ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލައިފި

މާރާމާރީއެއް ހިނގާފައިވާ ސަރަހައްދެއް ފުލުހުން ބަންދު ކޮށްފައި: ސަން ފައިލް ފޮޓޯ

މިރޭ މާލޭގައި ވަޅިން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މިރޭ ވިދާޅުވީ މިރޭ 8:45 ހާއިރު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ އަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ އޭނާގެ ހާލަތު އެހާ ސީރިއަސް ނޫން ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ބިދޭސީ މީހާއަށް ހަމަލާ ދީފައި ވަނީ ކޮން ސަރަހައްދަކުން ކަމެއް އަދި ނޭނގޭ ކަމަށާއި އަދި އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ބިދޭސީއަކަށް މިރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާއިރު މިދިޔަ މާޗު މަސް ތެރޭގައި ދެ ބިދޭސީއަކު ވަނީ މަރުވެފަ އެވެ. އޭގެތެރެއިން އެކަކަކީ ހާބަރު ސަރަހައްދުގައި ހުންނަ "ޅިޔަނު ކެފޭ" ގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ މަރާލާފައި ވަނީ ބަޔަކު މީހުން އެ ކެފޭ ތެރެއަށް ވަދެ ބިދޭސީ މީހާއަށް ދިން ހަމަލާއެއްގައި އެވެ.

comment ކޮމެންޓް