ކޮންސްޓްރަކްޝަން ބިލުގެ ސަބަބުން ކުންފުނިތަކަށް އަމާންކަން ލިބޭނެ: މުއިއްޒު

މިރޭ ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއިއްޒު ވާހަކަފުޅު ދައްކަވަނީ ------ ސަން ފޮޓޯ/ އަލީ ނަސީރު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކޮންސްޓްރަކްޝަން ބިލު ގާނޫނަކަށް ވުމުން، ކޮންސްޓްރަންޝަން ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް އަމާންކަން ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން ކުރިއަށް ގެންދިޔަ "ކޮންސްޓްރަކްޝަން އެވެއާނެސް ޗެލެންޖް" ޕްރޮގްރާމްގެ ނަތީޖާ ފާޅުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މީގެކުރިން ގަވާއިދުތައް ހުރިގޮތުން ބައެއް ކޮންސްޓްރަކްޝަން ކުންފުނިތައް ދަރަނިވެރިވެފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ކުރީގައި އަގަށް އަންނަ އެއްވެސް ބަދަލެއް ކޮންޓްރެކްޓަރުންނަށް ލިބޭކަށް ނޯވޭ. އެކަމުގެ ސަބަބުން ވަރަށްގިނަ ގެއްލުންތައް ކޮންޓްރެކްޓަރުންނަށް ވަނީ ލިބިފައި. މަސައްކަތްތައް ހުއްޓި ނުނިމިހުރި މަޝްރޫތަކުގެ ސަބަބުން އެ މަޝްރޫތައް ހިނގާ ރަށްރަށުގެ ރައްޔިތުންނަށް ވަނީ ގެއްލުންތައް ލިބިފައި. ވަރަށްގިނަ ކުންފުނިތައް ބަނގުރޫޓުވުމާ ހަމައަށް ވަނީ ގޮސްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގައި މިސަރުކާރުން ބޭނުންކުރަނީ "އިންޓަނޭޝަނަލް ފޯމިއުލާއެއް" ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ހިންގާ ހުރިހާ މަޝްރޫތަކުގައި، އެ މަޝްރޫއެއް ފެށޭ ހިސާބުން ފެށިގެން އަގަށް އަންނަ ބަދަލު ކޮންޓްރެކްޓަރުންނަށް ލިބޭގޮތަށް އެ ފޯމިއުލާގެ ދަށުން ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ކުރިއަށްގެންދިޔަ ކޮންސްޓްރަކްޝަން އެވެއާނެސް ޗެލެންޖުގެ "ވޯލް އާޓް" ކެޓަގަރީން ނުވަ އަހަރުންދަށުގެ އުމުރުފުރައިން އެއްވަނަ ހޯދާފައި ވަނީ ކަލާފާނު ސްކޫލްގެ ދަރިވަރު ކައިލް އަހުމަދު އަޒުމީ އެވެ.

އެ ކެޓަގަރީން 13 އަހަރުން ދަށުގެ އުމުރުފުރާއިން، އިސްކަންދަރު ސްކޫލްގެ ދަރިވަރު އައިޝަތު އަލިއްޔާ އެއްވަނަ ހޯދި އިރު 18 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ހޯދީ އަމީނިއްޔާ ސްކޫލްގެ ދަރިވަރު އައިމިނަތު މައިސާ އެވެ.

"ތްރީޑީ މޮޑެލް" ކެޓަގަރީން ނުވައަހަރުން ދަށުގެ އުމުރުފުރައިން އެއްވަނައަށް ހޯދީ ކަލާފާނު ސްކޫލްގެ ދަރިވަރު އައިޝަތު އަޔާނާ އަޝްރަފެވެ. އެކެޓަގަރީން 13 އަހަރުންދަށުގެ އުމުރުފުރައިން އެއްވަނަ ހޯދީ އަރަބިއްޔާ ސްކޫލްގެ ދަރިވަރު އަބްދުﷲ މުހައްމަދު އާދަމް އެވެ.

އަށާރަ އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ އިސްކަންދަރު ސްކޫލްގެ ސަނޫފް ފައިސަލް ހޯދި އިރު 18 އަހަރުން މަތީގެ އުމުރުފުރައިން އެއްވަނަ ހޯދީ އަމިއްލަގޮތުން ބައިވެރިވި އައިޝަތު ޝަމާ ހަލީލް އާއި މުހައްމަދު އަމީނެވެ.

comment ކޮމެންޓް