ހުރިވަރުން ކުރަން އުނދަގޫ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ ކުރީގެ ތަޖުރިބާއަށް ބަލާއިރު ކާމިޔާބު ކަމެއް ކަމަށް ފެންނަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ޒުވާނުންގެ ސިޓީގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރަމުންނެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން މިހާރު ވަނީ 245 ހެކްޓަރުގެ ބިން ހިއްކާފަ އެވެ. މިއީ މާލޭގެ ދެގުނައަށް ވުރެ ބޮޑު ސަރަހެއްދެކެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 22،400 ހައުސިން ޔުނިޓް ހުޅުމާލޭގައި އިމާރަތް ކުރާނެ އެވެ.

comment ކޮމެންޓް