އެންމެ ކަންބޮޑުވަނީ ހަރުކަށި މީހުންނަށް ބޭރުގެ ފަރާތްތަކުން ވާގިދޭތީ: ދުންޔާ

އޯއައިސީގެ ޖަލްސާގައި ފޮރިން މިނިސްޓަރު ދުންޔާ ވާހަކަފުޅު ދައްކަވަނީ-- ފޯޓޯ: ފޮރިން މިނިސްޓްރީ

އިސްލާމްދީނަކީ ސުލްހައިގެ ދީނެއް ކަމަށާއި ރާއްޖެއިން އެންމެ ކަންބޮޑުވާ ކަމަކީ ހަރުކަށި މީހުންނަށް ބޭރުގެ ފަރާތްތަކުން ވާގިދޭތީ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ކުވައިތުގައި މިއަދު ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ކައުންސިލްގެ 42 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިސްލާމުންނަށް ލިބިފައި އޮތް އެންމެ ބޮޑު ބާރަކީ ކެތްތެރިކަން ކަމަށެވެ.

"...ހަށުކަށިކަމަށް އިސްލާމްދީނުގައި އެއްވެސް ޖާގައެއް ނެތް، ކަން މިހެން އޮތް ނަމަވެސް އުއްމަތުގެ ހުރިހާ ކަންކޮޅު ތަކަކުން ވެސް ފެންނަނީ ހަށުކަށި މޫނުތަށް އަޅުގަނޑުމެންނަށް ބަލަމުންދާތަން. ދިވެހިރާއްޖެއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހަރުކަށި މީހުންނަށް ބޭރުގެ ފަރާތްތަކަކުން ހުރިހާ ގޮތަކުން މަދަދުކުރަމުން ދިއުން، ހާއްސަކޮށް، ކުރިއަރަމުން އަންނަ ޑިމޮކްރަސީތަކުގައި،" މިއަދުގެ ޖަލްސާގައި ދުންޔާ ވިދާޅުވިއެވެ.

އިސްލާމްދީނުގެ ހަގީގީ އަގުތައް ލިބިގަތުމަށް މުސްލިމުން އެއްބައިވަންތަ ވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއްބައިވަންތަ ކަމާއި ނުލައި މުސްލިމުންނަށް ބާރުވެރި ނުވެވޭނެ ކަމަށެވެ.

ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭން ކަންބޮޑުވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އެގޮތުން ފަލަސްތީނުގައި އިސްރާއީލުން އާބާދީތައް ހަދަމުންދާ ދިއުން ރާއްޖެއިން ކުށްވެރި ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

"...ފަލަސްތީނުގެ ދައުލަތް އުފެއްދުމަށް ތާއީދު ކުރުމަށާއި ފަލަސްތީނުގެ ބިމުގައި އެ ދައުލަތުގެ ސިޔާދަތު ގަބޫލު ކުރުމަށް ދިވެހި ރާއްޖެއިން ގޮވައިލަން،" އޭނާ ވިދާޅުވިއެވެ.

ސޫރިޔާ އާއި އިރާގުގައި ހިނގަމުންދާ ހަނގުރާމަ އާއި މިޔަންމާގެ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ހާލަތަށް ވެސް ދުންޔާގެ ވާހަކަ ފުޅުގައި އަލި އަޅުއްވައިލެއްވި އެވެ. އެގޮތުން އިރާގާއި ސޫރިޔާގައި ސުލްހައަށް ކުރި ލިބެން ޖެހޭ ކަމަށާއި ރޯހިންޔާ ދަރިކޮޅުގެ މީހުންނަށް ރަހުމް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް