ތީ ފުރާނައިގެ ދިރުމޭ

ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ކަރުދާސް ހަވާލުކޮށްފައި މުސްކާން ނިކުތްތަނާ ތަންކޮޅެއް ދުރުގައި އޮތް ކާރުން ފޭބި އައިޒަން ލޮލުގައި އަޅައިގަތެވެ. އައިޒަން ހިނިތުންވެފައި ސީދާ އޭނާއަށް ބަލަން ހުރިގޮތުން އެފޭބީ މުސްކާންގެ އިންތިޒާރުގައި އިނދެފައިކަން ދޭހަކޮށްދިނެވެ. އިރުކޮޅެއް ނުވެ ފަހަތުން އިތުރު ތިން ޒުވާނަކުވެސް ފޭބިއެވެ. ދެފިކުރެއްގައި ހުރެފައި އެމީހުން ކައިރިއަށް ދާން މުސްކާން ނެގި ފިޔަވަޅާއެކު އައި ނައިތަނެއް ނޭނގި އެކުވެރި ކުއްޖަކު ކުރިމައްޗަށް ޖެހިގެންފައި މޫނަށް އަޅައިލި ކުލައެއްޗަކުން މުޅިމީހާ ފެންވެރިގެންދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާގެ ކަންފަތުގައި ހަރުލައިގެން ދިޔައީ ދުރުގައި ތިބި ތިން ޒުވާނުންގެ ހުނުމުގެ އަޑެވެ. މުސްކާން ފާޑަކަށް އަނގަ ހަދާލައިގެން ހުރެ މޫނުން ކުލަ ފުހެން މަސައްކަތް ކުރަނިކޮށް އައިޒަން ކައިރިއަށް ފިޔަވަޅެއް އަޅާލައިފައި އައިސް އޭނާއަށް އެހީވާން ފެށިއެވެ. ހިނި އައިސް ހުރެގެން އެއިނގިލި ތަކުން މުސްކާންގެ މޫނާއި އިސްތަށިގަނޑުން ކުލަ ފުހެދިންއިރު އެމައުސޫމު ހިތުތެރޭގައި ތޫފާން އުތުރިއަރަމުން ދިޔަކަމެއް އައިޒަންއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟

"މުސްކާން. މީ އަހަރެންގެ ކޮއްކޮ ލީވާން. ދެން މީ އަހަރެންގެ ކަޒިން އިޝާން އަދި އަހަރެންގެ ބެސްޓްފްރެންޑް މިރާހް. އައިޒަން އަތްތިރިކޮށްލާފައި ފަހަތަށް އެނބުރި އިޝާރާތުން ފަހަރަކު މީހަކު ދައްކާފައި ތައާރަފް ކޮށްދިނެވެ. ނަން ކިޔައިލުމުން ކޮންމެ މީހަކުވެސް ހިނިތުންވެލީ ދެކެފަރިތަ އެކުވެރިއެއް ފަދައިންނެވެ. ލީވާން އެންމެ ޅަކޮށް ހުރެފައި މިރާހް ހީވަނީ އައިޒަންއާ ދާދި އެއް އުމުރެއް ހެންނެވެ. އެތަނުންވެސް އެންމެ ހަރުކުލަ ޖެހީ އިޝާންއެވެ. އަނެއް ތިންމީހުންނަށްވުރެ ހަރުދަނާ ސިފަގަނޑު ހުރެފައި ރަކި ގޮތަކަށް ހިނިތުންވެލައި އިސްޖަހައިލި ގޮތުން ނޫންކަމެއްވެސް ނޭނގެއެވެ. އޭގެ ބަދަލުގައި ލީވާންއަށް ފުރުސަތު ލިބޭއިރަށް އޭނާގެ ހުރި ލާނެތްގޮތްގަނޑު ދައްކާލައިފިއެވެ. "ތިއްތި" މި ޗަބީ ކުއްޖާގެ ދަބަސް ވަގަށް ނެގީއޭ ކިޔައިގެން އައިޒަންއާ ދިމާ ކުރަން ފެށުމުން މިރާހްވެސް ހުރީ އެއްބައިވެފައި ލީވާންގެ ކޮނޑަށް އަތް ވައްޓާލައިގެންނެވެ. ރަކިވިވަރުން މުސްކާންއަށް އެސްފިޔަތައް ތިރިކޮށްލެވުނެވެ.

"ހިނގާ އެކޮޅަށް ވާހަކަދައްކާލަން ދާން! ލަސްވާނެތަ؟" އައިޒަން ދައުވަތު ދިންއިރު ފަހަތުން ނިކުމެ މުސްކާންއަށް ބަލަންފެށި ދެއަންހެންކުދިން ފާހަގަވިއެވެ. ލަސަންއާ މާވީ މަޑުކޮށްލައިގެން ތިބީ މުސްކާން ބަލައިލަން ދެނެވެ. ފެށުނީއްސުރެ ތިން ކުދިން އެކީގައި ގެއަށް ދާން އާދަވެފައި ހުރުމުން މުސްކާން އެކަނި ދޫކޮށްލާފައި ދާ ހިޔާލެއް އެމީހުން ނުކުރެއެވެ. ޖަވާބުދޭންވެގެން މުސްކާންވެސް ފުރަތަމަ އެނބުރުނީ އެކުވެރިން ނިކުމެއްޖެތޯ ބަލާށެވެ. "އޯކޭ." އޭނާ ލޮލުގެ އިޝާރާތުން ދެއެކުވެރިން ކައިރީ މަޑުކުރަން އެދިފައި އެނބުރި ޖަވާބުދިނެވެ.

ކާރު ޕާކްކޮށްފައި މުސްކާންއާ އައިޒަންގެ ފަހަތުގައި ތިބެގެން އަނެއް ތިންމީހުން ދިޔައިރު މުޅި އެހިސާބުގައި ސުކޫލް ކުދިންތައް ނިކުމެ ސަކަރާތް ޖަހައެވެ. ފަހު އިމްތިހާނަށް ނިމުމުން އެންމެން އުފާ ފައުޅުކުރަނީއެވެ.

"ދެން އެދުވަހު ވަރަށް ކަންބޮޑުވިތަ ދަބަސް ގެއްލުނީމަ؟" މަގު ހުރަސްކޮށްފައި ގޮސް ފުނަ ގަސްތަކުގެ އަނެއްފަރާތުން ފާރުބުރިމަތީ އިށީންދެފައި އައިޒަން އެހިއެވެ. އެދެމީހުން އެކަނިކޮށްލާފައި އަނެއް ތިން މީހުން ޖެހިލީ ތަންކޮޅެއް ދުރުގައި ހުރި ގާޑިޔާ ކައިރިއަށެވެ. "ދެރަވީ ބޮޑަށް. ހިތަށް އެރީ ދެން ދަބަހެއް ނުލިބޭނެއޭ." އެދެމެދުގައި ހުސްތަން ބާއްވާފައި އިށީނުމުންވެސް އައިޒަންގެ ހަށިގަނޑުން ކަރަންޓް ފޮނުވާހެން ހީވިއެވެ. މުސްކާން އިސްޖަހާލައިގެން އިނީ ފިނިވެފައެވެ. "އެވަރަކުން ބައްދަލު ކުރަން މިއައީ އަރޖެންޓްކޮށް ފުރަން ޖެހޭތީ." އައިޒަން ފަރުވާވެ އެމޫނަށް ބަލާލައިފައި މައުޟޫ ބަދަލުކޮށްލިއިރު އަޑުގައި ސީރިއަސްކަން ވިއެވެ. މުސްކާންއަށް އެވާހަކަ އިވުމުން ސިހިފައި އިސްއުފުލައިލެވުނެވެ. ހަތަރުކަޅި ހަމަވިނަމަވެސް އައިޒަންގެ ލޮލުން އެކައްޗެއްވެސް އޮޅުމެއް ނުފިލިއެވެ. "އަހަރެންގެ ފެމެލީ ދިރިއުޅެނީ ލަންކާގައި. އަހަރެންވެސް އައިސް މިއުޅެނީ ޗުއްޓީ ހަދާލަން. ގެވެސް ފަޅަށް ހުންނާނީ." އައިޒަން އިތުރަށް އޮޅުންފިލުވައިދިނެވެ. ދެން ބައްދަލުވާނެ ދުވަހެއް އަހާލަން ހިތް އެދުނު ނަމަވެސް އެހިތްވަރެއް މުސްކާންގެ ނެތެވެ. އެހެންނޫނަސް އަމިއްލަ އިހްސާސްތައް އައިޒަންއަށް ފައުޅުކުރަން އަދި މާ އަވަހެވެ. ނަން ފިޔަވައި އައިޒަންއާ ބެހޭގޮތުން އޭނާއަށް އެނގެނީވެސް ކޯއްޗެއް ހެއްޔެވެ؟ ރަނގަޅުވާނީ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނިއްޔާއެވެ. މުސްކާން އަމިއްލަ ހިތަށް ވިސްނައިދިނެވެ.

"މުސްކާން ބޭނުމިއްޔާ ބޭނުން އިރަކު ތިއްތި ހޯދަން ގެއަށް ދާންވީ. އަހަރުމެން ގެ ހުންނާނީ ހެންވޭރުގަ. ފުޓްބޯޅަ ދަނޑު ކައިރިން ދާއިރު ފެންނާނެ "އޯކިޑް ލޭންޑް" ކިޔާ ގެއެއް." ކުރުނބާތައް ހިފައިގެން އައިސް ކައިރިވިއިރު ލީވާންގެ ކަންފަތުގައި އައިޒަންގެ ފަހު ޖުމްލަ ޖެހުމުން ގުޅުވާލިއެވެ. ލީވާން ދިއްކޮށްލި ކުރުނބާގައި ހިފާފައި މުސްކާން ބަލައިލުމުން އައިޒަންވެސް އެދިން މައުލޫމާތު ތެދުކޮށްދިނުމުގެ ގޮތުން ބޯޖަހައިލިއެވެ. ރައްދު ދޭން ގޮތެއް ނޭނގިގެން މުސްކާން ވެރިކޮށްލީ އަނެއްކާވެސް ހިނިތުންވުމެކެވެ.

ކުރުނބާ ބޮއި ހުސްވަންދެން ދެން ބޮޑަށް ވާހަކަދެއްކީ ލީވާންމެންނެވެ. މުސްކާން ހެއްވަން އެމީހުން އައިޒަންއަށް ދީފަ ހުރި ލަނޑުގެ ވާހަކަ ކިޔައިދިންއިރު އައިޒަންވެސް ދޫ ނުކުރަން ލީވާންއާ ދެންތިބި މީހުންގެ ވާހަކަ ފަޅާ އެރުވިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި މުސްކާންގެ ހިތުގައި އޮތް ބީރަތްޓެހިކަން ފިލާ ދިޔައީ އަޖައިބުވާހާ އަވަހަށެވެ. އެމީހުންވެސް އޭނައާ ދޭތެރޭ ނުދަންނަ މީހެއްހެން ކަންތައް ނުކުރަންޏާ އެގޮތަށް އިހްސާސެއްވެސް ނުކުރެވޭނެ ނޫން ހެއްޔެވެ؟ އެކުވެރިންނަށް ލަސް ވާނެތީވެ އެންމެންނަށް ވަދާޢު ކިޔައި އަތުން ހަނާ އަޅާލައިފައި އޭނާ ގޮސް ގޯޅިގަނޑަށް ވަންއިރު އަދި އެއްފަހަރު ފަސްއެނބުރި ބަލައިލެވުނެވެ. އައިޒަން އޭރު އެކުވެރިންނާއެކު ކާރަށް އަރަން އައިއިރުވެސް ހުރީ ހެވިފައެވެ. ދުރުހިލޭ މީހެއްގެ ހީލުމުން އޭނާގެ ހިތް އުފަލުން ފޮޅިގެން އައި ފުރަތަމަ ވަގުތުކޮޅަކަށް އެވަގުތުކޮޅު ވެގެން ދިޔައެވެ. މިވަނީ ކިހިނެތްކަން ނޭނގުނަސް އެއް ކަމެއް ޔަޤީންވެއްޖެއެވެ. އެއީ އެހެން އެންމެންނަށްވުރެ އޭނާއަށް އައިޒަން ހާއްސަ ވެއްޖެކަމެވެ.

އިމްތިހާނު ނިމުމުން ހުސް ވަގުތުތައް އޮތީ ބޭނުން ވަރަކަށެވެ. ބޮޑު ޗުއްޓީއަށް ދެއެކުވެރިންވެސް ފުރައިގެން އެތަން މިތަނަށް ދިއުމުން މުސްކާން ފޫހިވާން ފެށިއެވެ. އަނެއްކޮޅުން އެކަނިވެއްޖެނަމަ އައިޒަން ހަނދާންވަނީ މާބޮޑަށެވެ. ނޭނގިހުއްޓާ ހަޔާތުގެ އެއްބައި ކަމުގައި އައިޒަން ވެގެން ދިޔައީ ހައިރާން ކުރުވާފައެވެ. އެއްދުވަހު އެއީ ނުވެސް ދަންނަ މީހެއްގެ ގޮތުގައި ހުރެފައި އަނެއްދުވަހު އެއީ އޭނާގެ ހިތެވެ. ދުނިޔެއަކީވެސް އަޖައިބެއްފަދަ ތަނެކެވެ. ކިތަންމެ ދުރުގައި ކޮންމެ ގޮތަކަށް އުޅެފައިވެސް ތަޤްދީރުގައި ހުރިއްޔާ ކޮންމެވެސް ދުވަހަކުން އެދެމީހަކު ބައްދަލު ވާނެ ގޮތް ފަހި ކުރެއެވެ. މުސްކާންގެ އުންމީދަކީ ގިނަ ދުވަހެއް ނުވެ އައިޒަންވެސް ދެވަނަ ފަހަރަށް ލޯ ކުރިމައްޗަށް އައުމެވެ. އެއް ދުވަސްވެސް އެއީ އޭނާއަށް އެއް އަހަރު ފަދައިން އިހްސާސް ކުރެވުނު ވާހަކަ އައިޒަންއަށް ކިޔައިދޭން ބޭނުމެވެ. ލޯ މަރައިލާއިރަށް ހުވަފެނުން ފެންނާތީ ނުނިދޭ ވާހަކަ ކިޔައިގެން ޝަކުވާ ކުރަން އެދެއެވެ. ފުރައިގެން ދިޔައިރު ގުޅައިލެވޭނެ ގޮތެއްވެސް ފަހިކޮށް ނުދީ ދިޔައީތީ އައިޒަން ކުރިމަތީ ބޮޑާހާކަން ބޭނުމެވެ. ފަހުން ބައްދަލުވި ދުވަހު ލީވާން ދިން މައުލޫމާތު ހަނދާންވެފައި އޭނާ އެގެ ހުންނަ ހިސާބަށްވެސް ދިޔައެވެ. ދާދި ފަސޭހައިން ގެ ފެނުނަސް ގޭޓުގެ ދަނގަޑު ތޭރިތަކު ތެރެއިން ބޮޑު ތަޅުއަޅުވާފައިވާ ދޮރު ފެނުމުން އިތުރަށް މާޔޫސް ވުން ނޫންކަމެއް ނުވިއެވެ.

ބޮޑު ޗުއްޓީ ނިމި އާއަހަރު ފެށިފައި ގިނަ ދުވަސްތަކެއް ނުވެ ޒިހާން ކުއްލިއަކަށް ބަލިވިއެވެ. ފުރަތަމަ ވީ ގޮތަކީ އެއްދުވަހަކު ފުޓްބޯޅަ ކުޅެފައި އައިފަހުން ކަކޫ ދުޅަވާން ފެށީއެވެ. ރަމްލާ ދެތިން ދުވަހެއް ވަންދެން ބޭސް އުނގުޅައި ރަނގަޅު ނުވެގެން ބޭސް ބަދަލުކޮށް ހެދީމައިވެސް އެނގުމެއް ނުވިއެވެ. އެންމެފަހުން ހޮސްޕިޓަލަށް ގެންދިއުމުން އެތާގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފެށިއެވެ. ފަނަރަ ދުވަސް ވެގެން ދިޔައިރު ކުޑަކޮށްވެސް އެނގިނުލައެވެ. އެހިސާބުން ޑޮކްޓަރ ބައްދަލުކޮށްފައި ބުނީ އެއީ ޓިއުމަރަކަށް ވެދާނެ ކަމުގައެވެ. އެވަރުންވެސް އެމީހުން ތިބީ ޒިހާން ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެކަމަކު އިތުރަށް ދެން އަތް އުރާލައިގެން ތިބޭކަށް އާއިލާއިން ބޭނުމެއް ނުވިއެވެ. ޑޮކްޓަރުންނާއި ދެބަސްވެ ޒުވާބަކަށް ގޮސްގެން ހަފްތާއެއް ފަހުން ޑިސްޗާޖް ކަރުދާސް ލިބުމާއެކު ޒިހާން ގޮވައިގެން އާއިލާއިން ލަންކާއަށް ފުރައިފިއެވެ.

ލަންކާ ހޮސްޕިޓަލުން ދިން ޚަބަރަކުން އެއުފާވެރި އާއިލާއަށް ތޫފާނެއް އައެވެ. ޒިހާންގެ ބައްޔަކީ ކަށީގެ ކެންސަރ ކަމާއި ހަފްތާއެއް ކުރިން އައި ނަމަވެސް ކަކުލާއި ހިސާބުން ފައި ބުރިކޮށްލަން ނުޖެހި ސަލާމަތްވީސް ކަމަށް ބުނުމުން އެންމެން ހިތް ހަލާކުވިއެވެ. ކުރިއްސުރެ ކަކުލުގައި ހުރި ޓިއުމަރަށް، އެދުވަހު ކުޅުމުގެ ތެރޭ ގެއްލުންވީއެވެ. ދޮންބެއަށް ޖެހިފައިވާ ހާލު އެނގުމުން މުސްކާން ރޮއިރޮއި ދެލޯ ދުޅަވިއެވެ. އެހާ އުފާވެރިކޮށް ދުވެދުވެފައި އުޅުނު ދޮންބެގެ ހަޔާތުގެ ބާކީބައި ހޭދަކުރަން ޖެހޭނީ ނުކުޅެދޭ ހާލުގައި ކަމަށް ޤަބޫލު ކުރާކަށް ތައްޔާރެއް ނޫނެވެ. އެދުވަހު ޒިހާންގެ ފައި ބުރިކޮށްލަންވީ ވަގުތު ރަމްލާ ބޭއްވީ ނިދާ އިންޖެކްޝަނެއް ޖަހައިފައެވެ. މުސްކާން މާލޭގައި ހުރި ކުއްޖާވެސް ބިރުން އެއްތާކު ދެފައި ނުޖެހިގެން އުޅޭއިރު އަދި މަންމައަށް ވާނީ ކިހިނެތް ހެއްޔެވެ؟ ތިންބެއިންނާއެކު ޣަފޫރު ހޮސްޕިޓަލުގައި ހުރެފައި ޒިހާން ވެއްދިތާ އިރުކޮޅެއް ފަހުން ފެނުނީ އަނބުރައިގަނެގެން ވެއްޓުނު ތަނެވެ.

ކުރެވޭނެ ކަމެއް ނެތުމުން މުސްކާންގެ ކަމަކަށް ވީ ދޮންބެއެއަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާ ކުރުމެވެ. ނުކުޅެދޭ ހާލުގައިވެސް އިތުރަށް ބަލި ނުފެތުރި ސަލާމަތް ވުމަށް އެދެވުނެވެ. މަސްނޫއީ ފަޔަކާއެކުވެސް ދޮންބެއަށް ދިރިއުޅުން ލިބިއްޖެއްޔާ ރަނގަޅެވެ. އެކަމަކު ތަޤްދީރުގައި އޮތީ އޭގެ އިދިކޮޅަށެވެ. ފައި ހަމައަކަށް އެޅި އަންނަން ވެގެން ޓެސްޓް ހެދުމުން އެނގުނީ ބަލި އިތުރަށް ފެތުރެމުން އަންނަ ކަމެވެ. އެއް ފައި ކަކުލުން ތިރި ޤުރުބާން ކުރުމަށްފަހުވެސް އަލިމަގެއް އަދި ނުފެނުނެވެ. ޒިހާންއަށް ފަރުވާ ކުރަން ލަންކާގައި ތިބެން ޖެހޭނެ މުއްދަތެއް ލަފާކޮށް ކަނޑައެޅެން ނެތުމުން ޣަފޫރު ނިންމީ އާއިލާ އެއްކޮށް އެކޮޅަށް ބަދަލު ކުރުމަށެވެ.

*****

2006 ވަނަ އަހަރުގެ އޭޕްރީލް މަހު އެއާއިލާ ކޮލޮމްބޯއަށް ބަދަލުވިއެވެ. "ނޮގޭގޮޑަ" ގައި އެމީހުން ތިބެން ހަމަޖެހުނީ އާއިލާ ބައެއްގެ ކައިރީގައެވެ. ޣަފޫރު އެއްބަނޑު ފިއުޒާ އާއި ފިރިމީހާ އަބްދުﷲގެ އިތުރުން ދެން ތިބެނީ ތިން ކުދިންނެވެ. ދެބުރިއަށް ނަގާފައި ހުރި "މިޑޯވިއު" ހުންނަނީ ހިތްފަސޭހަ ސަރަހައްދެއްގައެވެ. ހަކޮޓަރިއާ ސިޓިންރޫމްގެ އިތުރުން ބަދިގެއާ ގުދަނެއް ހުރެފައި އިތުރަށް ގޯތިތެރޭގައިވެސް ނިކަން ބޮޑަށް ހުސްތަން އޮވެއެވެ. މުސްކާން ނެގިމަޑުވެފައި ހުންނާތީ ރަމްލާ ހިޔާލު ދިނީ ހުސްތަނުގައި ގަސް އިންދުމަށެވެ. މާލޭގައި އުޅުނުއިރުވެސް އޭނާ ނިކަން ޝައުޤުވެރިކަމާއެކު މާ ހެއްދުމުގެ މަސައްކަތް ކުރިއެވެ. އެހެނަސް މިހާރު ހުރިހާ ކަމެއް ތަފާތެވެ. އަމިއްލަ އުފާތައް މަތިން ހަނދާންވާނީ ފުރަތަމަ ދޮންބެގެ ހިތާމަ ހިތުން ފިލާނެ ވަގުތެއް އައިސްގެން ނޫން ހެއްޔެވެ؟ މުސްކާން ކަމަކީ އަބަދުހެން ޒިހާން ފޫބުޑުގައި ޖައްސާފައި ހުރުމެވެ. ކީމޯ ސެޝަން ނިންމާފައި އައި ފަހުން ދޮންބެއަށް ވާވަރު ފެނިފައި ކޮންމެފަހަރަކު އޭނާއަށް ރޮވެއެވެ. ހޮޑުލައިލައި ގޮހޮރު ހުސްވެފައި އޮންއިރު އަދި އެއްޗެއް ކާހިތެއްވެސް ނުވެއެވެ. ވަރުބަލިކަމުން ނިދާފައި އޮންނައިރު ގިނައެވެ.

ނަތީޖާ ލިބުމަށްފަހު މުސްކާން އޭލެވެލް ހަދަން ކޮލެޖަށް ވަނެވެ. ފުރަތަމަ ދުވަހު ކޮލެޖަށް ދާން ހޭލިއިރު ވާރޭ ވެހެއެވެ. ގަދަ ނޫކުލައިގެ އަތްދިގު ޓީޝާޓާކާއި ޖިންސެއްގައި ހުރިއިރު ބުޅި އިސްތަށިގަނޑު ބޭއްވީ ފަހަތަށް ދޫކޮށްލައިފައެވެ. އޭނާ ދަބަސް ހިފައިގެން ނިކުތްއިރު ނަބާވެސް ތައްޔާރުވެގެން ނިކުތީއެވެ. ނަބާ އެއީ ބޮޑުދައިތަގެ ދަރިފުޅެވެ. އުމުރުގެ ގޮތުންވެސް މުސްކާންއާ އެއްވަރުވެފައި އެއް ކޮލެޖަކަށް ދާގޮތަށް ވުމުން މުސްކާން ހިތްހަމަ ޖެހުނެވެ. ނާސްތާކޮށް ނިމިގެން މަންމަމެންނަށް އަންގާލައިފައި ނިކުތްއިރު ޑްރައިވަރު އިނީ ވޭން ނެރެގެން ތައްޔާރުގައެވެ. އަރައި އިށީންފަހުން މުސްކާން ކަޅިޖަހާނުލާ ބަލަން އިނީ ބިއްލޫރިގަނޑަށެވެ. ވަޔާއެކު އައި ވާރޭ ތިކިތައް އެބިއްލޫރިގަނޑުގައި ބޮސްދެމުން ތިރިއަށް ފިރުކެމުންދިޔަ މަންޒަރުގެ ތެރެއިން އޭނާގެ ހިތުގެ ލޯގަނޑަށް އައިޒަން އެރިއެވެ. ތެމިފޯވެގެން ދަބަސް ރައްދު ކޮށްދޭން އައި ރޭ އަދިވެސް ހީވަނީ އިއްޔެ ވީ ކަމެއް ހެންނެވެ. އެކަމަކު އޭގެ ފަހުންވެސް މިހާރު އަހަރަކާއި ގާތް ކުރަނީއެވެ.

އިރުގަނޑެއް ފަހުން ވޭން މަޑުކޮށްލީ ގޭޓްވޭ ކޮލެޖް ކައިރިއަށެވެ. މުސްކާންގެ ހިޔާލުތައް ވިއްސި ވިހާލިވެ އިންތަނުން ތެދުވެފައި ނިކުތްއިރު ކޮލެޖްގެ ގޭޓު ހުރީ ކުރިމަތިން ފެންނާށެވެ. ނަބާ ލުއި ހިނިތުންވުމަކާއެކު އޭނާގެ ކޮނޑުގައި ހިފާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ކޮންމެ ގޮތެއް ވިއަސް ފުރަތަމަ ދުވަހަށް ވުމުން މުސްކާން ހިސާބަކަށް ފިނިވިއެވެ. އެތައް ކުދިންނެއް ވަންނަމުންދިޔަ ބައިގަނޑު ތެރެއިން ވަދެގެން ދިޔައިރު މުސްކާންއަށް ހާއްސަ ނަޒަރެއް ނުދޭ އެކަކުވެސް ފަސްދީ ނުދެއެވެ. ކޮލެޖަށް އަލަށް ވަން އަންހެންކުއްޖާ ފެނުމުން ކޮންމެ މީހަކުވެސް ބަލައިލަނީ ޝައުޤުވެރިވެފައެވެ.

ހީކުރިވަރަށް ވުރެ ފަސޭހައިން މުސްކާންއާ ކުދިން އެކުވެރިވިއެވެ. ގިނަ އަދަދެއްގެ ރާއްޖޭ ކުދިންނާއި ދިމާވުމުން ފޫހިވެގެން ހުންނާކަށް ނުޖެހެއެވެ. އެހެނަސް މުސްކާންގެ ހަމައެކަނި ޝައުޤުވެރިކަން ހުރީ ކިޔެވުމަށެވެ. ހުސް ވަގުތެއްގައި އެއްޗެއް ކާލަން ކެންޓީނަށް ވަނަސް އަވަހަށް ނިންމާފައި ދެން އިންނާނީ ވަދެ އެކަނިމާއެކަނި ލައިބްރަރީގައެވެ. ހަވީރު ހަތަރެއް ޖެހިފަހުން ދެކުދިން ނިކުމެގެން އައިއިރު ޑްރައިވަރ އިންތިޒާރުގައި އިނެވެ. އަރައި އިށީންދެފައި ނަބާ އެދުނީ ދާ މަގުމަތީ އޭނާ ބުނާ ފިހާރައެއް ކައިރިއަށް މަޑު ކުރުމަށެވެ.

ވާރޭ ހުއްޓާފައި އޮތް ނަމަވެސް އުޑުމަތި އޮތީ ބަނަކޮށެވެ. ނަބާ ނިކުމެގެން ދިއުމުން މުސްކާން އިންތިޒާރުގައި އިނދެފައި އެއްލި ކަޅިއަކުން ފެނުނީ އަނެއްފަރާތުގައި ހުރި ފިހާރައަކުން ނިކުތް ޒުވާނެކެވެ. މެދުމިނުގެ އިސްކޮޅަކާއި ފަތިހަށިގަނޑެއްގެ ވެރިޔާ ބަލާބެލުމަށް ހިތްގައިމެވެ. އަތުގައި އޮތް ވޮލެޓް ޖިންސް ޖީބަށް ކޮށްޕާލައިފައި ގޮސް ސައިކަލަށް އެރިއިރު މުސްކާން އިނީ ފަރުވާވެ ބަލާށެވެ. އެއީ ކާކުކަން ޔަޤީންވުމުން އިތުރަށް އެންމެ ސިކުންތަކުވެސް އޭނާ މަޑު ނުކުރެއެވެ. އަވަހަށް ދޮރު ހުޅުވާލައިފައި ނިކުމެ "ސާމީ" އޭ ގޮވައިލުމާއެކު އެޒުވާނާ ހުއްޓިފައި އެނބުރި ބަލާލައިފިއެވެ. މުސްކާންގެ ލޮލަށް ޖަމާވި އުފާވެރި ކަރުނަތަކާއެކު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން އައެވެ. އެނބުރި ބަލައިލާފައި ސާމީއަށް އޭނާ ފާހަގަ ވުމުން ބާރު ބާރަށް އައިސް ކުރިމައްޗަށް ހުއްޓުނުއިރު އެއަތުތެރެއަށް އޭނާ ނުލާނެ ކަމަކަށްވެސް ހިއެއް ނުކުރެއެވެ. ސާމީއަކީ އެންމެގާތް އެކަކެވެ. އިސްކަންދަރުގައި ދެމީހުން އެކީ އުޅުމަށްފަހު މުސްކާން އަމީނިއްޔާއަށް ވަންފަހުންވެސް ވަރަށް ފަހަކާއި ޖެހޭންދެން ދެމީހުންގެ ގުޅުން އޮތެވެ. ސާމީގެ ޚަބަރެއް ނުވީ ދެހާސް ފަސްވަނަ އަހަރު ނިމުނު ފަހުންނެވެ. ބޮޑު ޗުއްޓީއަށްފަހު ކޮންމެވެސް އެހެން ޤައުމަކަށް ކިޔަވަން ބަދަލުވީ ކަމަށް ހީކުރެވުނީ އިއްތިފާޤަކުންނެވެ.

"މުޝް ކީއްކުރަނީ މިތާ؟ މިކޮޅުގައިތަ ކިޔަވަން އުޅެނީ؟ ކޮންއިރަކު ލަންކާއަށް އައީ؟" ސާމީ އުފާވެފައި ހުރެގެން މުސްކާންގެ އަތުގައި ހިފާލައިފައި ސުވާލުތައް ބަނޑުންކޮށްލިއެވެ. ބޭނުންވިއަސް އެތަން ވީ އެއްވެސް ވާހަކައެއް ތަފްސީލު ކޮށްދެވޭފަދަ ތަނަކަށް ނޫނެވެ. ދިގު ވާހަކައެއް ކަމަށް ބުނެ ޖަވާބު ދިނުމުން ސާމީ އެދުނީ އެޑްރެސް ދިނުމަށެވެ. މުސްކާން އަވަހަށް ނޯޓު ފޮތް ނަގައި އެޑްރެހާއި ގޭގެ ފޯނު ނަންބަރު ލިޔެލާފައި ސާމީއަތަށް ދިއްކޮށްލިއެވެ. "އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ތިގެއަށް ދާނަން." ސާމީ ދާންވެގެން މުސްކާން އަތަށް ބާރުކޮށްލައިފައި ވަކިވެގެން ގޮސް ސައިކަލަށް އެރިއެވެ. އޭރު ނަބާވެސް ފިހާރައިން ލުއިކާނާތަކެއް ގަނެގެން އައިސް ހުރީ ބަލާށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު